ލ ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން އަންހެނުން ބާރުވެރިކުރުވުމުގެ ނަމުގައި ސައިކަލުބުރެއް ބާއްވާން ނިންމައިފިއެވެ.
މިމަހު 25 ގައި ބާއްވަން ނިންމާފައިވާ މި ސައިކަލުބުރުގެ މަގުސަދަކީ އަންހުނުން ހޭލުންތެރިކޮށް، އަންހެނުންނަށް ކުރާ އެކިއެކި އަނިޔާތައް ސަމާލުކަމަށް ގެނެސް އަންހެނުން ބާރުވެރި ކުރުން ކަމުގައި އެ ކޮމިޓީގެ ރައީސާ ވިދާޅުވިއެވެ.

ސައިކަލު ބުރު ފަށަން ހަމަ ޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ހަވީރު 16:30ގައި ގަމު މުކުރިމަގު ބަނދަރު ސަރަހައްދުންނެވެ. މި އިވެންޓުގައި ފުލުހުންނާއި ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް އިން ބައިވެރިވާނެ ކަމަށް ވެސް އެކޮމިޓީން މައުލޫމާތު ދެއެވެ.
އަންހެނުނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ އެ ދުވަހުގައި އަންހެނުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ މި ހަރަކާތުގައި އަގުހުރި މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ކަމަށާއި ވީހާވެސް ގިނަ ކަނބަލުން ބައިވެރި ވުމަކީ އެކޮމިޓީގެ ވަރަށް ބޮޑު އެދުމެއް ކަމުގައި އެކޮމިޓީގެ ރައިސާ މުނިއަވަސް އާއި ވާހަކަ ދައްކަމުން ފާހަގަ ކުރެއްވިއެވެ.
