އިރުއޮއްސޭ މަންޒަރު ބަލާލައި އެކަން ތަޖުރިބާކޮށްލުމަކީ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއްނޫނެވެ. ދޮންވެލި ތުނޑިއެއްގައި އިނދެ އިރުއޮއްސޭ މަންޒަރު ދެކިލައި އެކަން ތަސައްވުރުކޮށްލުން މިހާރު މިވަނީ އަޅުގަނޑުމެން ކިތަންމެ ބުރަކޮށް އުޅުނެއްކަމަކު ކުރަން ޖެހޭ ކަމަކަށްވެ ނިމިފައެވެ. އެކަމުން ލިއްބައިދޭ އުފާވެރިކަމުންނެވެ. ހިތަށް ވެރިވެގެންދާ ހިތްހަމަ ޖެހުމުންނެވެ.
ފޮޓޯ ނެގުމަކީ މިހާރު ޒުވާނުންގެ ތެރޭގައި ނިކަން ވަރުގަދަ ޓްރެންޑަކަށް ވެފައިވާ ޒަމާނީ އާދައެކެވެ. ކުދިކުދި ވީޑިއޯ ނެގުން ވެސް ފޮޓޯނެގުމުގެ ރޭހުގައި ވާދަކުރަމުންދާއިރު ރީތި މަންޒަރުތަކާއި އަމިއްލަ ނަފްސުގެ އިތުރުން ފިތުރަތުގެ ފުރިހަމަ މަންޒަރެއް ފެނިއްޖެނަމަ ފޮޓޯއެއް ނޫނީ ވީޑިއޯއެއް ނަގާނުލެވިއެއް ހިތްހަމައެއް ނުޖެހެއެވެ. ވީއިރު ފޮޓޯނެގުން މިވަނީ އަދުގެ ޒުވާނުންގެ ދިރިއުޅުމާއި ނުހަނު ބޮޑަށް ގުޅިފައިވާ އަދި މި ޒުވާންފުރާގެ ކުދިންގެ މެދުގައި ނިކަން ވަރުގަދަ މުބާރާތަކަށް ވެސް ވެފައެވެ. އިންސްޓަގްރާމްގެ ފީޑަކީ މިކަން އެންމެ ސަރީޙަކޮށް ސާބިތުކޮށް ދޭނެ ވަސީލަތެވެ.
ގިނަ ފޮޓޯނެގުންތެރިންގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮންނަނީ އިރުއޮއްސޭ ވަގުތުގެ ފޮޓޯއެވެ. “ސަޅި ސަންސެޓެއް” ނެގުމުގެ ފޮނި އުއްމީދުގައި ދިޔަ ކަމުގައި ވީނަމަވެސް ބައެއް ދުވަސްދުވަހު ހިތި ތަޖުރިބާ ވެސް ކުރަން ޖެހެއެވެ. މި ދެންންނެވީ ވިލާތަކުން ނޫނީ އެހެން ގޮތަކަށް ވިޔަސް ރީތި ނޫން ދުވަސްތުގެ ވާހަކައެވެ.
މި ވަގުތު ކުޑަތަންވަމުންދާ ވަރަކަށް ކޮންމެ ތާކު ހުއްޓަސް ރަށުގެ އިރު އޮއްސޭފަރާތަށް ޒުވާންފުރާގެ ކުދިންތައް ބަރިބަރިއަށް އެއްކޮށްލަނީ ހަމަ އެންމެ މަންޒަރެއް ނެގުމަށެވެ. ނަމަވެސް ފޮޓޯނެގުމުގައި ވީހާވެސް ތަފާތު ގޮތަކަށް ފޮޓޯ ބައްޓަން ކުރެވޭތޯ ބަލައެވެ. މިކަމުގައި ވާދަކުރަނީ ހަމަ އެކަނި މި ވެރިންނެއް ނޫނެވެ. މި ވެރިންގެ ފޯނުތައް ވެސް ނިކަން ވާދަވެރިވެފައި އަދާކުރާ ރޯލު ހަމަ އެހައި ބޮޑެވެ.
ނޫ ކަނޑާއި ނޫ އުޑުގެ ނޫކަމުގެ މައްޗަށް އޮރެންޖް ކުލައެއް ވެރިވެފައިވާ މި ދޭތެރެއިން އިރު އަސްތަވަމުން ދާއިރު ކަނޑަށް އެޅިފައިވާ ރަންދޯދިތަކާއި އެ ދޯދިތަކުން ހެދިފައިވާ ބެބުޅުން އުޖާލާވެ ރަތް ވިލާތަކެއް އުޑުގައި އުފެދުމާއި އެ ވިލާތަކުގެ ދުވެލި މަޑު ދައުރުވުމުގެ ޖާދުވީ މަންޒަރު އެންމެ ފޮޓޮއެއްގެ ސިފައިގައި ފަރުމާކުރެވުމުން ހިތަށް ލިބިގެން ދަނީ ބޮޑު ތަސައްލީއެެއްކަމަށް ފޮޓޯނަގާ ކުދިން ބުނަމުންދެއެވެ. އަދި އެ ތަސައްލީއަށް އިތުރު ވަރުގަދަކަމެއް ގެނެސްދެނީ މީސްމީޑިއާގައި އެންމެނަށް ދައްކައިލެވިގެން ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ. ހަމަ އެގޮތަށް ތުނޑި ފަދަ ގޮނޑުދޮށްތަކަށް ބީހެމުންދާ މަޑުމަޑު ފިނި ރާޅުތަކުގެ އަޑުން މުޅި މެހެފިލް ގުގުމަމުންދާއިރު މާހައުލުން ލިބިގެންދަނީ ބަޔާންކުރާން ދަތި ފޮނި އިޙްސާސްތަކެކެވެ. ނަމަވެސް މިފަދަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނެގުމަކީ ވަރަށް ބުރަ މަސައްކަތަކެވެ.
މިފަދަ ވަގުތުގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނުނެގި ދިރިއުޅުމުގެ ކަމަކާހެދި “މިސް” ކޮށްލެވުމަކީ ފަހުން އެކަމާ ކަންބޮޑުވެ ހިތާމަކުރަން ޖެހޭ ވަރުގެ ކަމެއްކަމަށް ކަމުގެ ތަޖުރިބާކާރުން ލަފާދެއެވެ. އެހެންކަމުން މި ކުޑަ ހިނދުކޮޅު ވެފައިވަނީ ފޮޓޯ ނަގާ ކުދިންނަށް ވަރަށް ވެސް މަތީ ދަރަޖައެއް ދެވިފައިވާ އުފާވެރި ވަގުތުކޮޅެކެވެ.
ދުވަސް ނިމިގެން ދާއިރު މި ފެންނަ ޤުދުރަތީ މަންޒަރުތައް ހަމަ ލޮލުން ބަލައިލާ ހިތްހަމަޖެހިގެން ދާކަމަކަށް މިކަން ވީއިރު މި މަންޒަރު އަމިއްލަ ދެލޮލުން ބަލާލެވިގެނެއް މި ވެރިންނަކަށް ނުފުދެއެވެ. ފަހުން ބަލާލަން ވިޔަސް ނޫނީ ރައްޓެއްސަކަށް ދައްކާލަން ވިޔަސް ފޮޓޯއެއް ނަގާލަން އެބަ މަޖުބޫރުވެއެވެ. މިއީ މި ވެރިން ފޮޓޯނަގާ މައިގަނޑު އަސާސްކަމަށް ވެސް ވެދާނެއެވެ. އެންމެ ތިލަކޮށް ދަންނަވަނީނަމަ އިންސްޓަގްރާމްގެ ސްޓޯރީއަށް ނުވަތަ ފީޑަށް ނުވަތަ ސްނެޕެއް ކޮށްލަން އެބަ ޖެހެއެވެ. ދުރުގައި ތިބި މީހުންނަށް ދައްކާލާށެވެ. ތިމާގެ ހުރި ކުޅަދާނަކަން ދެއްކުމަށް ކުރާ ކަމަކަށް ވެސް މިކަން ވެގެން ހިނގައިދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.