އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫން ނަންބަރު 7/2012 (އާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން) އަޅާ ހާއްސަ ފިޔަވަޅުތަކުގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ އެއްމެހައި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ދެ ހަފްތާއަށް ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގައިފިއެވެ.
މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން އަޅާ މިފަދަ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އެ އޭޖެންސީން ވަނީ އަންގާފައެވެ.
އަދި މި އެންގުމާއި ގުޅިގެން ދަޢުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އަނގާފައެވެ.

