ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުއާޓަރ ފައިނަލުން ފެށިގެން ޗެމްޕިއަންސް ލީގު ވަރލްޑް ކަޕް ސްޓައިލަށް ބަދަލުކުރަނީ؟

ކޮރޯނާ ވައިރަސް އާއި ގުޅިގެން މެދުކަނޑާލާފައިވާ ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔޫރަޕާ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ ދެ މުބާރާތް ވެސް، ކުއާޓަރ ފައިނަލުން ފެށިގެން ވަރލްޑް ކަޕް ސްޓައިލަށް ކުރިއަށް ގެންދިއުމަށް ޔުއެފާ އިން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިކަމަށް ޚާއްޞަކޮށްގެން ޔުއެފާ އިން މިހާރު ޓީމެއް ވެސް އެކުލަވާލާފައި ވާއިރު، ޖޫން 17 ވަނަ ދުވަހުގައި އޮންނަ ބައްދަލުވުމުގައި މިކަމާއި މެދު ގޮތެއް ނިންމާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ކުއާޓަރ ފައިނަލާއި، ސެމީފައިނަލުގައި މިހާރު ކުޅެމުންދާ “ހޯމް އެންޑް އަވޭ” ގެ ބަދަލުގައި ޔުއެފާގެ ވިސްނުން ހުރީ ވަރލްޑް ކަޕުގައި އޮންނަ ގޮތަށް އެއް މެޗު ކުޅޭށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސަޕޯޓަރުން ނުވައްދާ ކުޅެންޖެހުމުން ޗެމްޕިއަންސް ލީގު 2019/2020 ވަނަ ސީޒަނުގެ ފައިނަލް މެޗު ބޭއްވުމަށް ދާ ޚަރަދު ފޫނުބެއްދޭނެތީ، އިސްތަންބުލް ސިޓީން އެހެން ސިޓީ އަކަށް ފައިނަލް މެޗު ބަދަލުކުރާނެ ކަމަށް ބެލެވެއެވެ. ޚަބަރުތައް ބުނާގޮތުގައި ފައިނަލް މެޗު ބޭއްވުމަށް އެންމެ ބޮޑަށް ވާދަކުރަނީ ރަޝިއާގެ މޮސްކޯ އާއި، ޖަރުމަނުގެ ފްރޭންކްފަރޓް އަދި ޕޯޗުގަލްގެ ލިސްބަން އެވެ.

ޖަރުމަނުގެ ކުޅިވަރުގެ ނޫހެއް ކަމަށްވާ “ބިލްޑް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުއެފާ ޗެމްޕިއަންސް ލީގު ބޭއްވުން އެންމެ ގާތީ ޕޯޗުގަލްގެ ލިސްބަން ގައެވެ. އަދި، ޔުއެފާ އިން ބޭނުންވަނީ ހުރިހާ މެޗެއް ވެސް އެއް ދަނޑެއްގައި ކުޅުމަށް ކަމަށްވާއިރު، ލިސްބަން އަކީ އެކަމަށް އެންމެ އެކަށޭނަ މާހައުލެއް އޮތް ސިޓީ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top