ބަވަނަ ވަމުން މިދާ ދުނިޔޭގައި މި ކުޑަކުޑަ މުޖުތަމަޢުގައި ހަނގާކުރުން ވެފައި މިވަނީ ވަރަށް ޢާންމު ކަމަކަށެވެ. ހާއްސަކޮށް ސުކޫލު މާހައުލުގައި ވަރަށް އާންމު ކަމަކަށެވެ. ކޮންމެވެސް ސިފައެއްގައި ހަނގާކުރުމުގެ ޝިކާރައަކަށް ނުވާ މީހުންގެ އަދަދު ދެއަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ. ނަމަވެސް ހަނގާގެ ޝިކާރައަށް ކުއްޖަކު ވެފައިވާކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ ހަނގާގެ ޝިކާރައަށް ކުއްޖަކު ވެފައިވާކަން އެނގުމުން ދެން ކަންތައްކުރަންވީ ކިހިނެއް ހެއްޔެވެ؟މިއީ ވެސް އުފެދޭ ސުވާލުތަކެކެވެ.
ހަނގާކުރުމަކީ ކޮބާ؟
ދިވެހިބަހުގެ ރަދީފުގައި ހަނގާކުރުމުގެ މާނަ އަކީ ތޮޅުން، އުނދަގޫކުރުން އަދި އުނދަގޫ ކުރުމެވެ. އަދި ހަމައެފަދައިން ހިތް ނޭދޭ ވަނަމުން ގޮވުމާއި އެހެންކުދިންނާ އަޅުވާ ކިޔުމާއި ތިމާގެ މީހުންނަށް ވަނަން ހަދައިގެން ކުއްޖަކާ މުހާތަބުކުރުން ވެސް ހިމެނޭނީ ހަނގާކުރުމުގެ ގިންތީގައެވެ.
ދެނެގަންނާނީ ކިހިނެއް؟
ކުއްޖަކު ހަނގާކުރުމުގެ ޝިކާރައަކަށް ވަމުންދާ ނަމަ ބައެއްކަހަލަ ނިޝާންތަކެއް ނުވަތަ ކަންތައްތަކެއް ފެންނާނެއެވެ. ތިރީގައި އެވަނީ އެފަދަ ބައެއް ކަންތައްތަކެވެ.
➢ ގެއަށް އަންނައިރު ކުއްޖާގެ ހަށިގަނޑުގެ ތަންތަން ހަލާކުވެފައި ހުރުން:
ހަނގާ ގެ ނިޝާނެއް ކަމަށް ބެލެވޭނީ އެ ތަނެއް ހަލާކުވީ ނުވަތަ އަނިޔާއެއް ވީ ކީއްވެކަން ބުނެނުދޭނަމައެވެ. އާމްމު ގޮތެއްގައި ހަނގާގެ ޝިކާރައަށް ވަމުންދާ ކުދިން އަނިޔާ ވާން ދިމާވާ ސަބަބު ބުނެދޭން ފަސްޖެހި އުނދަގޫ ވާނެއެވެ. ސަކަރާތްޖަހަނިކޮށް ނުވަތަ ކުޅެން އުޅެނިކޮށް ވެސް އަނިޔާ އެއް ވެދާނެއެވެ. އެފަދަ އަނިޔާތައް ކިޔައި ދޭން ކުދިންނެއް ފަހެއް ނުޖެހޭނެއެވެ.
➢ އާންމުކޮށް ބޮލުގައި ނުވަތަ ބަނޑުގައި ރިހުން ނުވަތަ ބަލިވާކަމު ހެދުން:
ހަނގާގެ ޝިކާރައަކަށް ވަމުންދާނަމަ އެ ހަނގާ ކުރާ ކުދިން ތިބޭތަންތަނަށް އެކުއްޖަކު ދާކަށް ބޭނުމެއް ނުވާނެއެވެ. މި ސަބަބަށްޓަކައި ނުދާން ނުވަތަ އެކަހެރި ވުމަށްޓަކައި ބަލިވާކަމަށް ހެދެއެވެ. ނުވަތަ އެކަންކަމާ މާބޮޑަށް ވިސްނައި ފިކުރުކުރާ ނަމަ އެކުއްޖަކު ހަމަ ހަގީގަތުގައިވެސް ބަލިވުން އާންމު ވެދާނެއެވެ.
➢ އަމިއްލަ ނަފްސަށް އޮންނަ އިތުބާރުކުޑަވުން ނުވަތަ ސެލްފް އެސްޓީމް ލޯވުން:
➢ ސުކޫލު ފިލާވަޅުތަކާއި ސުކޫލު މަސައްކަތްތައް ކުރަން ފޫހިވުމާއި ސުކޫލަށް ދާން ފޫހިވުން.
➢ އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތްކުރުން.
➢ މީހުންނާއި އެކަހެރިވާން ބޭނުންވުން.
➢ ހަމަ ނިދި ނުލިބި އަބަދު ސިހުން.
➢ ކުދިކުދި ކަންކަމާ ހާސްވެ ކަންބޮޑުވުން.
➢ ކެއިން ބުއިމުން ދުރުވުން ނުވަތަ މަދުުވުން.
ކުއްޖަކު އެހެން ކުއްޖަކަށް ހަނގާކުރާކަން ދެނެގަންނާނީ ކިހިނެއް؟
ހަނގާގެ ޝިކާރައަކަށް ވަމުންދާ ކުދިންގެ ދިރިއުޅިމަށް ބަދަލު އަންނަ ފަދައިން ހަނގާ ކުރާކުދިންގެ ދިރިއުޅުމަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ތިރީގައި އެވަނީ ހަނގާ ކުރާ ކުދިންގެ ކިބައިން ފާހަގަ ކުރެވިދާނެ ބައެއްކަންތައްތަކެވެ.
➢ އާންމުކޮށް ވާހަކަ ދައްކާއިރު ޒުވާބުކޮށް އަތް އިސްކުރުން.
➢ އާ އެއްޗެހި އާދަޔާޚިލާފަށް ގިނަވުން އަދި އެއީ ކިހިނެއް ލިބުނު އެއްޗެހިކަން ބުނެނުދެވުން.
➢ އަމިއްލަ މީހާ ކުރެވޭ ކުށަތައް އެހެން މީހުންގެ ބޮލު އަޅުވަން މަސައްކަތްކުރުން.
➢ އާންމުކޮށް ޕުރިންސިޕަލް ނުވަތަ ސުޕަވައިޒަރާއި ބައްދަލު ކުރަން ޖެހުން.
➢ ނުރަނގަޅު ރަހުމަތްތެރިން ތިބުން.
ޝާއިޢުކުރީ: އަޙްމަދު ރަޝީދު | ރިވިއު ކުރީ: އަޙްމަދު ރަޝީދު
