ނެޓްފްލިކްސް އަށް ޕްރިޔަންކާ ޗޯޕްރާ ކުޅެދީފައިވާ ފިލްމު ”ދަ ވައިޓް ޓައިގަރ” ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ. ޓްރެއިލާއިން ދައްކައިދެނީ ޢާއިލީ ފަންތީގެ ތަފާތުކުރުންތަކާ މެދު ކުރާ ހަނގުރާމައެވެ.
ރަމިން ބަހްރާނީ ޑައިރެކްޓްކޮށްފައިވާ “ދަ ވައިޓް ޓައިގަރ” ގައި ޕްރިޔަންކާގެ އިތުރުން ރާޖްކުމާރު ރާއޯ އާއި އަލަށް ތަޢާރަފުވާ އާދާޝް ގޯރަވް ހަރަކާތްތެރިވެއެވެ. މި ފިލްމު ރިލީޒްކުރާނީ ހޮވާލެވިފައިވާ ބައެއް ސިނަމާތަކާއި ނެޓްފްލިކްސް ގައެވެ. ނެޓްފްލިކްސްގައި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ 22 ޖެނުއަރީ 2021 ގައެވެ.
މި ފިލްމަކީ ނިއުޔޯކް ޓައިމްސް-ބެސްޓްސެލިންގ އަދި 2008 ވަނަ އަހަރު ‘މޭން ބުކަރ ޕްރައިޒް’ އެވޯޑް ލިބިފައިވާ ނާވިލަަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ. މިއީ އިންޑިޔާ ދަރިފަސްކޮޅުގެ އޮސްޓްރޭލިޔާގެ އަރުވިންދް އާދީގާ ލިޔެފައިވާ ނާވިލެކެވެ.
“ދަ ވައިޓް ޓައިގަރ” ގައި ދައްކައިދެނީ ފަޤީރުކަމާ ކޮރަޕްޝަންގެ އިތުރުން އިންޑިޔާގައި އޮންނަ އާއިލީ ފަންތިކުރުމުގެ މައްސަލައިގެ މައްޗަށެވެ.
ޓްރެއިލާ އިން ދައްކުވައިދެނީ ބަލްރާމް ހަލްވާއީ (އާދާޝް) އޭނާގެ ވާހަކަ ކިޔައިދޭ ތަނެވެ. ފަޤީރު އަވަށްގަނޑަކުން އައިސް ހުރި ފަގީރެއް ކާމިޔާބު ވިޔަފާރިވެރިއަކަށް ވާގޮތެވެ.
