ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަމާދަށް ސަފުހެދުން

ފަރުޟު ނަމާދުތައް ޖަމާޢަތުގައި އިމާމެއްގެ ފަހުތަގައި ކުރާއިރު މައުމޫމުން ސަފު ހަދަން ފަށަންވާނީ އިމާމު މީހާއާއި ދިމާ މެދުންނެވެ. މައުމޫމުން ސަފުހަދާއިރު އިމާމު މީހާއާއި ދިމާއިން ފެށިގެން ސަފު ފުރަމުން ދާންވާނީ ދެފަރާތަށް ހަމަހަމަ ވާގޮތަށެވެ. ފުރަތަމަ ހަދަމުން ގެންދާ ސަފު ފުރުމުން ނޫނީ އިތުރު ސަފެއް ހަދަން ފަށައިގެން ނުވާނެއެވެ. މިގޮތަށް ދެފަރާތަށް އެއްވަރަށް ސަފު ހަދާފައި އޮންނައިރު ވެސް، ސަފުގެ ކަނާއަތް ފަރާތުގެ ހެޔޮކަން ވާތް ފަރާތަށްވުރެ ހެޔޮވެގެންވެއެވެ. މިކަމުގެ ދަލީލަކީ މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެން އައިސްފައިވާ މިބަސްފުޅެވެ. އެކަމަނާ ވިދާޅުވިއެވެ. رسول الله صلّي الله عليه وسلّم حديث ފުޅު ކުރެއްވިއެވެ. (انّ الله وملاءكته يصلّون علي ميامين الصّفو ف) (رواه ابوداود, وابن ماجه……) މާނައީ: ހަމަކަށަވަރުން ސަފުގެ ކަނާއަތް ފަރާތުގެ އަހުލުވެރިންނަށް މާތްﷲ ރަހުމަތް ލައްވައެވެ. އަދި މަލާއިކަތުން ރަހުމަތް ލެއްވުން އެދި ދުޢާ ކުރައްވަތެވެ.

އިމާމު މީހާއާއިއެކު ޖަމާޢަތުގައި ބައިވެރިވަނީ އެންމެ ފިރިހެނެއްނަމަ، އެހާލަތުގައި މައުމޫމު މީހާ ހުންނަންވާނީ އިމާމު މީހާއާއި އެއްސަފެއްގައި، އިމާމު މީހާގެ ކަނާއަތް ފަރާތުގައި އިމާމު މީހާއާއި ޖެހިގެންނެވެ. މިކަމުގެ ދަލީލަކީ، މާތްﷲ ރުއްސުންލެއްވި ޖާބިރުގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެ ފާނު ވިދާޅު ވިއެވެ. رسول الله صلّي الله عليه وسلّم ނަމާދު ކުރެއްވުމަށްޓަކައި ތެދުވެ ވަޑައިގެންފިއެވެ. ފަހެ އަހުރެން އައިސް އެކަލޭގެ ފާނުގެ ވާތް ފަރާތުގައި ހުއްޓިއްޖައީމެވެ. ފަހެ އެކަލޭގެފާނު އަހުރެންގެ އަތުގައި ހިއްޕަވައި އެކަލޭގެފާނުގެ ކަނާއަތް ފަރާތަށް އަހުރެން އަނބުރައި ލައްވައިފިއެވެ. ދެން ޖާބިރު ބުނު ޞަޚުރު އަތުވެއްޖެއެވެ. އަދި އެކަލޭގެފާނުގެ ވާތް ފަރާތުގައި ހުއްޓިއްޖެއެވެ. ފަހެ އެކަލޭގެފާނު އަހުރެމެން ދެމީހުންގެ އަތުގައި ހިއްޕަވައި ފަހަތަށް ފޮނުވާލައްވައި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ސަފު ހައްދަވައިފިއެވެ. (رواه مسلم وابو داود)

ފިރިހެނުންގެ ޖަމާޢަތެއްގައި އަންހެން ކަނބަލުން ތިބޭނަމަ ތިބެންވާނީ ފިރިހެން ސަފުތަކުގެ ފަހަތުގައެވެ. އެކަނބަލުން ފިރިހެނުންގެ ސަފަށް އަރައިގެން ނުވާނެއެވެ. މިކަމުގެ ދަލީލަކީ، މާތްﷲ ރުއްސުންލެއްވި އަނަސްގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެމެންގެ ގޭގައި އަހުރެންނާއި ޔަތީމާ ދެމީހުން رسول الله صلّي الله عليه وسلّم ގެ ފަހަތްޕުޅުގައި ނަމާދު ކުރީމުއެވެ. އަހުރެންގެ މަންމަ އުއްމުސުލައިމް ހުންނެވީ އަހުރެމެންގެ ފަހަތުގައެވެ. (رواه بخاوي ومسلم)

އަންހެން ކަނބަލުން ޖަމާޢަތް ހަދައިގެން ފަރުޟު ނަމާދުކުރާ ނަމަވެސް، އިމާމު މީހާގެ އިތުރުން ޖަމާޢަތުގައި އެންމެ މީހަކު ހުރިނަމަ ހުންނަންވާނީ އިމާމު މީހާގެ ކަނާއަތް ފަރާތުގައި ޖެހިގެންނެވެ. އަދި އެކަކަށްވުރެ ގިނަ އަދަދެއްގެ މީހުން ޖަމާއަތުގައި ބައިވެރިވާނަމަ މައުމޫމުން ތިބެންވާނީ އިމާމާގެ ފަހަތުސަފުގައެވެ. އަދި ސަފު ހަދަމުން ގެންދަންވާނީ އިމާމުމީހާއާއި ދިމާއިން ފެށިގެން ދެފަރާތަށް ހަމަހަމަވާގޮތަށެވެ. އެއްސަފު ފުރުމުން ނޫނީ އިތުރު ސަފެއް ހަދައިގެން ނުވާނެއެވެ. ފިރިހެނުންގެ ޖަމާއަތް އޮންނަ ފިރިހެން މިސްކިތެއްގައި އަންހެން ކަނބަލުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ބޭނުންވެ، އަންހެން ކަނބަލުންގެ ސަފުތައް ވަކިން ބަންދުކޮށް ފިރިހެން ޖަމާއަތަށް ނުފެންނަގޮތަށް، އެއިންތިޒާމް ހަމަޖައްސާނަމަ މިސްކިތުގެ ފިރިހެން ޖަމާއަތުގެ ވާތް ފަރާތް ޚިޔާރުކުރަން ވާނެއެވެ. ނަމަވެސް އެފަދަ އިންތިޒާމެއް މިސްކިތުގެ ވާތް ފަރާތުގައި ހަމަޖެއްސެން ނެތްހާލަތެއްނަމަ ނުވަތަ އެ އިންތިޒާމް މިސްކިތުގެ ވާތް ފަރާތުގައި ހަމަޖެއްސެން ނެތްނަމަ ކަނާއަތް ފަރާތް ޚިޔާރުކުރުމަކުން މައްސަލައެއް ނެތެވެ.

ނަމާދަށް ސަފުހެދުމުގައި ކުޑަކުދިން ތިބެންވާނީ ފިރިހެނުންގެ ފަހަތުގައެވެ. ޖަމާޢަތުގެ ފުރަތަމަ ސަފުގައި ތިބެންވާނީ ތަންދޮރު ދަންނަ ބޮޑެތި ފިރިހެނުންނެވެ. ނަމަވެސް ޖަމާއަތުގެ ފުރަތަމަ ސަފު ހަމަވާވަރަށް ފިރިހެނުން ހަމަނުވާނަމަ ޖަމާއަތަށް ހާޟިރުވެތިބި ކުޑަކުދިންލައިގެން ފުރަތަމަ ސަފު ފުރިހަމަ ކުރުން ހުއްދަވެގެން ވެއެވެ. އަދި ނަމާދު ފެށުމަށްފަހު ޖަމާއަތަށް ތަންދޮރު ދަންނަ ބޮޑެތި ފިރިހެނުން އައިކަމުގައިވިޔަސް، އެހާލަތުގައި ކުރީސަފުގައި ތިބި ކުޑަކުދިން ފަހަތު ސަފަށް ގެންނާކަށް ނުޖެހޭނެއެވެ. އަދި އެ ޖަމާޢަތަކީ އަންހެން ކަނބަލުން ހާޟިރުވެފައިވާ ޖަމާއަތެއްނަމަ، އަންހެން ކަނބަލުން ތިއްބަވަން ވާނީ ފިރިހެން ސަފުތަކުގެ ފަހަތުގައެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّي الله عليه وسلّم حديث ފުޅު ކުރެއްވިއެވެ. خير صفوف الرّجال أوّلها وشرّها اخرها و خير صفوف النّساء اخرها وشرّها أوّلها (رواه الجماعة الّا البخاري) މާނައީ: ފިރިހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ސަފަކީ އެންމެ ފުރަތަމަ ސަފެވެ. ސަފުތަކުގެ ތެރެއިން އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ފަހު ސަފެވެ. އަދި އަންހެން ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ސަފަކީ އެންމެ ފަހު ސަފެވެ. އަދި އެސަފުތަކުގެ ތެރެއިން އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ފުރަތަމަ ސަފެވެ. އެބަހީ ފިރިހެނުންގެ އެންމެ ފަހު ސަފާ އެންމެ ކައިރިވެގެންވަނީ އަންހެނުންގެ އެންމެ ފުރަތަމަ ސަފެވެ. އެހެންކަމުން ދެބައިމީހުންގެ ހިތްތަކަށް ޝައިތާނާ ވަސްވާސް ލައިދިނުން ބޮޑުވާނެއެވެ. އަދި ނަމާދުގައި ހުންނަންޖެހޭ ހުޝޫއަތްތެރިކަން ކުޑަވާނެއެވެ. މިޙަދީޘްގައި ބަޔާން ވެފައި އެވަނީ އަންހެން ކަނބަލުންނާއި ފިރިހެން ބޭފުޅުން ހާމައަށް އެއްބަޔަކު އަނެއްބަޔަކަށް ފެންނަގޮތަށް ތިއްބަވާތަންތާގައި ސަފުހަދާއިރު ކަންތައް ކުރަންވާ ގޮތުގެ ވާހަކައެވެ. އަންހެން ކަނބަލުންގެ ޖަމާޢަތް ވަކިން ފިރިހެނުންނަށް ނުފެންނަގޮތަށް ބަންދުކުރެވިފައިވާ ތަނެއްގައި ހަދާނަމަ އެންމެ ފަހަތުން ސަފުން މީހުން އެތުރެން ފަށައިފިނަމަ ފަހުން ޖަމާޢަތަށް އަންނަ މީހުންނަށް އެވަގުތު ޖަމާޢަތުގައި ތިބިމީހުންގެ ކުރިކަނޑާފައި މިސްކިތަށް ވަންނަން ޖެހޭނެއެވެ. ވުމާއިއެކު އެހާލަތުގައި އަންހެން ކަނބަލުންގެ ސަފުތަށް ކުރިން ފުރަންވާނެއެވެ.

އެކަހެރިކޮށް ސަފު ހަދަން ޖެހިއްޖެނަމަ ޢަމަލު ކުރާނެ ގޮތް

ނަމާދުގެ ޖަމާއަތަށް ހާޟިރުވިއިރު ނަމާދުގައި ތިއްބެވި މައުމޫމުން ހަދަން ފަށާފައިވާ ސަފުގައި ޖާގަ އޮވެ، އެހާލަތުގައި ވަކިން ފަހަތުގައި ހުރެ ނަމާދުކޮށްފި މީހާގެ ނަމާދު ބާތިލުވެގެން ވެއެވެ. މިކަމަށް ދަލީލުކޮށްދޭ ބައެއް ދަލީލުތައް މިތާގައި ބަޔާން ކޮށްލާނަމެވެ. މާތްﷲ ރުއްސުންލެއްވި ވާބިޞާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަފުގެ ފަހަތުގައި މީހަކު ނަމާދު ކުރަނިކޮށް رسول الله صلّي الله عليه وسلّم ދެކެވަޑައިގަތެވެ. ފަހެ އޭނާއަށް ނަމާދު އަލުން ކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. (رواه احمد وابو داود……) އަދި މާތްﷲ ރުއްސުންލެއްވި އަލީ ބުން ޝައިބާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީހަކު ސަފުގެ ފަހަތުގައި ނަމާދުކުރަން ހުއްޓައި رسول الله صلّي الله عليه وسلّم އަށް ފެނިވަޑައިގަތެވެ. ދެން އޭނާ ނަމާދު ނިމެންދެން އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނަވައި އޭނާއަށް ހަދީޘްފުޅު ކުރެއްވިއެވެ. ތިބާ އަލުން ނަމާދު ކުރާށެވެ. ފަހެ ސަފުގެ ފަހަތުގައި އެކަހެރިކޮށް ނަމާދުކުރާމީހާއަށް ނަމާދެއް ނުވެއެވެ. (رواه احمد وابن ماجا….) މި މައްސަލަ އަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް މައްސަލައަކަށްވެފައި އެހާލަތުގައި ނަމާދު ބާތިލް ނުވާނެކަމަށް ވިދާޅުވާ ބޭފުޅުން ވެސް ވަރަށް ގިނައެވެ. އޭގެތެރޭގައި އިމާމު އައުޒާޢީއާއި، އިމާމު ހަސަނުލް ބަޞަރީ އާއި، އިމާމު އަބޫ ހަނީފާއާއި، އިމާމު މާލިކް އާއި އަދި އިމާމު ޝާފިޢީ ވިދާޅުވެފައިވަނީ އޭނާ ނަމާދު ބާތިލު ނުވާނެކަމަށެވެ. އެކަމަކު މަކުރޫޙް ވެގެންވާކަމަށް އެބޭކަލުން ވިދާޅުވެފައި ވެއެވެ. މިބޭކަލުން ގެންނަވާފައިވާ ދަލީލަކީ މާތްﷲ ރުއްސުންލެއްވި އަބޫބަކުރާގެ ވާހަކައެވެ. އެކަލޭގެފާނު މިސްކިތަށް ވެދެވަޑައިގެންނެވިއިރު رسول الله صلّي الله عليه وسلّم އޮންނެވީ ރުކޫޢުގައެވެ. ދެން އެކަލޭގެފާނު ސަފަށް ވެދެވަޑައިގަތުމުގެ ކުރިން ރުކޫޢުއަށް ވަޑައިގަތެވެ. އަދި ރުކޫޢު ހާލަތުގައި އޮންނަވައި ސަފަށް ވެދެވަޑައި ގަތެވެ. ދެން ނަމާދު ނިމުމުން رسول الله صلّي الله عليه وسلّم އަބޫބަކުރާއަށް ޙަދީޘްފުޅު ކުރެއްވިއެވެ. (ނަމާދު މައްޗަށްހުރި) ތިބާގެ ދަހިވެތިކަން ﷲ އިތުރު ކުރަށްވާށިއެވެ. އަދި ދެވަނަ ފަހަރަށް އެގޮތަށް ކަންތައް ނުކުރާށެވެ. (رواه احمد والبخاري وابوداود والنّساءي) ފަހެ އެބޭކަލުން ވިދާޅުވެފައިވަނީ އަބޫބަކުރާގެ ނަމާދުން ބައެއް، ސަފުން ބޭރުގައި އެކަހެރިކޮށް އަދާކުރެއްވުން (އެބަހީ ރުކޫޢު ކުރެއްވުން) އަދި އެކަލޭގެ ފާނަށް رسول الله صلّي الله عليه وسلّم ނަމާދު އަލުން ކުރެއްވުމަށް އަމުރު ނުކުރެއްވުން ދަލީލު ކުރަނީ އެފަދަމީހާ ނަމާދު ބާތިލު ނުވާނެ ކަމަށެވެ.

ޖަމާޢަތުގައި ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް ވަންނަމީހާ، ވަންނައިރު ހަދަން ފަށާފައިވާ ސަފުތައް ފުރިފައިވާނަމަ ފަހަތުގައި އެކަހެރިކޮށް ސަފު ހެދުމާއި ގުޅޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފު ވަނީ އުފެދިފައެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އެހާލަތުގައި ކަންތައް ކުރުން އެންމެ އެދެވިގެންވާ ގޮތަކީ ފަހަތު ސަފުން މީހަކު ކޮނޑުގައި ހިފާ ފަހަތަށް ދަމާލުމެވެ. އަދި ފަހަތަށް ދަމާލެވޭމީހާ އެކަމަށް އިންކާރު ނުކުރުމަށެވެ. ދެން އެސަފުން ހުސްވި ތަންކޮޅު ސަފުގައި ތިބިމީހުން ކައިރިކައިރިއަށް ޖެހި ބައްދާލާނީއެވެ. އަދި އެގޮތަށް ހަރަކާތް ކުރުމަކުން އެބައިމީހުންގެ ނަމާދަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. ސަފުގައިވާ ހުސްތަން ފުރުމަށް އަޅާ ފިޔަވަޅަކީ އިންސާނާއަށް އެޅޭ އެންމެ ހެޔޮ ފިޔަވަޅުކަމުގައި ވެއެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެހާލަތުގައި އިތުރު މީހަކު އާދޭތޯ ބަލަން މަޑުކޮށްލެވިދާނެއެވެ. ނަމަވެސް އިތުރު މީހަކު ފެންނަންނެތި، ކުރަމުންދާ ރަކުއަތް ގެއްލިދާނެކަމަށް ފެންނަނަމަ އެހާލަތުގައި އެކަހެރިކޮށް ފަހަތުގައި ސަފު ހެދިދާނެއެވެ. އެއީ މަޖުބޫރީ ހާލަތެއް ކަމަށް އެބޭކަލުން ދެކެވަޑައިގަނެއެވެ. ފަހަތު ސަފަށް ކުރީސަފުން މީހަކު ދަމާލުމުން އެސަފުން މީހެއްގެ ޖާގަ ހުސްވެގެން ދާނެއެވެ. އެހާލަތުގައި އެސަފު ފުރިހަމަ ނުވާނެއެވެ. رسول الله صلّي الله عليه وسلّم ގެ ހަދީޘް ބަސްފުޅުން އެނގޭގޮތުގައި އެއްސަފު ފުރުމުން ނޫނީ އިތުރު ސަފެއް ހަދައިގެން ނުވާނެއެވެ. ނަމަވެސް ކުރީސަފުން މީހަކު ފަހަތު ސަފަށް ދަމާލައިފިނަމަ އެހަދީޘް ބަސްފުޅާ ތަޢާރުޒުވުމެއް އަންނާނެއެވެ. މިމައްސަލައަކީ އިސްވެ ދެންނެވުނު ފަދައިން ޢިލްމުވެރިންގެ ތެރޭގައި ޚިލާފު އޮތް މައްސަލައެކެވެ.

ސަފުން ހުސްވާ ޖާގަތައް ފުރުމުގެ މުހިންމުކަން

އެއްވެސް އުޛުރެއް ދިމާވެގެން މީހަކު ނަމާދު ދޫކޮށްލާފައި ސަފުން ނުކުމެގެން ހިނގައްޖެނަމަ ޖެހިގެން އޮތްސަފުން އެދިމާގައި ހުރިމީހާ ކުރިޔަށް ޖެހިލައި އެ ހުސްވިތަނަށް އަރައި އެސަފު ފުރިހަމަކުރުން މުސްތަހައްބުވެގެން ވެއެވެ. ހަމައެގޮތަށް އެސަފަށް އޭނާ އެރުމުން އޭނާގެ ސަފުން އުނިވިތަން އެސަފާ ޖެހިގެންވާ ސަފުން މީހަކު ފުރިހަމަ ކުރާނީއެވެ. އަދި އެންމެ ފަހުސަފާ ޖެހެންދެން އެގޮތަށް އަމަލު ކުރާނީއެވެ. ފަހެ އެގޮތަށް ޢަމަލު ކުރުމުން އެބައިމީހުންގެ ނަމާދަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. އަދި ކިއެއްތަ! ކުރިން ބަޔާން ކުރެވުނު ފަދައިން އެއީ އެބައި މީހުންނަށް އެޅޭ އެންމެ ހެޔޮ ފިޔަވަޅުކަމުގައި ވެއެވެ. އެކަމުގެ ދަލީލަކީ، މާތްﷲ ރުއްސުންލެއްވި އަބްދުﷲ ބުނު އުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّي الله عليه وسلّم ހަދީޘް ފުޅުކުރެއްވި އެވެ. مامن خطوة أعظم أجرا من خطوة مشاها الّرجل في فرجة في الصّف فسدها (رواه الطبراني في الاوسط وحسّنه الا لباني) މާނައީ: ސަފުގައިވާ ހުސް ދޭތެރެ ބައްދާލުމަށްޓަކައި މީހާއަޅާ ފިޔަވަޅަށްވުރެ ހެޔޮވެގެންވާ އެއްވެސް ފިޔަވަޅެއް ނުވެއެވެ. އަދި މާތްﷲ ރުއްސުންލެއްވި އަބްދުﷲ ބުނު ޢުމަރު ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّي الله عليه وسلّم ހަދީޘްފުޅު ކުރެއްވިއެވެ. من وصل صفاّ وصله الله ومن قطع صفاّ قطعه الله عزّ وجل (رواه احمد, وابوداود…..) މާނައީ: ސަފެއް ގުޅުވައި ފުރިހަމަކޮށްފިމީހާ ﷲ އެކަލާންގެ ރަޙުމަތުން އޭނާ ގުޅުވާލައްވާނެއެވެ. އަދި ސަފެއް ކަނޑައިލައިފި މީހާ (އެބަހީ ސަފަކުން ބައެއް އުނިވުމުން އެތަން ފުރިހަމަ ނުކޮށްފިމީހާ) ﷲ އެކަލާންގެ ރަޙުމަތުން އޭނާ މަހުރޫމް ކުރައްވާނެއެވެ. އަދި މާތްﷲ ރުއްސުންލެއްވި ޖާބިރު ބުނު ސަމުރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅު ވިއެވެ. އެއްދުވަހަކު (އަހުރެމެން ނަމާދަށް ސަފު ހަދައިގެން ތިއްބައި) رسول الله صلّي الله عليه وسلّم ވަޑައިގެން ހަދީޘް ފުޅު ކުރެއްވިއެވެ. ألا تصفّون كما تصفّ الملاءكة عند ربّها މާނައީ: މަލާއިކަތުން ﷲ ގެ ހަޟުރަތުގައި ސަފު ހައްދަވާ ގޮތަށް ތިޔަބައި މީހުން ސަފެއް ނުހައްދަވާނަން ހެއްޔެވެ.؟ އަހުރެމެން ދަންނަވައިފީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގެ ހަޟްރަތުގައި މަލާއިކަތުން ސަފުހައްދަވަނީ ކިހިނެއްތޯއެވެ.؟ އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ. “އެބޭކަލުން ފުރަތަމަ ސަފުތައް (އެބަހީ ސަފަކާޖެހި ސަފެއް) ފުރިހަމަ ކުރައްވަތެވެ. އަދި ސަފުގައި އެއްބޭކަލަކު އަނެއް ބޭކަލެއްގެ ގައިކޮޅުގައި ޖެހިވަޑައިގެން ގުޅިލައްވަތެވެ” (رواه احمد ومسلم وابوداود والنّسا ءي وابن ماجه)

ސަފު ސީދާ ކުރުމުގެ މުޙިންމުކަން

ކީރިތި ރަސޫލާ صلى الله عليه وسلم ނަމާދަށް ސަފު ހައްދަވާއިރު ސަފު ސީދާ ކުރެއްވުމަށް ޓަކައި ލޮންސި ބޭނުން ކުރެއްވިއެވެ. އެހައި ވެސް ސީދަލަށް ނަމާދުގެ ސަފުތައް ހުންނަން ޖެހެއެވެ. ނަމާދުގެ ސަފުގައި އެހެން މީހުންނަށް ވުރެ ކުރިޔަށް ވެސް އަދި ފަހަތަށް ވެސް މީހަކު ޖެހިފައި ހުރެގެން ނުވާނެއެވެ. ނަމާދަށް ސަފު ހަދާފައި ހުންނަ އިރު ސަފުތައް ސީދާ ކުރަންވާނީ ސަފުގައި ތިއްބަވާ މީހުންގެ ފުންނާބުންނެވެ. ނުވަތަ ތަނބި ކަށިންނެވެ. މިހެން ތިއްބަވާއިރު ދެ މީހުންގެ ދެމެދުގައި އެއްވެސް ހުސްތަނެއް ނޯންނަ ވަރަށް ފަޔާފައި ކޮނޑާކޮނޑު ހުންނަންވާނީ ޖެހި އެކަކު އަނެއްކަކާ ގުޅި ލާމެހިފައެވެ. އަދި ފައިތިލާގެ އިނގިލިތައް ހުންނަންވާނީ ގިބުލަޔަށް ސީދަލަށެވެ. އެއް ފަހަރަކު ނަމާދަށް ސަފު ހައްދަވައި ނަމާދަށް ފަށައިގަންނަވަން އުޅުއްވަނިކޮށް މީހެއްގެ މޭ ސަފަށް ވުރެ ކުޑަތަންކޮޅެއް ބޭރުގައި ހުއްޓައި ފެނިވަޑައިގަތެވެ. އެ ހިނދު رسول الله صلّي الله عليه وسلّم ޙަދީސް ކުރެއްވި އެވެ. ((عباد الله لتسون صفوفكم أو ليخالفن الله بين وجوهكم )) [ رواه مسلم] “އޭ ﷲ ގެ އަޅުތަކުންނޭނެވެ. ތިޔަބައިމީހުން ސަފުތައް ސީދާ ކުރާހުށިކަމެވެ. އެހެން ނޫނީވިއްޔާ ﷲ ތިޔަބައިމީހުންގެ މޫނުތަކުގެ މެދުގައި ތަފާތު ކުރައްވާފައި ހުއްޓެވެ. (ހިތްތައް ބައިބައި ކުރައްވައި ތިޔަބައިމީހުންގެ މެދުގައި ދެބަސްވުންތައް ލައްވައިފާހުއްޓެވެ.”) މި ޙަދީޘްގައި އައިސްފައިވާ ލަފުޒަކީ މޫނު ކަމުގައި ވިޔަސް މި މާނާގައިވާ އެހެން ޙަދީޘެއް ގައި ސީދާ ހިތްތައް ތަފާތުވުމުގެ ވާހަކަ އައިސްފައި ވެއެވެ. އެ ޙަދީޘްގައި އައިސްފައި ވަނީ (( لاتختلفوا فتختلف قلوبكم )) “ތިޔަބައިމީހުން ނަމާދުގެ ސަފުތައް ތަފާތު ނުކުރާހުށިކަމެވެ. މާނަ އަކީ ސީދާ ކުރާހުށިކަމެވެ. ނޫނީ ވިއްޔާ ތިޔަބައިމީހުންގެ ހިތްތައް ތަފާތު ކުރައްވާފައި ހުއްޓެވެ” މި ފަދައިންނެވެ.

ސަފުތައް ސީދާ ކުރުމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘް ގައި ސަފުތަކުގައި މީހުންގެ ދޭތެރެ ދުރު ނުކުރުމަށް އަންގަވާފައި ވަނީ ނަމާދުގެ ސަފުގެ ތެރެއިން ޝައިޠާނާއަށް ޖާގަ ނުދިނުމަށެވެ. އަދި ސަފު ސީދާ ކުރުމަށް އަންގަވާފައިވާ ޙަދީސްތަކުގައި އޭގެ ޙިކުމަތެއް ކަމުގައި އަންގަވާފައި ވަނީ މީސްތަކުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ދެމިއޮތުމެވެ. މީގެ އިތުރުން މި ހުރިހައި ޝަރުތު ތަކެއް ފުރިހަމަ ވުމަކީ ﷲ ތަޢާލާ އަހަރެމެންގެ ނަމާދު ޤަބޫލު ކުރެއްވުމުގެ ސަބަބެއް ވެސް މެއެވެ. އެހެން ނޫނީ ވިއްޔާ އެ ނަމާދަކީ ﷲ ތަޢާލާ ޤަބޫލު ނުކުރައްވާ އަޅުކަމަކަށް ވެސް ވެދާނެ އެވެ.

ފުރަތަމަ ސަފުގެ މާތްކަން

ފަރުޟު ނަމާދުގެ ޖަމާޢަތުގެ ފުރަތަމަ ސަފުގެ މާތްކަން رسول الله صلّي الله عليه وسلّم ވަނީ މި އުންމަތަށް ވަރަށް ފުރިހަމައަށް ބަޔާން ކޮށްދެއްވާފައެވެ. ފުރަތަމަ ސަފުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ ވަރަށް ގިނަ ހަދީޘް ބަސްފުޅުތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ. މީގެ ތެރެއިން ބައެއް ބަސްފުޅުތައް ތިރީގައި ހިމަނާލާނަމެވެ. މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން رسول الله صلّي الله عليه وسلّم ހަދީޘް ފުޅު ކުރެއްވިއެވެ. لو يعلم النّاس مافي النّداء والصفّ الأوّل ثمّ لم يجدوا الاّ ان يستهموا عليه لايستهمو (رواه أحمد والبخاري ومسلم والترمذي والنّساءي) މާނައީ: ބަންގިއާއި ފުރަތަމަ ސަފުގައި ހުރި ސަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ ދެން އެކަން ކުރުމަށް ގުރުއަތުލުން ފިޔަވައި އިތުރު ގޮތެއްނެތްނަމަ (އެކަން ކުރުމަށްޓަކައި) އެބައި މީހުން ގުރުއަތުވެސްލީހެވެ. އަދި މާތްﷲ ރުއްސުންލެއްވި ބަރާއު ބުނު ޢާޒިބުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން رسول الله صلّي الله عليه وسلّم ހަދީޘް ފުޅުކުރެއްވިއެވެ. انّ الله وملاءكته يصلّون علي الصّفّ المقدّم (رواه احمد والنّساءي وصححه البخاري) މާނައީ: ހަމަކަށަވަރުން ފުރަތަމަސަފަށް މާތް ﷲ ރަހުމަތް ލައްވައެވެ. އަދި ރަހުމަތް ލެއްވުން އެދި މަލާއިކަތުން ދުޢާ ކުރައްވަތެވެ.

ސަފުތައް މެދުކެނޑުމުގެ ޙުކުމް

ފަރުޟު ނަމާދުތަކުގެ ޖަމާޢަތުގައި ސަފުހަދާއިރު މިސްކިތުގައި ހުންނަ ތަނބު ތަކުގެ ސަބަބުން ނުވަތަ ޚަތީބު މީހާ ޚުތުބާ ކިޔަން އަރާ މިމްބަރުގެ ސަބަބުން ސަފުތައް މެދުކެނޑޭގޮތް މެދުވެރި ވެއެވެ. މިލިޔުމުގައި އަޅުގަނޑު މިބަޔާން ކުރަނީ ތަނބުގެ ސަބަބުން ނުވަތަ މިމްބަރުގެ ސަބަބުން ނަމާދަށް ސަފު މެދުކެނޑުމުގެ ހުކުމް އިސްލާމް ދީނުގައި އެކިއެކި ޢިލްމުވެރިން ގެންނަވާފައިވާ ބަސްފުޅުތަކެވެ. މިގޮތުން އިބުނު މާޖާ ރިވާ ކުރެއްވި ހަދީޘް ބަސްފުޅެއްގައި ވެއެވެ. عَنْ مُعَاوِيَةَ بْنِ قُرَّةَ عَنْ أَبِيهِ قَالَ : (كُنَّا نُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ) صححه الألباني في “صحيح ابن ماجة” މާނައީ: مُعَاوِيَةَ بْنِ قُرَّةَ رحمهم الله އެކަލޭގެފާނު ބައްޕާފުޅުގެ ގާތުގައި ރިވާކުރެއްވިއެވެ. رسول الله صلّي الله عليه وسلّم ގެ ޒަމާނުގައި ދެތަނބުގެ ދޭތެރޭ ސަފުހެދުން ތިމަންމެނަށް މަނާކުރެއްވިއެވެ. ތިރްމީޛީ ރިވާކުރެއްވި ހަދީޘެއްގައި ވެއެވެ. عَنْ عَبْدِ الْحَمِيدِ بْنِ مَحْمُودٍ قَالَ : صَلَّيْنَا خَلْفَ أَمِيرٍ مِنْ الْأُمَرَاءِ , فَاضْطَرَّنَا النَّاسُ فَصَلَّيْنَا بَيْنَ السَّارِيَتَيْنِ , فَلَمَّا صَلَّيْنَا قَالَ أَنَسُ بْنُ مَالِكٍ : (كُنَّا نَتَّقِي هَذَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) وصححه الألباني في “صحيح الترمذي މާނައީ: عَبْدِ الْحَمِيدِ بْنِ مَحْمُود رحمهم الله ވިދާޅުވިއެވެ. އަމީރެއްގެ ފަހަތުގައި ތިމަންމެން ނަމާދު ކުރީމެވެ. މީސްތަކުން ގިނަވުމުގެ ސަބަބުން ދެތަނބު ދޭތެރޭގައި ތިމަންމެން ސަފުހެދީމެވެ. ނަމާދުން އަވަދިވުމުން އަނަސް ބުން މާލިކް ވިދާޅުވިއެވެ. رسول الله صلّي الله عليه وسلّم ގެ ޒަމާނުގައި މިފަދަ ކަންތަކުން އަހަރެމެން ދުރުހެލި ވީމެވެ. އަދި މީގެ އިތުރުން އިބުނު މުފްލިޙް ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެއްގައި ވެއެވެ. ދެތަނބު ދޭތެރޭ ސަފުހެދުމަކީ މައުމޫމުންނަށް މަކުރޫހަ ވެގެންވާ ކަމެކެވެ. އަދި އިމާމް އަޙްމަދު ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެއްގައި ވެއެވެ. ތަނބުތަކުގެ ސަބަބުން (ދެތަނބު ދޭތެރޭ ސަފުހެދުމުން) ސަފުތައް ކެނޑިގެން ދެއެވެ. ނަމަވެސް މިސްކިތުގައި މީހުންގިނަވެ އެނޫން ގޮތެއް ނެތިއްޖެނަމަ ދެތަނބުގެ ދޭތެރޭ ސަފު ހެދުމަކީ މަކުރޫހަ ކަމެއްނޫނެވެ.

ނަމާދުގައި ދެތަނބު ދޭތެރޭ ސަފުހެދުމާއި ގުޅޭގޮތުން ސައުދީގެ ފަތުވާ ކޮމިޓީއިން ނެރުއްވާފައިވާ ބަޔާނެއްގައިވެއެވެ. ސަފު މެދުކެނޑޭ ގޮތަށް ދެތަނބު ދޭތެރޭ ސަފުހެދުމަކީ މަކުރޫހަ ކަމެކެވެ. ނަމަވެސް ނަމާދުކުރާ މީހުންގިނަވެ މިސްކިތުގެ ޖާގަ ދަތިވެއްޖެ ހިނދެއްގައި ދެތަނބުގެ ދޭތެރޭ ސަފުހެދުމަކީ ހުއްދަ ކަމެކެވެ. މިސްކިތުގައި ނަމާދުކުރާ މީހުން ގިނަވެ ޖާގަ ދަތިވެއްޖެނަމަ ދެތަނބު ދޭތެރޭގައި ސަފުހެދުން ހުއްދަކަމަށް ހުރިހާ ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގެންފައިވެއެވެ. ނަމަވެސް މިސްކިތުގައި ޖާގަ އޮންނަ ހާލަތުގައި ދެތަނބުގެ ދޭތެރޭގައި ސަފުހެދުމާއި ގުޅޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ.

މިލިޔުން އެކުލަވާލެއްވުމަށް މަޢުލޫމާތު ނެގިފައިވާ ފޮތްތަކާއި ސައިޓްތަށް
كتاب الصلاة
Dhisalafiyya.net
Vnews.mv-namaadhah safuhedhun (02)
Islamic knowledge viber groups

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top