ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސައުތުހެމްޓަން އަތުން މޮޅުވެ ލިވަޕޫލް އަށް ރެކޯޑު ލީޑެއް

އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތުހެމްޓަން ގެ މައްޗަށް ފަސޭހަކަމާއި އެކު 4-0 ގެ ނަތީޖާއަކުން ކުރިހޯދައިގެން އިނގެރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި ވެސް ތާވަލުގެ އެއްވަނައިގައި އެންމެ ބޮޑު ލީޑެއް ނެގި ޓީމުގެ ޝަރަފު ލިވަޕޫލް ހޯދައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ގޯލެއް ފެނިފައި ނުވާއިރު، މެޗުގެ ހަތަރު ގޯލުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ، ރޮބާޓޯ ފާމީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން އޮކްސްލޭޑް ޗެމްބަލައިން ގޯލެއް ޖަހާ ލިވަޕޫލް އަށް ވަނީ މެޗުގެ ލީޑު ނަގައިދީފައެވެ. ލިވަޕޫލް ގެ ދެވަނަ ގޯލު 60 ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ކާމިޔާބުކޮށްދިނީ ވެސް ފާމީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެމުންދިޔަ ލިވަޕޫލް ގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ. ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތަކުން 72 ވަނަ މިނެޓުގައި ގޯލެއް ޖަހާ ސަލާހް ވަނީ ލިވަޕޫލް ގެ ލީޑު ފުޅާކޮށްދީފައެވެ. ލިވަޕޫލް އިން ކާމިޔާބުކުރި ހަތަރުވަނަ ގޯލު މެޗުގެ ފަހު ވަގުތުގައި ސަލާހް ޖެހީ ފާމީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ އިނގެރޭސި ޕްރިމިއަރ ލީގުގައި ސަލާހް ކާމިޔާބުކުރި 14 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

ހެންޑަސަން އަދި ފާމީނިއޯ އުފާފާޅުކުރަނީ / ފޮޓޯ: ރޮއިޓާސް

މިހާތަނަށް ކުޅުނު 25 މެޗުން 73 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު، ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ގެ މައްޗަށް އެ ޓީމުން ވަނީ 22 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މިއީ އިނގެރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި ވެސް ތާވަލުގެ އެއްވަނަ އާއި، ދެވަނައިގައި އޮތް ދެ ޓީމުގެ މެދުގައި މިހާ ބޮޑު ފަރަގެއް އޮތް ފުރަތަަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން މޮޅުވުމާއެކު އިނގެރޭސި ޕްރިމިއަރ ލީގުގައި ބަލިނުވެ ލިވަޕޫލް އިން މިވަނީ 42 މެޗު ފުރިހަމަކޮށްފައެވެ. ބަލިނުވެ ލިވަޕޫލް އަށް ވުރެން ގިނަ މެޗު ފުރިހަމަކޮށްފައިވަނީ ހަމައެކަނި އާސެނަލް އެވެ. އާސެނަލް ވަނީ 2003/2004 ވަނަ ސީޒަނުގައި ބަލިނުވެ 49 މެޗު ފުރިހަމަކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top