ކޮރޯނާވައިރަސް ހުރިކަން ކަށަވަރު ކުރުމަށް ބޭނުން ކުރާ 5،000 ޓެސްޓް ކިޓު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަވާލުކޮށްފި އެވެ. މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 1000 ކިޓް ހަދިޔާކޮށްފަ އެވެ.
ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޓެސްޓް ކިޓުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ރިޕްރެޒެންޓެޓިވް ޑރ. އަރުވިންދު މަތުރު އެވެ.
އަމީން ވިދާޅުވީ މި ބަލި އަތޮޅުތަކުގެތެރޭގައި ފެތުރިއްޖެ ހާލަތެއްގައި މާލޭގައި އޮޕަރޭޝަން ސެންޓަރުތައް ގާއިމް ކޮށްފައިވާ ގޮތަށް އަތޮޅުތަކުގައިވެސް އޮޕްރޭޝަން ސެންޓަރުތަކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށާއި ކައުންސިލްތަކާއި ކަމާބެހޭ މުއައްސަސާތަކުގެ ދައުރުވެސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އަރުވިންދު ވިދާޅުވީ ކޮރޯނާވައިރަހަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަކީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރަމުން ގެންދާ މަސައްކަތްތަކެއް ކަމަށެވެ. ކޮރޯނާވައިރަސް ކޮންޓްރޯލުކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ބެލުމަށްޓަކަށް މިނިސްޓްރީތަކާއި އޭޖެންސީތަކާ ގުޅިގެން މަޝްވަރާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
