ޕާސްޕޯޓު ހެއްދުމަށްފަހު ވެރިފަރާތުން ހަވާލުނުވާ ޕާސްޕޯޓުތައް ކެންސަލް ކުރެވޭނެ މުއްދަތު މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން އިތުރުކޮށްފިއެވެ.
އައުކުރެވޭ ނުވަތަ އަލަށް ހެދޭ ޕާސްޕޯޓެއް އެ ޕާސްޕޯޓެއް ހައްދާތާ ހަމަސް ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ އެ ޕާސްޕޯޓުގެ ޤަވާއިދު ބުނާގޮތުން ކެންސަލްވާނެއެވެ. ނަމަވެސް ހާލަތަށް ބަލައި އެ އޮފީހުން މި ބަދަލު ގެނެސްފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން، ގެއިން ބޭރަށް ނުކުމެ އުޅުމާއި ދަތުރުފަތުރު ކުރުންފަދަ ކަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގެއެވެ.
މިކަމާއި ގުޅިގެން މިއަދު އެ އޮފީހުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ދިވެހި ޕާސްޕޯޓާއިބެހޭ ޤަވާއިދުގެ 19 ވަނަ މާއްދާގައިވާ ފަދައިން ޕާސްޕޯޓު ކެންސަލްވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ދިވެހިރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައިވާތީ، ދިވެހި ޕާސްޕޯޓާއިބެހޭ ޤަވާއިދުގެ 20 ވަނަ މާއްދާއިން ކޮންޓްރޯލަރ ޖެނެރަލްއަށް ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިން، ޕާސްޕޯޓު ހެއްދުމަށްފަހު ބަލައި ނާންނަ ޕާސްޕޯޓުތައް ކެންސަލް ކުރެވޭނެ މުއްދަތު އިތުރު ކުރެވިފައިވާ ކަމަށެވެ.
މިގޮތުން 2019 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ފަހުން ޕާސްޕޯޓު ހެއްދުމަށްފަހު ވެރިފަރާތުން ބަލާ ނައިސް މި އިދާރާގައި ބެހެއްޓިފައިވާ ޕާސްޕޯޓު ކެންސަލް ކުރެވޭނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ތާރީޚުން ފެށިގެން 1 އަހަރު ދުވަސް ފަހުންކަމުގައި މިއަދު އެ އޮފީހުން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.
