މަޝްހޫރު ސީރީޒް “ބްރޭކިންގ ބޭޑް” ގައި ވޯލްޓަރ “ފްލިން” ވައިޓް ޖޫނިއަރގެ ރޯލުން ފެނިގެންދިޔަ އެކްޓަރު އާރް.ޖޭ މިޓީ، އުމުރުން 34 އަހަރުގައި ނިޔާވެއްޖެއެވެ. ޓެކްސަސްގެ ބްރައުންސްވިލްގައި އޭނާ ނިޔާވިކަން “ޕީޕަލް” މެގަޒިންއަށް ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާގެ މަންދޫބު މި ހިތާމަވެރި ޚަބަރު މީޑިއާއާ ހިއްސާކުރަމުން މުނިފޫހިފިލުވުމުގެ ދާއިރާއަށާއި، ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމުގައާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށް އޭނާ ކުރި މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.
އޭނާގެ މަންދޫބު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “ލޯބިވާ އެކްޓަރު، ދިލަތި އެހީތެރިޔާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް ވަކާލާތުކުރި އާރް.ޖޭ މިޓީ ކުއްލި ގޮތަކަށް ވަކިވެދިޔުމުގެ ފުން ހިތާމަ އަހަރެމެން ހިއްސާކުރަމެވެ.”. ފުލުހުންނާ ހަވާލާދީ “ޕީޕަލް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަރުގެ މައްސަލަ މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ. އަދި އޭނާ ނިޔާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
އޭއެމްސީގެ މަޤުބޫލު ސީރީޒް “ބްރޭކިންގ ބޭޑް” ގެ ހުރިހާ ސީޒަނެއްގައިވެސް ބްރަޔަން ކްރެންސްޓަން އަދި އެރޮން ޕޯލްއާއެކު މިޓީ ވަނީ ފެނިގެންގޮސްފައެވެ. އޭނާ އަދާކުރީ ބްރަޔަން ކްރެންސްޓަންގެ ކެރެކްޓަރު ކަމަށްވާ ވޯލްޓަރ ވައިޓްގެ ދަރިފުޅު، ވޯލްޓަރ ވައިޓް ޖޫނިއަރގެ ރޯލެވެ. އުމުރުން އެންމެ ތިން އަހަރުގައި “ސެރެބްރަލް ޕަލްސީ” ތަހައްމަލުކުރަން ޖެހުނު މިޓީ، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކާއެކު މި ރޯލު ކުޅެދިނުމަކީ، ޓީވީގެ ޒަރީއާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަމާލުކަން ހޯދައިދިނުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެކްޓިންގެ އިތުރުން، މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރިއެވެ. އާރް.ޖޭ މިޓީ އާއި އޭނާގެ ގާތް އެކުވެރިޔާ ކެނެޑީ ސުއަރޭޒްއާ ވަނީ އެންގޭޖްވެފައެވެ. 2020 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، އޭނާ ކެނެޑީއަށް ކައިވެންޏަށް ހުށަހެޅީ 10 އޮކްޓޯބަރު 2025 ގައި ކެލިފޯނިއާގެ ކާލްސްބާޑްގައި ބޭއްވި ހަފުލާއެއްގައެވެ.
