ސްޕެނިޝް ކަޕްގައި ރޭ މެސީ ކާމިޔާބުކުރި ދެ ގޯލާއެކު، 5-0 ގެ ނަތީޖާއަކުން ފަސޭހަކަމާއި އެކު ލެގާނެސް ބަލިކޮށް ކުއާޓާ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.
މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނު ބާސާގެ ފުރަތަަމަ ގޯލު މެޗުގެ ވަރަށް ކުރީކޮޅު ނެލްސަން ސެމީޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ އޮންޓުއާން ގްރީޒްމަން އެވެ. ފުރަތަަމަ ހާފުގެ 28 ވަނަ މިނެޓުގައި ބާސާ އަށް ލިބުނު ކޯނަރަކުން ކުލެމެންޓް ލެންގްލެޓް ވަނީ ގޯލެއް ޖަހާ ބާސާ ގެ ލީޑު ފުޅާކޮށްދީފައެވެ.

ކުލެމެންޓް ލެންގްލެޓް ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް
ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ލިއޮނެލް މެސީ ވަނީ ގޯލެއް ޖަހާ ބާސާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ބާސާގެ ހަތަރުވަނަ ގޯލު 77 ވަނަ މިނެޓުގައި އާތާރ ކާމިޔާބުކޮށްދިންއިރު، އިވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމުގެ ފަސްވަނަ ގޯލު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީ އެވެ. މިއީ މެސީގެ ކެރިއަރުގައި އޭނާ ބާސާ ޖާޒީގައި ކާމިޔާބުކުރި 623 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ ބާސެލޯނާގެ ޖާޒީ ގައި މެސީ މޮޅުވި 500 ވަނަ މެޗުވެސް މެއެވެ.
