ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާރިޗު މަހުން ފެށިގެން ސްޕެނިޝް ލީގު މެދުކަނޑާލާފާއި އޮތުމަށްފަހު، އެ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން ދާއިރު، ބާސެލޯނާ އިން އެ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.
މިއަދުގެ ވަގުތެއްގައި ބާސެލޯނާ އިން އެ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، އެ ކުލަބުގެ ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. ސްޕެއިންގެ ނޫހެއް ކަމަށްވާ ‘އާރު.އޭ.ސީ 1″ އިން ރިޕޯޓުކުރި ގޮތުގައި ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ވަނީ ނައްސިވެފައެވެ.
ބާސެލޯނާ އިން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “އިންޑިވިޖުއަލް” ކޮށް ކަމަށާއި، ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއި، ލަލީގާ ގެ ޕްރޮޓޮކޯލްގައި ވާގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދާނީ އިޖްތިމާޢީ ގައިދުރުކަން ބަހައްޓައިގެން ކަމަށް އެޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ލީގުތައް މެދުކަނޑާލައި އޮތުމަށްފަހު، ބައެއް ލީގުތަކުން ފުޓްބޯޅަ ސީޒަން ނިންމާލި ކަން އިޢުލާނުކޮށްފައި ވާއިރު، އަނެއްބައި ލީގުތަކުން ދަނީ ސީޒަނުގެ ބާކީ ބައި ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފްރާންސް ލީގާއި، ބެލްޖިއަމް ލީގާއި، ނެދަލޭންޑްސް ގެ ލީގު ނިންމާލި ކަން ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް، އިނގެރޭސި ޕްރިމިއަރ ލީގާއި، ސްޕެއިންގެ ލަލީގާ އާއި، ޖަރުމަނުގެ ބުންޑަސްލީގާ އާއި، އިޓަލީގެ ސީރިއާ ފަދަ ލީގުތަކުން ސީޒަނުގެ ނުނިމި އޮތް ބައި ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.
