އެކްޓަރު/ޑައިރެކްޓަރު ޢަލީ ސީޒަންގެ ’އެސް ޕްރޮޑަކްޝަން‘ އާއި ޢަބްދުﷲ ޝިވާޒް (މާސްކޭ)ގެ ’މާސްކޭ ސްޓޫޑިއޯ‘ އިން އާއިލީ ޑްރާމާ ސްޓައިލަށް ހަދަމުން އަންނަ ފިލްމު ”އަނދިރިކަން“ މިއަހަރު މާރިޗް މަހު 04ގައި ރިލީޒްކުރަން ނިންމައިފިއެވެ.
ސީޒަން ޑައިރެކްޓްކޮށްފައިވާ ”އަނދިރިކަން“ ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން، ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފެނިގެންދާނީ ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި ސައީދެވެ.
މިދިޔަ އަހަރު އޮކްޓޫބަރު 22ގައި ނެެރުމަށް އަމާޒުހިފި މި ފިލްމު ރިލީޒްކުރުން ފަސްކޮށްލަން ޖެހުނީ ފިލްމުގެ ޕްރޮޖެކްޓް ފައިލަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ސީޒަން ބުނެފައިވެއެވެ.
”އަނދިރިކަންް“- (ނުއުފަންނަ ދަރި)ގެ ޓެގްލައިންގައި ހަދާފައިވާ މި ފިލްމުގެ
ސްކްރީންޕްލޭ ލިޔުނީ އަހުމަދު ޒަރީރުއެވެ. ކެމެރާކުރީ މާސްކޭ އެވެ. މޭކަޕްގެ މަސައްކަތްކުރީ ޒީނަތު އައްބާސް އެވެ.
ފިލްމު ޝޫޓްކުރުން ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިރު، ފުރަތަމަ މަރުހަލާގެ ޝޫޓިން ކޮށްފައިވަނީ މ. މަޑުއްވަރީގައެވެ. މ. ރަތްމަންދޫގައި ވެސް ފިލްމުގެ ޝޫޓިން ކުރިއަށްގެންދިޔައެވެ.
”އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
