އިވެންޓް ކަވަރޭޖްހެދީ: އަޙްމަދު ރަޝީދު (އަންނާރޭ)

ދުނިޔޭގެ ނަން މަޝްހޫރު ކާބޯތަކެތީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއް ކަމަށްވާ އޮންދިގޯގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު އެކްޓްރެސް ރިޝްމީ ރަމީޒް ހަމަޖައްސައިފި އެވެ. އޮންދިގޯގެ ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ ހަމަޖެއްސިކަން އާއްމުކުރީ މިއަދު އޮންދިގޯ ބިލްޑިންގްގައި އޮންދިގޯ ކަލިނަރީ ސްޓޫޑިއޯ ހުޅުވުމަށާއި ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އޮންދިގޯ ކަލިނަރީ ސްޓޫޑިއޯގައި މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި އޮންދިގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޮންދިގޯގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖުނައިދުގެ އަނބިކަނބަލުން، އޮންދިގޯގެ އެކްޒެކްޓިވް ޑައިރެކްޓަރ ރިޝްމާ ރަޝީދެވެ.

އޮންދިގޯގެ ބްރޭޑްންޑް އެމްބެސެޑަރަކަށް ރިޝްމީ އައްޔަންކުރަން ނިންމައި އެފުރުޞަތު ދިނީ ރިޝްމީގެ ފަރާތުން އޮންދިގޯއަށް ކުރިއެރުންތަކެއް ލިބޭނެކަން ޔަޤީންވާތީ ކަމަށް ޖުނައިދު ފާހަގަކުރެއްވިއެވެ.

“ރިޝްމީއަކީ މި ދާއިރާގެ އެއްމެ ރަނގަޅު އެއް ސްޓަރ ކަން އަޅުގަނޑު ފާހަގަކޮށްލަން. އަދި އެއްމެ ބޮޑަށް ރިޝްމީ އައްޔަންކުރަން ނިންމި ސަބަބަކީ މި ދާއިރާގައި އޭނާ އަކީ އެއްމެ ބޮޑަށް ޑިސިޕްލިންގ ހިފަހައްޓާ ފަރާތެއް.” ކުރިއަށް އޮތްތަނުގައި އޮންދިގޯގެ ޕްރޮޑަކްޓްތަކާއި އިވެންޓްތައް އިޝްތިހާރުކުރުމުގައި ހަރަކާތްތެރިވާނީ ރިޝްމީ ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.

މި އިވެންޓްގައި ރިޝްމީ ބުނީ މިއަދު މި ހުޅުވުވުނު ކަލިނަރީ ސްޓޫޑިއޯގެ ދަށުން ގިނަ އިވެންޓްތަކާއި ޕްރޮގްރާމުތައް ހިންގުމަށް ރިޝްމީމެން ޕްލޭންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ރިޝްމީގެ މީސްމީޑިއާ މަންސަތަކާއި އޮންދިގޯގެ މީސްމީޑިއާ މަންސަތައް ބޭނުންކޮށްގެން އޮންދިގޯ އިން ކުރިއަށްގެންދާ އިވެންޓްތައް ތަޢާރަފުކުރެވެމުންދާނެ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އޮންދިގޯއިން އެތެރެކުރާ ތަކެތި ރިޝްމީ ބޭނުންކުރަމުން ގެންދާނެ ކަންވެސް ފާހަގަކޮށްފައި ވެއެވެ.

އޮންދިގޯގެ ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ ހަމަޖައްސާފައިވަނީ އަހަރަކުން އަހަރަކަށް އެގްރީމެންޓް އައުކުރަމުން ދާނެ ގޮތަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކަލިނަރީ ސްޓޫޑިއޯއެއް އޮންދިގޯގެ ފަރާތުން ހުޅުވި މަޤްޞަދަށް ޖެހިލަމުން ޖުނައިދު ވިދާޅުވީ ކާބޯތަކެތި ވިއްކައި އުޅޭއިރު ކާއެއްޗެއްހި ކައްކާނެ ގޮތްތަކެއްވެސް ދަސްކޮށްދޭން ޖެހޭނެ ކަމަށް އޮންދިގޯގެ މެނޭޖްމެންޓުން ދެކޭ ކަމަށެވެ. އެގޮތުން އޮންދިގޯ ކަލިނަރީ ސްޓޫޑިއޯ ޚާއްޞަކޮށްލާފައިވަނީ އޮންދިގޯގެ ޕްރޮޑަކްޓްތައް ކައްކާނެ ގޮތާ، ރެސިޕީތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމަށް ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ. މީގެ އިތުރުން އޮންދިގޯ އިން އެތެރެކުރާ ތަކެތީގެ އިތުރުން އެހެން ފަރާތްތަކުގެ ޕްރޮޑަކްޓައްވެސް އެ ކަލިނަރީ ސްޓޫޑިއޯގައި ބޭނުންކޮށް، އެ ބޭނުންކުރާނެ ރަނގަޅު ގޮތްތައް ދަސްކޮށްދޭނެ ކަމަށްވެސް ޖުނައިދު ފާހަގަކުރެއްވިއެވެ.

އޮންދިގޯ އިން މިހައިތަނަށް، ދުނިޔޭގެ ނަން މަޝްހޫރު 08 ބްރޭންޑެއްގެ ކާތަކެތި އެތެރެކޮށް ވިއްކަން ފަށާފައި ވެއެވެ. އޭގެ ތެރޭގައި ޓޯމާޓޯ ސޯސް، ޗިލީ ސޯސް އަދި ސީރިއަލްގެ އިތުރުން ބައެއް އެހެން ޕްރޮޑަކްޓްތައް ހިމެނެއެވެ. އޮންދިގޯއިން 08 ބްރޭންޑެއްގެ 100 އަށް ވުރެން ގިނަ އައިޓަމް ރާއްޖެ އެތެރެކޮށް ވިއްކަމުން ދެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.