މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، (މީރާ) މެދުވެރިކޮށް ސަރުކާރަށް މިއަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 8.95 ބިލިއަން ރުފިޔާކަމަށް ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީރާގެ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަދައްވަމުން ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ، މިއަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ އިގްތިޞާދު ރަނގަޅުވާނެ ކަމަށް ލަފާކޮށް ދަޢުލަތަށް ވަންނަ އާމްދަނީ އިތުރުވާނެކަމަށް ބަލައިގެން ކަމަށެވެ. މިއަހަރުގެ ތެރޭގައި މީރާ އަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.20 ބިލިއަން ރުފިޔާ ކަމަށް ވިޔަސް، މިހާރު ލިބޭނެކަމަށް ލަފާކުރެވެނީ 8.95 ބިިިލިއަން ރުފިޔާ ކަމަށެވެ.
“މިހާރު މިބަލަނީ ސިނާރިއޯ 3 ގައި ކަމަށް ހުންނާނީ. އެހެންވެއްޖެނަމަ، ކުރިން އަޅުގަނޑުމެން އަންދާޒާކުރި 17.2 ބިލިއަންގެ ތެރެއިން މިހާރު ލިބޭނެކަމަށް މި ޤަބޫލުކުރެވެނީ 8.95 ބިލިއަން ރުފިޔާ. އެހެންވެއްޖިއްޔާ އެއީ ގާތްގަނޑަކަށް %48 ގެ ދަށްވުމެއް.”
ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވިއެވެ.
ސަރުކާރަށް ލިބޭ އާމްދަނީ މިއަހަރުގެ ތެރޭގައި ދަށްވެގެން ދާނެ މައިގަނޑު ސަބަބަކީ ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމާއި، ވިޔަފާރިތައްވެސް ހުއްޓި، އިގްތިޞާދު ހީނަރުވުމުގެ ސަބަބުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
