ހަނިމާދޫއަކީ ބިންބޮޑު ރަށެކެވެ. ދަނޑުވެރިކަން ކުރުމަށް ތަނަވަސް ރަށެކެވެ. ނަމަވެސް ހަނިމާދޫއަކީ ދަނޑުވެރި ރަށެކޭ ބުނާހިތެއް ނެތެވެ. ސަބަބަކީ ފާއިތުވެދިޔަ ދިގުމާޒީއަށް ބަލައިލާއިރު ދަނޑުވެރިކަން ކޮށް އުޅުނީ މަދުބަޔެކެވެ. ދާދިފަހުން ހަނިމާދޫގައި ދަނޑުވެރިކަން ކުރާމީހުން މިވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. މަދުންނަމަވެސް ޒުވާނުން މިވަނީ މިކަމުގެ ތެރެއިން ފެންނަން ފަށާފައެވެ.
ހަނިމާދޫ ހެޕީގާޑު އަލީ ހަސަންއަކީ ދަނޑުވެރިކަމުގައި ނަމޫނާ ޒުވާނެކެވެ. ޒުވާން ދަނޑުވެރިއެކެވެ. މިހާރު ހަނިމާދޫ ފެނަކަ ކޯޕަރޭޝަންގެ އެސިސްޓެންޓު މެނޭޖަރުގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދާ އަލީ ވަނީ ދަނޑުވެރިކަމުގައި އޭނާގެ ތަޖުރިބާ މުނިއަވަސްއާއި ހިއްސާކޮށްފައެވެ.
ދަނޑުވެރިކަމުގެ ތެރެއަށް ފުރަތަމަ ވަދެވުނީ ކައިވެންޏެއްކޮށް ދިރިއުޅުމެއް ފެށި ހިސާބުން، ދިރިއުޅުމަށް ގެންނަން ޖެހުނު ބަދަލާއި ގުޅިގެންނެވެ. ހަޔާތުގެ ބައިވެރިޔާގެ ރަށަކީ އއ. މާޅޮހެވެ. ކައިވެނި ކުރުމަށްފަހު އެ ރަށު ސިއްހީ މަރުކަޒުން އެމްބިލާންސް ޑުރައިވަރުގެ ވަޒީފާލިބުމުން އެކޮޅަށް ދިރިއުޅުން ބަދަލުކުރިއެވެ. ވަޒިފާ އަދާކުރަންޖެހެނީ ހެނދުނު އަށަކުން މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށެވެ. އޮފީސް ނިންމާލުމަށްފަހު ދެން އޮންނަ ވަގުތުތަކުގައި ކުރާނެ ކަމެއް ނެތުމާއިއެކު އެ ވަގުތު ތަކުގައި ދަނޑުވެރިކަން ކުރަން ނިންމީ ފޫހިފިލުވާލުމުގެ ގޮތުންނެވެ. ދަނޑުތެރެއަށް ވަދެވުނު ހިސާބަކީ މިއީއެވެ.

މާޅޮހަކީ ދަނޑުވެރިކަން ކުރާ ރަށެކެވެ. މިކަން ފަށައިގަތުމަށް ނިންމައި މަސައްކަތް ފެށިއިރު މި ދާއިރާއިން އެއްވެސް އެއްޗެއް ޢަލީ އަށް ނޭނގެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިހެންވުމާއި އެކު އެ ރަށުގައި ދަނޑުވެރިކަން ކޮށް އުޅުނު ބައެއް މީހުންކައިރިން ބައެއް މަޢުލޫމާތު ހޯދިއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ޔޫޓިއުބް ފަދަ ސައިޓްތަކުން މަޢުލޫމާތު ހޯދިއެވެ.
ފަށައިގަތުމުގައި ކުރިމަތިވި ގޮންޖެހުންތައް ހިއްސާކުރަމުން އަލީ ކިޔައިދިނެވެ.
“ކޮންމެ މީހަކު ކައިރިއަށް ދާއިރަށް ވެސް ބުނާނެ ބައިވަރު ސާމާނު ހޯދަން، ބުނާސާމާނު ހަމަކޮށްގެން ގަސްހައްދަން ފަށާއިރަށް ބުނާގޮތަކަށް ނޫން ގަސް ހެދެމުން އަންނަނީ، މިހެން ވުމުން ވަރަށް ގިނަ ސާމާނު ބޭކާރުވެ ބާކީވެގެން ވެސްދިޔަ، އަދި ގަސްތައް މަރުވި ފަހަރުވެސް ދިޔަ، ނަމަވެސް ހިތުގަ އޮތީ ކާމިޔާބުވާންދެން ހުއްޓާނުލާ ކުރިއަށް ދާން” އަލީ ކިޔައިދިނެވެ.
މިފަދަ ހާލަތްތަކެއް ތަޖުރިބާ ކުރުމަށްފަހު ޢަލީއަށް ވިސްނުނު ނުވަތަ އެނގުނު އެންމެ މުހިންމު އެއްޗަކީ މިކަން ކުރުމުގައި ތަޖުރިބާ ވެސް މުހިންމުކަމެވެ. ވުމާއިއެކު ގަސްހައްދަމުން ކޮންމެ ދުވަހަކު އެ ގަހަށް އަންނަ ބަދަލުތައް ބަލައި އަމިއްލައަށް ދިރާސާކުރަން ފެށިއެވެ. އަބަދު ގަސްތަކަށް ދިމާވަނީ އެއް މައްސަލަތަކެއް ނޫންކަން އެނގިގެން ދިޔައެވެ. ދެން އެކަންކަން ހައްލުކުރުމަށް ބޭނުންވާ މަޢުލޫމާތު ކޮންމެވެސް ވަރަކަށް މީހުންކައިރިން އަހައިގެން ހޯދި ނަމަވެސް އެކަމުން އަރައި ގަނެވުނީ އަމިއްލަ ތަޖުރިބާގެ އަލީގައި ކޮށްފައިވާ މަސައްކަތުންނެވެ. މިކަމަށް ގާތްގަނޑަކަށް ދެ އަހަރެއްހާ މުއްދަތެއް ހޭދަވެގެން ދިޔައެވެ.

ކުރެވުނު ތަޖުރިބާތަކާއެކު މިހާރު ގަހެއް ހައްދާލުމަކީ އޭނާއަށް މާ އުނދަގޫކަމެއް ނޫނެވެ. މިގޮތުން ކަރާ، ބަށި، ކިއުކަމްބާ، ބަރަބޯ، ކޮޕީފަތް އަދި މިރުސްފަދަ ގަސްތައް އޭނާ ހައްދައި އުޅެއެވެ. އަދި ފެނުގައި ގަސްހެއްދުން ވެސް އަމިއްލައަށް ތަޖުރިބާކޮށްފައިވާ ކަމަށާއި އެކަމަކީ ވެސް ކާމިޔާބުކަމާއެކު ކުރެވިދާނެ ކަމެއްކަމުގައި އޭނާ ޤަބޫލުކުރެއެވެ.
“އާންމުގޮތެއްގައި ދަނޑަށް އައިސް އުޅެނީ ހަވީރު، ހެނދުނު އަންނަނީ ވަރަށް މަދު ދުވަހަކު، އެންމެ ގިނައިން ވަގުތު ހޭދަކުރެވޭ ދުވަހަކުވެސް ދަނޑުގައި ހޭދަކުރެވޭނީ ދެ ގަޑިއެއްހާއިރު، ހީވެފައި އޮވެދާނެ މިކަމަކީ ވަރަށް ބުރަކަމެކޭ. އަސްލުގަ މި އެހާބުރަކަމެއް ނޫން. މިހެން ވަޒީފާ އަދާކުރަމުން ވެސް މިކަން ކުރެވޭނެ.” ދަނޑުގައި ވަގުތު ހޭދަކުރުމާ ގުޅޭގޮތުން އަލީ ހިއްސާކުރިއެވެ.
ރާއްޖޭގެ ދަނޑުވެރިން ހައްދާތަކެތި ރަނގަޅު އަގެއްގައި ފަސޭހަކަމާއެކު ވިއްކޭނެ ގޮތްތަކެއް ނޯންނަ ވާހަކަ އަކީ އަބަދުވެސް ދަނޑުވެރިންގެ ފަރާތުން އިވެމުންދާ ޝަކުވާއެކެވެ. އެއީ އަލީގެ ވެސް ޝަކުވާއެވެ. އަލީބުނި ގޮތުގައި ގިނައިން ހައްދައިފިނަމަ އެ ނުވިކިގެން އުކާލަން ޖެހޭތަން އަންނަ ކަމަށެވެ. މާލެއަށް ތަކެތި ފޮނުވަން ވިސްނާއިރު ރަށާއި މާލެއާއި ދެމެދު ކޮންމެ ހަފްތާއަކު ދަތުރުކުރާ ބޯޓެއް ނެތުމުން އެ ގޮތަށް އެކަން ކުރެވޭކަށް ވެސް ނޯވެއެވެ.
“މި މަސައްކަތަކީ މާލީ މަންފާ ހޯދުމަށް ކުރަން ހަމަ އެންމެ ރަނގަޅުކަމެއް، އެކަމަކު މާލީ މަންފާއަށް ވުރެ ހިތްހަމަ ޖެހުމަށް އަހަރެން މިކަން ކޮށް އުޅެނީ، ދަނޑުހައްދަން އުޅުނީމާ އެނގޭނީ މިކަމުންލިބޭ ހިތްހަމަޖެހުން.”
އަލީ ބުނިގޮތުގައި އޭނާއަށް އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާ ވަގުތަކީ އަމިއްލަ މަސައްކަތުން ހައްދާ ގަސްތަކުން ގޮވާން ކަނޑާވަގުތެވެ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ވަގުތެއްކަމުގައި އޭނާ ބުނެފައިވެއެވެ.
މިދާއިރާއިން ކުރިއަށް ދާން ބޭނުންނަމަ އުނގެނުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރަމުން އޭނާ ބުނެފައިވަނީ ކުރުމުއްދަތުގެ ކޯހެއް ނަމަވެސް ހަދާލުން އެއީ ފަށައިގަތުމަށް ވަރަށް ރަނގަޅުކަމެއް ކަމަށެވެ. އޭރުން ފަށައިގަންނަ އިރު ހުންނާނީ މުހިންމު މަޢުލޫމާތުތަކެއް ލިބިފައިކަމަށާއި އެއަށްފަހު ތަޖުރިބާ ލިބުނީމާ ކާމިޔާބުކަމާއެކު މިކަންކުރަން ވަރަށް ފަސޭހަވެގެން ދާނެކަން ޢަލީ ފާހަގަކުރިއެވެ.
މި ދާއިރާއަށް އަލަށް ނުކުންނަ މީހުންނަށް ދިމާވާ މައްސަލަތައް ފާހަގަކުރަމުން އޭނާ ބުނެފައިވަނީ ދަނޑުވެރިކަން ކުރެވޭނީ ވެސް ކޮންމެވެސް ވަރެއްގެ ޚަރަދެއް ކޮށްގެން ކަމަށާއި، އިންދާ ގަހަށް އެކަށީގެންވާ ކާނާ ނުދެވި ނުވަތަ ދޭންވާ ރަނގަޅު ކާނާ ނުދެވި އުޅެނިކޮށް ގަސް މަރުވުމާއި ކުރިމަތިލާން ޖެހިދާނެކަމަށް ވެސް އޭނާ ބުންޏެވެ. މިކަހަލަ ހާލަތެއް އަންނަ އިރަށް ފޫހިވެ ހުއްޓޭގޮތް ވާކަމަށް ވެސް ބުންޏެވެ.
“ދަނޑު ބަލަން ވެސް ބައެއް މީހުން އަންނާނެ، ގަސް ހައްދަން މަޢުލޫމާތު ހޯދަން ވެސް ބައެއް މީހުން ގުޅާނެ، ގުޅައިފި ކޮންމެ މީހަކަށް ވެސް އެނގިފައި އޮތްއެއްޗެއް ވިއްޔާ ބުނެދެމުން މިހާރުވެސް މި ދަނީ.” އަލީ ބުނި ގޮތުގައި ދަނޑުވެރިކަމަށް ނުކުންނަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އޭނާ ހުރީ އެހީތެރިވުމަށް ތައްޔާރަށެވެ.
ދެކެން ބޭނުންވަނީ ދަނޑުވެރިކަން ކުރާ މީހުން ރަށުގައި ގިނަވެގެން ދިޔުމެވެ. ޚާއްސަކޮށް ޒުވާނުންނެވެ. ޒުވާނުންނަށް ދޭން ބޭނުންވާ އެންމެ މުހިންމު މެސެޖަކީ މިކަމަކީ ލިބޭ ހުސްވަގުތުތައް ބޭކާރުކޮށްލުމުގެ ބަދަލުގައި ކުރެވިދާނެ ބޭނުންތެރި މަސައްކަތެއްކަމެވެ. އަދި މިކަމަކީ ހަޑި އަދި ދެރަމަސައްކަތެއް ނޫންކަމެވެ.
