ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލުކުރާ އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނެލް މެސީގެ ދީލަތި އެހީތެރިކަން ދައްކުވައިދޭ ވީޑިއޯ އެއް ފެނި ސަޕޯޓަރުން އާޝޯހު ކޮށްލައިފިއެވެ.
ބެލޮންޑިއޯ އެވޯޑު ހަ ފަހަރު ކާމިޔާބުކޮށްފައިވާ މެސީ އަކީ އޭނާ ފޯރުކޮށްދޭ އެހީތަކުގެ ވާހަކަ ދައްކާ އެކަމުން މަޝްހޫރުކަން ހޯދަން ބޭނުންވާ މީހެއް ނޫންކަމަށް އޭނާގެ ގާތް މީހުން ބުނެއެވެ. އެކަމުގެ ސަބަބުން މެސީ އާއި އެންމެ ވާދަވެރި ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި އަދި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިފައިވާ މަޝްހޫރުކަން މެސީ އަށް ލިބިފައިނުވެއެވެ.
ނަމަވެސް، މެސީގެ ސަޕޯޓަރުންތަކެއްގެ ބުރަ މަސައްކަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާ ފޯރުކޮށްދީފައިވާ އެހީތަކުގެ ތެރެއިިން ބައެއް އެހީތައް ދައްކުވައިދޭ ވީޑިއޯއެއް މިވަނީ މީސްމީޑިއާ އަށް ދޫކޮށްލާފައެވެ. “މެޖިކަލް މެސީ” ކިޔާ ޔޫޓިއުބު ޗެނަލަކުން އާންމުކުރި މި ވީޑިއޯ ގައި، މެސީގެ ނުފެންނަ ފަރާތް ވަރަށް ރަނގަޅަށް ދައްކާލާފައިވެއެވެ. ފުޓްބޯޅަ ދަނޑުތަކުގައި ޖާދޫ ދައްކަމުން އަންނަ ފަދައިން މެސީ އަންނަނީ ދަނޑުން ބޭރުގައި ވެސް ޖާދޫ ދައްކަމުންނެވެ.
މެސީ އާއި، ރޮނާލްޑޯ ފަދައިން ކުޅިވަރުގެ ދުނިޔޭގައި އުޅޭ ގިނަ މީހުންނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭނުންޖެހިފައިވާ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްކަން ފާހަގަކޮށްލެވެއެވެ.
