ބ.ގޮއިދޫގައި މީހަކު ހައްދާ ދެ ދަނޑަކަށް ގެއްލުންދީގެން ރިޕޯޓްކޮށްފައިވާކަމަށް ޕޮލިސްމީޑިއާއިން ކުރި ޓްވީޓެއްގައި ބުނެފިއެވެ. މިއަދު ހެނދުނު 8.30 ގައި މި މައްސަލަ ރިޕޯޓްކޮށްފައިވާކަމަށްވެސް ޕޮލިހުން ކުރި ޓްވީޓްގައިވެއެވެ.
މިކަމާއި ގުޅިގެން މުނިއަވަސްއަށް މަޢުލޫމާތު ދެއްވަމުން ދަނޑުގެ ވެރިޔާ ބުނީ ދެ ދަނޑަކަށް ގެއްލުން ދީފައިވާ ކަމަށެވެ. އެއީ ފާގަ ދަނޑަކާއި ޗިޗަންޑާ ދަނޑެއް ކަމަށް ދަނޑުގެ ވެރިމީހާ ބުންޏެވެ. ދަނޑުތަކަށް ގެއްލުން ދީފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ގެއްލުން ދީފައިވާކަން އެނގުނީ ހެނދުނު ދަނޑަށް ދިއުމުން ކަމަށްވެސް އޭނާ ބުނެއެވެ.
“ހެނދުނު ދިޔައިރު ހުރީ ވެޔޮތަކުގައި ހުރި ފާގަތަކާއި ޗިޗަންޑާތައް ތޫނުއެއްޗަކުން ކޮށާ އަޅާލާފައި.. ވެޔޮތަކަށް ވެސް ގެއްލުންދީފައި” އޭނާ ބުންޏެވެ.
ބ.ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ވިދާޅުވީ ދަނޑަށް ގެއްލުންދީފައިވާކަން ކައުންސިލްގެ ސަމާލުކަމަށް މިއަދު ހެނދުނު ގެނެސްފައިވާ ކަމަށެވެ. އަދި މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ ތަހްޤީޤް ކުރަމުން ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.
ކޮވިޑް 19 އާއި ގުޅިގެން މާލެ ފުރަބަންދުކޮށް އަތޮޅު ތަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އަތޮޅުތަކުގައި ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކުމުގައި ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.
