މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެ އޮފީހުން އެންމެ ފަހުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މިއަދު މެންދުރު 13:00 އިން ފެށިގެން ހަވީރު 17:00 އަށް ރީނދޫ ސަމާލު ނެރެފައެވެ.

މިގޮތުން މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ ސަމާލުގައި ބުނެފައިވެއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމުގައިވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
