“މިނިވަން އުފާ ޓިކްޓޮކް މުބާރާތް 2021” ގައި ބައިވެރިވެ، 15،000 ރުފިޔާގެ ފައިސާގެ އިނާމަކާ އަދިވެސް އިތުރު ފައިސާގެ އިނާމު ލިބޭ ވަރުގަދަ ޓިކްޓޮކް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް އިންތިޒާމުކުރަނީ ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި ވީޑިއޯގްރާފަރް މުޙައްމަދު ނަޝީދު (ބޭބީ) ގުޅިގެންނެވެ.

މިއީ މިއަހަރުގެ މިނިވަން ދުވަހު، ހޯމް މިނިސްޓްރީން އިންތިޒާމުކޮށް ޕީއެސްއެމުން ދައްކަން ނިންމާފައިވާ 18 ގަޑިއިރުގެ ޓެލެތޯންގެ މުހިންމު ސެގްމެންޓެއްގެ ގޮތުގައި ގެނެސްދޭ މުބާރާތެއް ކަމަށް މުނިއަވަސް އަށް މަޢުލޫމާތުދެމުން މުޙައްމަދު ނަޝީދު ފާހަގަކުރިއެވެ.

ފިލްމީ ދާއިރާއަށް ޚިދުމަތްކުރަމުން އަންނަތާ 25 އަހަރަށް ވުރެން ދިގު މުއްދަތެއް ހޭދަކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) އާއި ވީޑިއޯގްރާފަރް މުޙައްމަދު ނަޝީދު (ބޭބީ) އިންތިޒާމުކުރާ މި މި މުބާރާތުގައި ވާދަކުރަން ބޭނުންވާ މީހުން ޓިކްޓޮކް ވީޑިއޯތައް ކުޅެފައި ފޮނުވަވުމުގެ ފުރުޞަތު މިމަހުގެ 12 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ނަޝީދު ބުންޏެވެ. މުބާރާތުގައި ބައިވެރިވާން ދީފައިވާ މުއްދަތު ހަމަވާނީ މި މަހު 20 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އެއްވަނައަށް އަންނަ ފަރާތަކަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، މީގެ އިތުރުން އިތުރު 10 ފަރާތަކަށް ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަން ނަޝީދު ފާހަގަކުރިއެވެ.

“ދެން މީގެ އިތުރުން ޓިކްޓޮކް ތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެކްޓިންގެ ރޮނގުން އެންމެ ފާހަގަކޮށްލެވޭ ތިން ފަރާތަކަށް ފުލީ ޕެއިޑް ތިން ލަވައިގެ ފުރުޞަތު ލިބޭނެ. މި ލަވަތައް ޑައިރެކްޓްކުރާނީ އަމްޖަދު އިބްރާހީމް.” މުބާރާތުގެ ވަނަތަކާއި އިތުރު ފުރުޞަތުތައް ހިއްސާކުރަމުން ނަޝީދު ބުންޏެވެ.

މި މުބާރާތުގައި ހުށައަޅާ ވީޑިއޯގެ ތީމަކަށް ވާންޖެހޭނީ މިނިވަން ދުވަސް ކަމަށާ ކުލައެއްގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ގައުމީ ދިދައިގެ ކުލަތަކާއި ސަގާފީ ހެދުން ކަމަށްވެސް މުބާރާތުގެ ޤަވާއިދުތަކުގައި ބުނެފައިވެއެވެ. އެގޮތުން ގައުމީ ވަންތަ ލަވައާއި ދުވަހުގެ ޝިއާރާ ގުޅޭ ހުރިހާ ބާވަތެއްގެ އައިޓަމްތައް ވެސް މި މުބާރާތުގައި ބައިވެރިކުރެވޭނެއެވެ.

މުބާރާތުގައި ބައިވެރިކުރާ ވީޑިއޯގެ ދިގުމިނުގައި 15 ސިކުންތާއި 20 ސިކުންތާ ދެމެދުގެ ދިގުމިން ހުންނަން ޖެހެއެވެ.

މިނިވަން ދުވަހު ބާއްވާ ޓިކްޓޮކް މުބާރާތް އިންތިޒާމުކުރާ ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި ވީޑިއޯގްރަފާ މުހައްމަދު ނަޝީދު (ބޭބީ)

މި ހުރިހާ ޓިކްޓޮކް ވީޑިއޯތައް މިނިވަން ދުވަހުގެ ޓެލެތޯންގައި ދައްކާނެ އެވެ. ވަނަވަނަ އަށް ހޮވޭ ފަރާތްތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީވެސް އެ ޓެލެތޯން ތެރޭގައެވެ.

“އަޅުގަނޑުމެންގެ މި އިވެންޓްގެ މައިގަނޑު މަޤްޞަދަކީ މި ޕެންޑަމިކްގެ ވަގުތުގަ ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކުން މީހުންނަށް ބައިވެރިވޭނެ ފުރުޞަތު ހުޅުވާލުން. ކޮންމެ ތަނެއްގަ ތިބެގެންވެސް މުބާރާތަށް ވީޑިއޯ ފޮނުވުމަށް މިނިވަން އުފާ ޓިކްޓޮކް 2021ގެ ނަމުގަ އަޅުގަނޑުމެން ވަކި އެކައުންޓެއް ތައްޔާރުކޮށްފަ އިންނާނެ.” ނަޝީދު އިތުރަށް ހާމަކުރިއެވެ.

މި މުބާރާތް އިންތިޒާމުކުރުމާއި ޕްރޮމޯޓްކުރުމުގައި މިވަގުތު ޓިކްޓޮކްގައި ހަރަކާތްތެރިވާ ރާއްޖޭގެ މަޝްހޫރު 20 އާޓިސްޓުން ހަރަކާތްތެރިވާކަމަށްވެސް ނަޝީދު ބުންޏެވެ.

މުބާރާތުގެ ތަފުސީލު ދެމުން ނަޝީދު ދިން ބަސްދީގަތުމުގެ އޯޑިއޯ:-

https://www.youtube.com/watch?v=usb335S1Bn0

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.