ބަވަނަވަމުންދާ ދުނިޔެ މިއަދު މިވަނީ ގުޅި ލާމެހިފައެވެ. އިންޓަރނެޓުގެ ޒަރިއްޔާއިން، ދުނިޔޭގައި ހިނގާ ކޮންމެ ކަމެއްވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ފަސޭހަ ކަމާއި އެކު އެނގެއެވެ. ނަމަވެސް، ސުވާލަކީ އިންޓަރނެޓުގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ހިފަނީ ކިތައް ބޭފުޅުންތޯއެވެ؟
އަޅުގަނޑުމެން ދިވެހީންނަށް މިއަދު އިންޓަރނެޓް ވެފައިވަނީ ކޮންމެހެން ލާޒިމް ޚިދުމަތަކަށެވެ. ދިރިއުޅުމުގެ އަސާސީ ބޭނުމަކަށެވެ. ކަން މިހެން ހުރި އިރު، އިންޓަރނެޓާއި ނުލައި މިއަދު ދިވެހީންނަށް ދިރިއުޅެން އުނދަގޫވާނެއެވެ. ދަތިވާނެއެވެ.
ނަމަވެސް ބުނަން ހެއްޔެވެ؟ ކިތަންމެ މުހިންމު އެއްޗެއްގެ ވެސް ދެފަރާތެއް އޮންނާނެއެވެ. ރަނގަޅު ފަރާތާއި، ނުރަނގަޅު ނުވަަތަ ގޯސް ފަރާތެވެ. އަޅުގަނޑު މިދެންނެވި ގޯސް ފަރާތަކީ އެކަމެއްގެ އޮންނާނެ އެންމެ އަނދިރި މަގެވެ. އަލި މަގުން ދެވެން އޮއްވައި، ނުވަތަ ހެޔޮގޮތުގައި އެއްޗެއް ބޭނުން ކުރެވެން އޮއްވާ، އޭގެ ނުބައި ކޮޅު ޚިޔާރު ކޮށްފިނަމަ، ތިބާ އާއި ތިބާ ދިރިއުޅޭ މުޖުތަމަޢު ހަލާކު ވެދާނެއެވެ. ފަސާދަވެގެން ގޮސް، މުޅި މުޖުތަމަޢުގެ ފޭރާން ވީދި ހަފުސް ވެދާނެއެވެ. އިންޓަރނެޓަކީ ވެސް ހަމަ މިފަދަ އެއްޗެކެވެ. ހެޔޮގޮތުގައި ބޭނުން ކުރާނީތޯ، ނުވަތަ ތިބާގެ ދިރިއުޅުން ނަރަކައަށް ވައްޓާލާނީތޯ ނިންމާނީ އަމިއްލަ އަަށެވެ. މިކަން ބިނާ ވެގެން ވަނީ ތިބާގެ ހިތުގައި އޮންނަ ޢަޤީދާގެ މައްޗަށެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ކުޑަ ބޮޑު އެންމެންވެސް އިންޓަރނެޓުގެ ޚިދުމަތް ބޭނުން ކުރެއެވެ. ނަމަވެސް ހިތާމައަކީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން އިންޓަރނެޓުގެ އަވައިގައި ޖެހި، އަނދިރި މަގުން ދާ ދިޔުން އިތުރުވަމުންދާ ކަމެވެ. މިއީ ބިރުވެރި ކަމެކެވެ. މުޖުތަމަޢަށް ދެވޭ ނުރައްކާތެރި އިންޒާރެކެވެ. ދިވެހި ޒުވާން ޖީލަކީ، މިޤައުމުގެ މުސްތަޤުބަލެވެ. ކުރިއެރުމެވެ. އެ ޖީލު ހަލާކު ވެއްޖެނަމަ، މުޅި މިޤައުމު ގިސްލަައި ރޯނެކަން ކަށަވަރެވެ.
އެގޮތުން، އިންޓަރނެޓު ތެރެއިން ވިހައިގެން ނުކުތް ހަޑިމުޑުދާރު، ފާޙިޝް، ޕޯރން (ބަރަހަނާ) ސައިޓުތަކުން، ޒުވާނުންގެ ލޯތައް ކަނުކޮށްފިއެވެ. ސިކުނޑިތައް ގައުވެ، ހިތްތައް ކޮށިވެއްޖެއެވެ. ދުނިޔެއަށް ފޮނުވި މަގުސަދު އޮޅި، ހަވާނަފުސުގެ މިތުރަކަށް ޝައިޠާނާ ހަދައިފިއެވެ. އެ ޕޯރން ސައިޓުތަކުން ދައްކާ، ބަރަހަނާ މަންޒަރުތަކުން ހިތުގެ އީމާންތެރިކަން ނެތިގެން ގޮސްފިއެވެ.
އާނއެކެވެ! ދުނިޔެ ދައްކާ ކޮންމެ ދަޅައަކަށް ތިބާ ހެއްލިގެންދާ ނަަމަ، ދިރިއުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ވިސްނާށެވެ! އެ ޕޯރން ސައިޓުތަކުން ތިބާގެ ލޮލުގެ ކުރިމަތީގައި އެދައްކަނީ ދަޅައެެކެވެ. ފައުޅު ކުރަމުން އެގެންދާ އައުރަ އަކީ އެއްވެސް އަގެއް ނެތް އެއްޗެކެވެ. އެ އަގެެއް ނެތް މަންޒަރުތައް ބަލަން، ތިބާގެ އަގުބޮޑު ވަގުތުތައް ހޭދަކުރުން ހުއްޓާލާށެވެ! ފަހުން ގިސްލައި ރޯން ޖެހިދާނެއެވެ.
ކޮންމެ ގޮތަކުން ބެލިޔަސް، އެ ސައިޓުތަކުން ތިބާއަށް ވަގުތީ، ކުޑަ ހިނދުކޮޅެއްގެ އުފަލެއް ނޫނީ ނުލިބޭނެއެވެ. ނަމަވެސް އޭގެ ބަދަލުގައި ތިބާ ފަހުން އުފުލަން ޖެހޭނެ ވޭނާއި ކެކުޅުން މާ ބޮޑު ވެދާނެއެވެ. ތިބާގެ އެންމެ އަގުހުރި އެއް ރައުސްމާލު ކަމުގައިވާ، ތިބާގެ އަބުރު ކަތިލެވި، ޤަތުލް ވެދާނެއެވެ. ގެއްލިއްޖެ އަބުރެއް ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް، އަލަކުން ނުލިބޭނެއެވެ. ލޮލުން ހޯސްލާފައި ކަރުނައިގެ އެތަކެއް ރާޅުތަކެއް ކޯތާފަތް މައްޗަށް މުގުރިޔަސް، އެ ކަރުނައިން ތިބާގެ އަބުރަށް ރާހަތެއް ނުކުރާނެއެވެ.
ޕޯރން ސައިޓުތަކުން ތިބާގެ ޢާއިލާގެ ގުޅުން ހީނަރު ނުވަަނީސް، އަވަހަށް މިކަމުން ދުރުވެގަންނާށެވެ! ތިބޭގެ އަމިއްލަ ޒާތު، ޒިނޭގެ ދާނުގައި އޮވެ ނިދުމުގެ ކުރިން އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ! ތިބާގެ ނަފުސު ބޮޑު ބަލިމަޑު ކަމެއްގެ ތެރެއަށް ގެނބި ޣަރަޤުވުމުގެ ކުރިން، އަމިއްލަ ޞިއްޙަތަށްޓަކައި ނަމަވެސް މި ނުބައި އާދަ ދޫކޮށްލަންވީ ނޫންތޯއެވެ!
އަޅުގަނޑުމެން އިންސާނުންނަށް މާތްﷲ ދެއްވާފައިވާ ދެލޮލަކީ، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވި މާތް މަތިވެރި ނިޢުމަތެކެވެ. އެ ނިޢުމަތަށް ފަރުވާތެރިވެ، ފާރަވެރި ވާށެވެ! އެއްވެސް އަގެއް، އިއްޒަތެއް ނެތި، ފާޙިޝް ކަނޑުގައި ގެނބެމުންދާ އަންހެނުންނާއި ފިރިހެނުން، އެ މީހުންގެ އަމިއްލަ ނަފުސު ވިއްކާލައިގެން އެދައްކަމުން ގެންދާ، ފާފައިގެ ދޮރުން އަޅުގަނޑުމެން މުސްލިމުން ނުވަންނާށެވެ. އެ ދޮރު ބަންދުކޮށް، ހިތުގެ ހަތަރުފާރުގެ ތެރޭގައި އީމާންތެރިކަމާއި، ޢަޤީދާ ވަރުގަދަ ކުރާށެވެ. އެ ހަތަރުފާރުގެ ތެރެއަށް، ޝައިތާނާގެ ވަސްވާސްތައް ވަންނަން އެއްވެސް ފުރުޞަތެއް ނުދޭށޭވެ!
ނީލަމެއްގައި އޮންނަ ފިނިފެން މަލުގެ އިއްޒަތަކީ ކޮބާތޯއެވެ؟ ހީނލަމުން އެންމެން އެމަންޒަރު ބަލާ އަޖުމައިގެ ޙުރުމަތަކީ ކޮބާ ތޯއެވެ! ވިސްނާށެވެ! އަދި ވަގުތު ފާއިތެއް ނުވެއެވެ. ޕޯރން ސައިޓުތަކުން ދުރުހެލިވުމަށް، މި ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަމާތޯއެވެ!
