ނ. ހޮޅުދޫގައި ގާއިމުކުރި ޓާފް ދަނޑު ހަލާކުވެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން އާއްމުކޮށްފައި ވަނީ ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހޮޅުދޫ ދަނޑުގައި އަޅާފައި އޮތް ޓާފް ހިއްލިފައި އޮތް ވީޑިއޯއެއް ހޯމަ ދުވަހުގެ ވަގުތެއްގައި ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. މި ވީޑިއޯ އާއި ގުޅިގެން ސަރުކާރުން ރާއްޖޭގައި ގާއިމުކުރި ފުރަތަމަ ޓާފް ދަނޑު ހަލާކުވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.
ނަމަވެސް، މި ޚަބަރުތައް ދޮގުކުރައްވަމުން ކުޅިވަރާއި ބެހޭ ވަޒީރު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޯކޮށް ވާރޭވެހުމުން ޓާފްގެ އަޑިއަށް ފެންޖަމާވެ، ޓާފް ހިއްލުމަކީ އާއްމު ކަމެއް ކަމަށާއި، އެއީ ސީރިއަސް މައްސަލައެެއް ނޫން ކަމަށެވެ. އެގޮތުން މާލޭގައި ގާއިމުކޮށްފައިވާ ޓާފް ދަނޑުތަކުގައި ވެސް، ބޯކޮށް ވާރޭވެހުމުން ޓާފް ހިއްލޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި، ހޮޅުދޫގައި ގާއިމުކުރި ޓާފް ދަނޑާއި ގުޅިގެން އެރަށުގެ ޒުވާނުންނާއި، ކައުންސިލުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސް ދަނޑުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
The work on Holhudhoo’s Turf Ground has been fully completed. We’ve fixed the issues that were raised by youth & the council. Saw fake news circulating about the turf being damaged, happens in heavy rain & is nothing serious, can be seen from turfs in Male’ too. Enjoy the game. pic.twitter.com/ppmcQx9b36
— Ahmed Mahloof (@AhmedMahloof) July 7, 2020
“ޓާފް ބްލިސްޓަރސް” ނުވަތަ، ބޯކޮށް ވާރޭވެހުމުން ޓާފްގެ އަޑިއަށް ފެން ވަދެ ޓާފް ހިއްލުމަކީ އާއްމުކޮށް ދިމާވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ވާރޭ ފެން ހިނދުމާއެކު މި މައްސަލަ ހައްލުވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ. މާލޭގައި ގާއިމުކޮށްފައިވާ ދަނޑުތަކުގައި ވެސް ބޯކޮށް ވާރޭ ވެހެމުން ޓާފް ހިއްލުމަކީ އާއްމު ކަމެކެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާފަންނު ދަނޑުގެ ޓާފް ހިއްލިފައި
ނ. ހޮޅުދޫގެ ދަނޑަކީ ރައީސް ޞާލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރާ 100 ދަނޑުގެ ތެރެއިން ނިންމާލި ފުރަތަމަ ދަނޑެވެ. ފ. ނިލަންދޫގެ ދަނޑު ވެސް އެއްކޮށް ނިންމާލާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާފް ބޮޑެތި ދަނޑު އެޅުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ކުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ.
