13 އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑް ބަތަލާ ޝިލްޕާ ޝެޓީ ފިލްމީ ދާއިރާއަށް އެނބުރި އަންނަން ތައްޔާރުވަމުން ދަނިކޮށް، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެކަން ހުއްޓިއްޖެއެވެ. ދެ ފިލްމާއެކު މި އަހަރު އެނބުރި ފިލްމީ ދާއިރާއަށް އަންނަން އުޅުނު ނަމަވެސް މުޅި އިންޑިޔާގައި އިޢުލާނުކުރި ފުރަބަންދާއެކު އެކަން ވަނީ ނާކާމިޔާބު ވެފައެވެ.
އެކަމާއި ގުޅޭގޮތުން އިންޑިޔާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫހަކާއި ވާހަކަދައްކަމުން ޝިލްޕާ ބުނެފައިވެއެވެ.
“އަހަރެން ޤަބޫލުކުރާ ގޮތުގައި ޞިއްޙަތަށްވުރެ ދާއިރާއަށް އެނބުރި އައުން މުހިންމެއް ނުވާނެ. އަހަރެން ގެއިން ބޭރަށްވެސް ނުނިކުންނަން.”
އޭނާގެ ކުޑަ އަންހެން ދަރިފުޅު ލިބުމާއި އެވަގުތު އޭނާގެ އަތުގައި 2 ފިލްމު އޮތުމުން އޭނާގެ ވަގުތު މެނޭޖްކުރާނެ ގޮތާއި ޝެޑިއުލްއާމެދު ވަރަށް ކަންބޮޑުވި ކަމަށް ޝިލްޕާ ބުނެފައިވެއެވެ.
“ނިކަންމާގެ ޑައިރެކްޓަރ ސައްބިރް ޚާން ބޭނުމެއްނުވޭ ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރާކަށް. ނިކަންމާއަކީ ބޮޑު ފިލްމެއް އަދި އެމީހުން ބޭނުންވަނީ ޑޮލްބީ ޑިޖިޓަލް ސަރައުންޑް ސައުންޑްގައި އޭގެ އަޑު އަހަންވެސް. އަދި ‘ހަންގާމާ 2’ ގެ ޕްރޮޑިއުސަރުންވެސް ބޭނުމެއްނުވޭ ޑިޖިޓަލްކޮށް ފިލްމު ރިލީޒްކުރާކަށް.”
ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒްކުރުމާއި ބެހޭގޮތުން ވާހަކަދައްކަމުން ޝިލްޕާ ބުނެފައިވެއެވެ.
“ނިކަންމާ” ގައި ޝިލްޕާގެ އިތުރުން މައިގަނޑު ރޯލުތައް ކުޅެނީ އަބިމާންޔޫ ދައްސާނީއާއި ޝިރްލޭ ސެތިއާއެވެ. އަދި “ހަންގާމާ 2” ގެ މައިގަނޑު ރޯލުތައް ކުޅެނީ ޝިލްޕާގެ އިތުރުން ޕަރޭޝް ރަވާލްއާއި މީޒާން ޖަފްރީގެ އިތުރުން ޕްރަނީތާ ސުބާޝްއެވެ.
