ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގދ. ގައްދޫ ދަނޑުގައި ގައްދޫ ކޮޅަށް ހަތް ލަނޑު ޖަހައި ލަނޑުގެ ތަފާތުން މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ވަގުތީ ގޮތުން ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
މުޅި މެޗު އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅުނު މާޒިޔާއިން މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ 10 ވަނަ މިނިޓްގައި ގޮޑްޖޯ ގޯމޭޒް ޖަހައިދިން ލަނޑުން ނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ހަސަން ސިފާޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. 15 ވަނަ މިނިޓްގައި އަހްމަދު އައިހަމް ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި މުޙައްމަދު އިލާން އިމްރާން މާޒިޔާގެ ލީޑު ފުޅާކޮށްދިނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކު އެވެ.
ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ފުރަތަމަ ހާފަށްވުރެ މޮޅު ކުޅުމެއް ދައްކައި އިތުރު ފަސް ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ މުޙައްމަދު އިލާން އިމްރާން އެވެ. މާޒިޔާގެ ތިންވަނަ ލަނޑަށް މާ ގިނައިރެއް ނުވެ މާޒިޔާއިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހި އެވެ. 55 ވަނަ މިނިޓްގައި އަޙްމަދު އައިހަމް މި ލަނޑު ޖަހައިދިނީ ނިޝާމް މުޙައްމަދު ރަޝީދު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
އަނިޔާގެ ސަބަބުން ދުވަސްކޮޅަކު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައި މުޙައްމަދު އިލާން އިމްރާން މި މެޗުގައި ހެޓްރިކް ހެދީ 60 ވަނަ މިނިޓްގައި ކާމިޔާބުކުރި ލަނޑުން ނެވެ.
މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މުޙައްމަދު އިލާން އިމްރާން ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާގެ ހަވަނަ ލަނޑު ޖަހައިދިނީ ޢަބްދުﷲ ލޫތު އިބްރާހިމް އެވެ. އަދި މާޒިޔާގެ ހަތްވަނަ ލަނޑު 84 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމް އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 19 ޕޮއިންޓް ހަމަކޮށް މާޒިޔާއިން ލީގުގެ އެއްވަނައަށް ވަގުތީ ގޮތުން ޖެހިލީ، އެއްވަނައިގައި ކުރިން އޮތް ވިކްޓަރީ އާއި އެއްވަރަށް ޕޮއިންޓް ހޯދައި، ވިކްޓަރީއަށްވުރެ ފައިދާ ލަނޑު ގިނަވުމުން ނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ މުޙައްމަދު އިލާން އިމްރާން އެވެ.
