ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަނިމާދޫ ޗެންޕިއަންކަން ހޯދައިފި!

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ހދ. އަތޮޅުގެ ޗެންޕިއަންކަން ހަނިމާދޫ ހޯދައިފިއެވެ. ރޭ ކުޅެވުނު މި ފައިނަލް މެޗްގައި ބައްދަލުކުރީ ނައިވާދޫ އާއި ހަނިމާދޫ އެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗަކީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މެޗެކެވެ. މެޗު ފެށުމާއިއެކު ދެ ޓީމުން ވެސް ވަނީ އަވަހަށް ލަނޑެއް ޖަހައި މެޗްގެ ލީޑު ހޯދަން މަސައްކަތް ކޮށްފައެވެ. މެޗްގެ ކުރީކޮޅު ދެ ޓީމުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރަތަމަ ކުރީ ހަނިމާދޫން ނެވެ. މެޗްގެ 10 ވަނަ މިނިޓްގައި ހަނިމާދޫން ވަނީ ލަނޑެއް ޖަހައި މެޗްގެ ލީޑު ނަގާފައެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ ނޫރުﷲ ތޯހާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމުގެ އަލީ ހުސެއިން ޖައްސާލި ބޯޅަ އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ހޯދައި ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ލަނޑު ޖެހުމަށް މަސައްކަތް ކުރަމުންދިޔަ ނައިވާދޫއަށް މި ލަނޑަށް ފަހު ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

ހަނިމާދޫން އެޓީމުގެ ލީޑު ފުޅާކުރީ މެޗްގެ ފަހުކޮޅު އެވެ. މި ލަނޑު ޖަހައިދިނީ މުޙައްމަދު ޚާލިދު އެވެ. ޚާލިދު މި ލަނޑު ޖަހާފައި ވަނީ މެދުރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި، ބޯޅަ ދިފާއު ކުރަން ނުކުތް ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  "ޢީދު އައީ ހިނިތުންވަމުން" – ހަންނާނުގެ ޢީދު ހަދިޔާ ތަފާތު!

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗްގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާ އެކުއެވެ.

ދެވަނަ ހާފު ފަށައިގެން ނައިވާދޫން ވަނީ ފުރަތަމަ ހާފަށްވުރެ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އިސްކަންދިން ނަމަވެސް ހަނިމާދޫން ވެސް ވަނީ ދޭތެރެއަކުން ކުރިއަށް ޖެހި ފުރުސަތު ހޯދައި ލަނޑު ޖަހަން މަސައްކަތްކޮށްފައެވެ. މެޗްގެ ފަހުކޮޅު ނައިވާދޫއަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްލަން ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނައިވާދޫއަށް ލިބުނު ޕެނަލްޓީ އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލުމުން ހަނިމާދޫ ޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗްގެ ފަހުކޮޅު ނައިވާދޫން ވަނީ އެ ޓީމުގެ ކީޕަރު ނާޖިހު ވެސް ކުރިޔަށް ޖައްސައި ލަނޑެއް ޖަހަން އިތުރަށް މަސައްކަތް ކޮށްފަ އެވެ. މުޅިމެޗް އެޓީމުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ގިނަ ފުރުސަތުތަކެއް ނައިވާދޫން ތަނަވަސްކުރި ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ނައިވާދޫގެ ހަމަލާތައް ދިފާއުކުރުމުގައި ހަނިމާދޫގެ ޑިފެންޑަރުން ގިނަ މަސައްކަތްތަކެއް ކުރިއިރު، ހަނިމާދޫ ޓީމުގެ ކީޕަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ނަތީޖާގެ ފަރަގު ބޮޑުކޮށްލާނެ ރަނގަޅު ފުރުސަތުތަކެއް ހަނިމާދޫއަށް ވެސް ލިބުނު މި މެޗް ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

2-0 އިން މެޗް ކާމިޔާބުކޮށް ހދ. އަތޮޅުގެ ޗެންޕިއަންކަން ހަނިމާދޫ ހޯދި މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫ ޓީމުގެ ގޯލްކީޕަރު އަބްދުﷲ މުޙައްމަދު އެވެ.

މިވެސް ކިޔާލަން:  މަނަދޫ އާއި މާފަރު ވެސް ފެށުން ރަނގަޅުކޮށްފި

މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންނަކީ ނައިވާދޫ ޓީމުގެ މުޙައްމަދު ޝާއިން، ހަނިމާދޫ ޓީމުގެ ނޫރުﷲ ތޯހާ، ނައިވާދޫ ޓީމުގެ އަބްދުﷲ އުސާމް، ނައިވާދޫ ޓީމުގެ މުހައްމަދު އަސްލަމް، ހަނިމާދޫ ޓީމުގެ އަބްދުﷲ މުޙައްމަދު އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ނޮޅިވަރަންފަރު ޓީމުގެ މުޙައްމަދު ސާމިހް ފަތުހުﷲ އެވެ. މުބާރާތުގައި އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިންނަކީ، ހަނިމާދޫ ޓީމުގެ ނޫރުﷲ ތޯހާ، ނައިވާދޫ ޓީމުގެ މުޙައްމަދު ޝާއިން، ނައިވާދޫ ޓީމުގެ އަބްދުﷲ އުސާމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ހަނިމާދޫ ޓީމުގެ ކޯޗް އިބްރާހިމް ތަސްނީފް އެވެ. މުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކީ ހަނިމާދޫ ޓީމުގެ ނޫރުﷲ ތޯހާ އެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ކުރިނބީ ޓީމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top