ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ.ފިނޭއަށް ގެއްލުންތަކެއް ވެއްޖެއެވެ.
ރޭ ފިނޭ އަށް ކުރި ވިއްސާރައިގައި އެރަށުގެ ކައުންސިލުން ހަދާފައި ހުރި އެކޮމޮޑޭޝަން ބުލޮކް މައްޗަށް އެ ސަރަހައްދުގައި ހުރި ބޮޑު ނިކަގަހެއް ވަނީ ވެއްޓިފައެވެ. ރޭގެ 10:30 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. ނަމަވެސް، އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. އެ އިމާރާތުގައި ދިރިއުޅެމުން ދަނީ ޖުމުލަ ތިންމީހުންކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ފިނޭ ކައުންސިލްގެ އެކޮމޮޑޭޝަން ބުލޮކް މައްޗަށް ނިކަގަސް ވެއްޓިފައި: ފޮޓޯ: ފިނޭ ކައުންސިލް
ފިނޭ ކައުންސިލާއި، އެ ރަށު ރައްޔިތުން ގުޅިގެން ވެއްޓިފައިވާ ނިކަ ގަސް ނަގައި، އެތަން ސާފުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެ މަސައްކަތުގައި ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެންމެފަހުން މޫސުމާއިބެހޭ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުގައި ބުނާގޮތުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް މިއަދު މެންދުރު 13:00 އިން ފެށިގެން ހަވީރު 17:00 އަށް ރީނދޫ ސަމާލު ވަނީ ނެރެފައެވެ.

ފިނޭ ކައުންސިލްގެ އެކޮމޮޑޭޝަން ބުލޮކަށް ލިބިފައިވާ ގެއްލުންތައް / ފޮޓޯ: ފިނޭ ކައުންސިލް
މިގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފައިވެއެވެ.
އެ އިދާރާ އިން ވިދާޅުވެފައިވަނީ އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމުގައިވެސް، އެ އިދާރާ އިން ވިދާޅުވެފައިވެއެވެ
