ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އެފްއޭއެމް ވިމެންސް ލީގު 2026” ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު ފަސްވަނަ މެޗުން ވެސް މޮޅުވެ ލީގު ޗެމްޕިއަންކަމާއި ކައިރިއަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ޖެހިލައިފި އެވެ.
ލީގުގައި އެ ޓީމު މިހާތަނަށް ކުޅުފައިވާ މެޗުތަކަށް ބަލައިލާއިރު ފުރަތަމަ މެޗު ދަ ގްރާންޑޭއާ ބައްދަލުކޮށް ކާމިޔާބުކުރީ 15-0 އިން ނެވެ. ދެވަނަ މެޗު މޯލްޑިވްސް ސޮކަރމޭޓްސްއާ ބައްދަލުކޮށް 3-0 އިން ކާމިޔާބުކުރިއިރު، ފުރަތަމަ ބުރުގެ ފަހު މެޗު މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއާ ބައްދަލުކޮށް ކާމިޔާބުކުރީ 5-0 އިން ނެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭއާ ބައްދަލުކޮށް 10-0 އިން ކާމިޔާބުކުރިއިރު، ދެވަނަ ބުރުގެ ދެވަނަ މެޗު މިއަދު މޯލްޑިވްސް ސޮކަރމޭޓްސްއާ ބައްދަލުކޮށް ކާމިޔާބުކުރީ 2-0 އިން ނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗަކީ މި ލީގުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗެވެ. ފުރަތަމަ ބުރުގައި ވެސް ނިއުރޭޑިއަންޓަށް ކާމިޔާބުކުރަން އެންމެ އުނދަގޫވި މެޗަކަށް ވީ ސޮކަރމޭޓްސްއާ ބައްދަލުކުރި މެޗެވެ.
ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ފުރުސަތުތައް ހޯދީ ނިއުރޭޑިއަންޓުން ނެވެ. ނިއުރޭޑިއަންޓުން މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 18 ވަނަ މިނިޓްގައި ސުމައްޔާ މަޓްސުޝިމާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ސޮކަރމޭޓްސްގެ ޑިފެންޑަރުން ކުޅުނު ބޯޅައެއް، އެ ޓީމުގެ އޭރިޔާ ބޭރުން ހައްވާ ޝާއިގާ ހޯދައި އޭނާއަށް ޖައްސާލުމުން ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނިއުރޭޑިއަންޓުން ހޯދި އެވެ.
މި މެޗުގެ ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ނިއުރޭޑިއަންޓުން ނެވެ. މި ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބުނެވެ. މި ހާފުގައި ނިއުރޭޑިއަންޓުން އުފެއްދި ގިނަ ހަމަލާތަކެއް ސޮކަރމޭޓްސްގެ ކީޕަރު ދިފާއުކޮށްފައިވާއިރު، އެ ޓީމުން ދެވަނަ ލަނޑު ޖެހީ މެޗުގެ ފަހުކޮޅު މަރިޔަމް ނޫރާ އެވެ. ނޫރާ މި ލަނޑު ޖަހާފައިވަނީ ސަބީނާ ކާތުން ޖައްސާލި ބޯޅައެއް ހޯދައި، އޭރިޔާ ތެރެއަށް ވަދެ އޭނާ ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ މަރިޔަމް ނޫރާ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 15 ޕޮއިންޓް ހަމަކޮށް ލީގުގެ އެއްވަނައިގައި ނިއުރޭޑިއަންޓް ހަމަޖެހިލިއިރު، އެ ޓީމުގެ ފައިދާ ގޯލުގެ އަދަދު 35 އެވެ. ލީގުގެ ދެވަނައިގައި އޮތް މާޒިޔާ 4 މެޗުން 9 ހޯދާފައިވާއިރު، އެ ޓީމުގެ ފައިދާ ގޯލުގެ އަދަދަކީ 15 އެވެ.
