ބައިސްކޯފުން ގެނެސްދެމުން އަންނަ އެންމެ ކާމިޔާބު ވެބް ސީރީޒް “ހުވާ”ގެ ދެވަނަ ސީޒަން މިމަހު 30ގައި ދައްކަން ފަށާނެކަމަށް ސީރީޒްގެ އިސް މޭސްތިރި، މަޝްހޫރު ޑައިރެކްޓަރ، ޕްރޮޑިއުސަރ އަދި ލިޔުންތެރިޔާ ފާޠިމަތު ނަހުލާ ބުނެފިއެވެ.
“ހުވާ”ގެ ދެވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ފުރަތަމަ ސީޒަންގައި ރަވީ ކުޅުނު ކެރެކްޓަރއިން ދެން ފެންނާނީ ޢަބްދުﷲ މުއާޒް (މުއާ) ކަމަށް ވެސް ނަހޫ ބުންޏެވެ. “ހުވާ-02″ގެ މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން މިއަދު ނަހުލާ ބުނީ ޓްރެއިލާ ވެސް ދެ ދުވަހެއްގެ ތެރޭގައި ބެލުންތެރިންނަށް ދައްކައިލަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
“ވެބް ސީރީޒް “ހުވާ-02” ބެލުންތެރިންނާ ހަމައަށް ދޫކޮށްލާ އިރު، ފެނިގެންދާނެ ބޮޑު ބަދަލާއި ބެހޭ ތަފްޞީލު ހިއްސާކުރަމުން ނަހޫ ބުނީ ރަވީ ކުޅެފައިވާ ރޯލަށް މުއާ ހަމަޖެއްސީ ރަވީއަށް ވަގުތުދެވެން ނެތުމުންކަމަށެވެ.
“އެކަމަކު އެ ރޯލަކީ ބަދަލުނުކުރެވޭނެ ރޯލެއް ވީމަ މުއާ އާއެކީ ކުރިއަށްދަނީ.” މުއާ އާއި އައްޒަގެ ޖޯޑަކީ މިހާރު މީހުން ބަލައިލަން ބޭނުންވެފަ ތިބި ޖޯޑެއް ކަމަށާއި “ހުވާ” އަށް އިތުރު ފުރިހަމަކަމެއް މި ބަދަލާއެކު ލިބޭނެކަމަށްވެސް ނަހޫ ފާހަގަކުރިއެވެ.
“ހުވާ”ގެ ފުރަތަމަ ސީޒަން ނިންމާލާފައި ވަނީ އައްޒަ (މިންހާ) އާއި އޭނާގެ ފިރިމީހާ ރަވީ (އާޒިމް) ވަރިވުމަށްފަހު އަލުން ގުޅޭ ހިސާބުންނެވެ. އެހެންކަމުން ސީޒަން 2ގައި ފެނިގެންދާނީ އައްޒަ އާއި އޭނާގެ ފިރިމީހާގެ ލޯބީގެ ބައިތަކެއް ކަމަށް ނަހޫ ބުންޏެވެ.
“ދެން ފެންނަ ލޯބީގެ ބައިތައް ކަމަށްވާތީ ރަވީ އާއި އައްޒައާ އެކީ މިހާރު އެ ބައިތައް ކުޅެން އެހާ ފަސޭހަ ނުވާތީ އައި ބަދަލެއް އެއީ.” ރަވީގެ ކެރެކްޓަރ އަށް މުއާ ހަމަޖެއްސި އަސްލު ސަބަބު ހާމަކުރަމުން ނަހޫ ބުންޏެވެ.

މުއާ އާއި އައްޒަގެ ޖޯޑަކީ ރަނގަޅު ކީމިއެއް ފެނިގެންދާ ޖޯޑެއް – ފޮޓޯ: މުއާ ފޭސްބްކް
ނަހޫގެ މި އިޝާރާތުން އައްޒައާއި މުއާގެ ވަރަށް ރޮމޭންޓިކް މަންޒަރުތަކެއް ސީޒަން ދެއަކުން ފެނިގެންދާނެ ކަމަށް ޤަބޫލުކުރަމާ ހިނގާށެވެ. އެހެން ނަމަވެސް ލޯބީގެ މި އުފާވެރި ދިރިއުޅުމަށް އައްޒަގެ ކުރީގެ ފިރިމީހާ އީސަ (މަޢުރޫފް)ގެ ހިޔަނި ނޭޅި ކުރިއަށް ދާނީ ކިހައި ދުވަހަކުތޯވެސް ބަލަންތިބެމާ ހިނގާށެވެ. ހަމަގައިމުވެސް ކޮންމެވެސް ކަހަލަ ބޮޑު ރާޅެއް ބިންދައިލާގޮތަށް ނޫނީ ނަހޫގެ ސްކްރީންޕްލޭ ލިޔުމުގެ ޖާދޫ ފުރިހަމައެއް ނުވާނެއެވެ. އެހެންކަމުން އައްޒަ އާއި މުއާގެ ޖޯޑުގެ ކީމި ކިތަންމެން ގަދަޔަސް، މާ ހަމަޖެހިގެން އެމީހުންނަށްވެސް ކުރިއަށް ދެވިދާނެހެނެއް ހިޔެއްނުވެއެވެ. މިއީ ނަހޫވެސް މިކަމާމެދު ‘ހިންޓް’ ދީފައިވާ ގޮތެވެ.
ސީރީޒެއްގެ ކެރެކްޓަރެއް ކުޅެމުން އަންނަ މީހާ ބަދަލުވުމަކީ އައުކަމެއް ނޫނެވެ. ހަމަ އެހެންމެ އެކަމަކީ ބެލުންތެރިންނަށް ބަލައިގަންނަން ވެސް ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ އައްޒަ އާއި މުއާ، މި ސީރީޒުން ދެމަފިރިންގެ ގޮތުގައި ފެންނަން ފެށުމުން ކުރިން ކުރެހިފައިވާ ‘މިންހާ’ގެ ފިރިމީހާގެ ތަސްވީރަށް މުއާ ފިޓްވާކަށް ގިނަދުވަހެއް ނުނަގާނެއެވެ. ހަމަ ގައިމުވެސް ޅިޔަން ފަހަރިން، ދެމަފިރިންގެ ރޯލުން ފެންނަ ފެނުމަށްވުރެން މި ގެންނަ ބަދަލު ބަލައިގަންނަން ފަސޭހަވާނެކަމަށް ޤަބޫލުކުރެވެއެވެ.
ހާސްނުވާށެވެ. ހަމަ ގައިމުވެސް ނަހޫގެ “ހުވާ” ސީޒަން 2 ބަލާފައި މާޔޫސްވާން ނުޖެހޭނެކަން “ހުވާ”ކޮށްފައި ބުނަންވެސް ކެރިދާނެއެވެ. ޖެނުއަރީ 30އަށް ދުވަސްތައް ގުނަން ފަށާށެވެ.
ބަސްކޮށާރު: ކީމި – ކެމިސްޓްރީ
