ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރި އަމީތާބް ބައްޗަން އެކި އެޖެންސީތަކާއި ގުޅިގެން މުމްބާއީގެ އެކި ހިސާބުތަކަށް ކާބޯތަކެއްޗާއި، ހޮސްޕިޓަލްތަކަށް 20،000 ޕީޕީއީ ކިޓު ހަދިޔާކޮށްފިއެވެ.
އަމީތާބު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުން ކޮވިޑް-19 އަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފައެވެ. އަދި، އޭނާ ވަނީ މިޙާލަތުގައި އިތުރަށް މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި އިޖުތިމާޢީ ގައިދުރުކަމާއި އެކަހެރިވެ އުޅުމުގެ މުހިންމުކަން އަންގައިދިނުމަށްވެސް ހަރަކާތްތަކެއް ހިންގާފައެވެ.
ކޮރޯނާ ވައިރަސްގެ މި ބަލިމަޑުކަމާއި ގުޅިގެން އިންޑިއާ ފުރަބަންދުގައި އޮތްއިރު، ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ދަނީ ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކާއި، ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވަމުންނެވެ. އޭގެތެރޭގައި އަކްޝޭ ކުމާރް، ސަލްމާން ޚާން، ރަންވީރް ސިންގް، ދީޕިކާ ޕަޑުކޯންގެ އިތުރުންވެސް އެތައް ތަރިންނެއް ހިމެނެއެވެ.
