އަންނަ ނޮވެމްބަރު14 ގައި ބާއްވާ ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ފަނޑިޔާރުންގެ ނަންފުޅުތައް އިޢުލާނުކޮށްފިއެވެ. ފިލްމު އެވޯޑްސްގައި ވާދަކުރާ 13 ފިލްމަށް އިންސާފުކުރުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން އެކުލަވާލާފައިވަނީ ހަތް ފަންޑިޔާރުންގެ ޕެނަލެކެވެ.
އެންސީއޭ އިން އެކުލަވާލައްވާފައިވާ ފަނޑިޔާރުންގެ ފެނަލްގައި ހިމެނެނީ ފިލްމީ ދާއިރާގައި ގިނަދުވަހު މަސައްކަތްކުރައްވާފައިވާ ބައެއް ބޭފުޅުންނާއި ފިލްމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބައެއް ބޭފުޅުންނެވެ.
ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލް
މުހައްމަދު ނިޔާޒް (ޓެޑްރީ)

މުހައްމަދު ނިޔާޒް (ޓެޑްރީ) އަކީ ފިލްމީ ދާއިރާއިގައި 33 އަހަރު ހޭދަކުރައްވައި ފިލްމީ ދާއިރާއިން 11 ޤައުމީ އެވޯޑް ހާސިލުކުރައްވާފައިވާ ފިލްމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.
އައިމިނަތު ނަޖީބް

އައިމިނަތު ނަޖީބަކީ ނިއުޔޯކް ފިލްމް އެކަޑަމީން ފިލްމު އުފެއްދުމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައިވާ ކަނބަލެކެވެ. “ފުއްޓަރު”ގެ ނަމުގައި ތަފާތު ސްޓައިލެއްގެ ފިލްމެއް އައިމިނަތު ނަޖީބު އިސްވެ ހުންނަވައި ހެއްދެވިއެވެ.
ފާތިމަތު ލީޒާ

ފާތިމަތު ލީޒާ އަކީ ފިލްމާއި ޓިވީ އަދި އިސްތިހާރު އުފެއްދުމުގެ ދާއިރާއިން ބީއޭ ހާސިލުކުރައްވާފައިވާ ކަނަބަލެކެވެ.
އައިމިނަތު އިނާސް

އައިމިނަތު އިނާސް އަކީ ސިޑްނީ ފިލްމް ސްކޫލުން ސްކްރީން ސްޓަޑީޒް އިން ޑިޕޮލަމާ ހާސިލުކުރައްވާފައިވާ ކަނބަލެކެވެ.
އަހްމަދު އަހްސަން

އަހްމަދު އަހްސަން އަކީ ފިލްމް އުފެއްދުމުގެ ދާއިރާއިން މުމްބާއީ ފިލްމް ސްކޫލުން ސެޓްފިކޭޓް އިން ފިލްމް މޭކިން ހާސިލުކުރައްވާފައިވާ ބޭފުލެކެވެ.
ނޫރާ އިބްރާހިމް ޒާހިރު

ނޫރާ އިބްރާހިމް ޒާހިރު އަކީ ފިލްމާއި ޓީވީ އަދި މާކެޓިން ދާއިރާއިން ބީއޭ ހާސިލުކުރައްވާފައިވާ ކަނބަލެކެވެ.
ޝާރިފް އަލީ

ޝާރިފް އަލީ އަކީ ފިލްމާއި ޓިވީ އަދި ނޫސްވެރިކަމުގެ ދާއިރާއިން ބީއޭ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

“ދިވެހި ފިލްމު އެވޯޑްސް 9” ގައި ބައިވެރިކުރުމަށް ހުށައަޅާފައިވަނީ 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމު – ފޮޓޯ: މުނިއަވަސް
ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް ގައި ވާދަކުރަނީ 12 ފީޗަރ ފިލްމާއި އެއް ކުރު ފިލްމެވެ. ”ދިވެހި ފިލްމު އެވޯޑްސް 9“ ގައި ބައިވެރިކުރަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފިލްމުތަކެވެ.
ދިވެހި ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ އެވޯޑެކެވެ.
