ކަނޑުގޮވާމުގެ ޖަނަވާރަށް ފަރުވާދޭ ތަނެއް (އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީއެއް) ހުޅުވައިފިއެވެ.
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް، އެންޑް އެގްރިކަލްޗަރ ގުޅިގެން ކުރިއަށްގެންދާ [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ދަށުން ގާއިމުކޮށްފައިވާ އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީ ހުޅުވީ 28 ނޮވެމްބަރު 2019 ގައެވެ.
ހުޅުލޭގައި އިމާރާތްކޮށްފައިވާ މިފެސިލިޓީ ހުޅުވައިދެއްވީ މިނިސްޓަރ ފޯރ ފިޝަރީޒް، މެރިން ރިސޯސް، އެންޑް އެގްރިކަލްޗަރ އޮނަރަބަލް ޒަހާ ވަހީދުއެވެ.
އެކުއަޓިކް އެނިމަލް ހެލްތް ފެސިލިޓީ ގެ މައިގަނޑު މަޤްސަދަކީ މެރިކަލްޗަރ ކުރާ ކަނޑުގެ ދިރުމަށް ޖެހޭ ބަލިތަކަށް ސްކްރީން ކުރުމާއި، ޑައިގްނޯސްޓިކް ޓެސްޓްތައް ހެދުމާއި، ބަޔޯސެކިއުރިޓީ ކޮންޓްރޯލް ކުރުމުގެ ޚިދުމަތްތައް މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މި ފެސިލިޓީގައި މުސްތަޤުބަލުގައި މޮލިކިއުލަރ ޑައިގްނޯސްޓިކްސް އާއި، ބެކްޓީރިއޮލޮޖީ އަދި ބޭސިކް ޕެރެސިޓޮލޮޖީގެ ޚިދުމަތްތަކަށް އެކަށީގެންވާ ގާބިލުކަން އުފެއްދުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ރައްކާތެރިކަމާއިއެކު ކަނޑުގެ ދިރުން ރާއްޖެއަށް އެތެރެކުރުމަށްޓަކައި އެކުއެޓިކް ބަޔޯސެކިއުރިޓީގެ ދާއިރާ މި ފެސިލިޓީ އާއިއެކު ރާއްޖޭގައި ތަރައްޤީވެގެން ދާނެއެވެ. މެރިކަލްޗަރ ކުރުމުގައި ބަލިތަކުގެ ސަބަބުން ދިމާވާ ބޮޑެތި އިޤްތިސާދީ ގެއްލުންތަކުން ސަލާމަތްވެތިބުމަށްޓަކައި، ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އެކުއެޓިކް އެނިމަލް ހެލްތްގެ ދާއިރާއިން ގާބިލުކަން އުފެއްދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށް ފިޝަރީޒުން މައުލޫމާތު ދެއްވައެވެ. އެގޮތުން، އިފާޑުގެ އެހީގައި މިހިންގުނު މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ވަނީ މެރިކަލްޗަރ ސިނާއަތަށް ބޭނުންވާ އެކުއެޓިކް އެނިމަލް ހެލްތް ސްޓްރެޓަޖީއެއް އެކުލަވާލެވިފައެވެ.
ރާއްޖޭގައި ހުޅުވިގެން މި ދިޔަ އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީއަކީ މި ސްޓްރެޓަޖީގައި، ބަޔޯސެކިއުރިޓީއާއި އެކުއެޓިކް އެނިމަލް ހެލްތް ގެ ދާއިރާއިން ފާހަގަ ކުރާ ކަންތައްތައް ތަންފީޒުކުރުމަށް މުހިންމު ބިނާއެކެވެ.
މިފެސިލިޓީގެ ލެބޯރަޓަރީ ހެދުމާއި، ލެބޯރަޓަރީއަށް ބޭނުންވާ ސާމާނު ހޯދުމާއި، ފެސިލިޓީ ހިންގުމަށް ބޭނުންވާ މީހުން ތަމްރީނުކޮށްފައިވަނީ މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ފަރާތުންނެވެ. އަދި ފެސިލިޓީގެ އިމާރާތް ހަދާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ.
