ރޭމޯ ޑީސޫޒާ މިހާރު އޮތީ ސްޓޭބަލް ހާާލަތުގައި ކަމަށާއި އޭނާގެ ހިތުގެ ސާރަޖަރީއެއް ހަދަން ޖެހުނު ކަމަށް ރޭމޯގެ ރަހުމަތްތެރިޔާ އަދި ކޮރިއޮގްރާފަރ ދަރްމޭޝް ޔެލާންޑޭ ޔަޤީންކަން ދީފިއެވެ.
ރޭމޯ ޑީސޫޒާއަށް ހާޓް އެޓޭކެއް ޖެހިގެން މުންބާއީގެ ކޮކީލާބެން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފެށީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ހިތުގެ އެންޖިއޯޕްލާސްޓީ ސާރޖަރީއެއް ހަދަން ޖެހުނުކަމަށް ރިޕޯޓްތައް ބުނެއެވެ. ރޭމޯގެ ރަހުމަތްތެރިޔާ، ދަރިވަރު ދަރްމޭޝް ޔެލާންޑޭ ހޮސްޕިޓަލަށް ގޮސް އެތަނުގައި ހަރަކާތްތެރިވިއެވެ. އީޓައިމްސް އަށް އޭނާ ދިން އިންޓަވިއުއެއްގައި ބުނީ ރޭމޯ ސަރގެ ހާލު ރަނގަޅު ކަމަށާ ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ.
އޭގެ ކުރިން، ރޭމޯގެ އަންހެނުން ލިޒެއްލޭ ޑީސޫޒާ ވެސް ވަނީ ދަ އިންޑިއަން އެކްސްޕްރެސް އަށް އެކަން ކަށަވަރުކޮށްދީފައެވެ.
“ޑޮކްޓަރުން ވިދާޅުވީ ބްލޮކޭޖެއް ކަމަށް. ޑޮކްޓަރުން ވަގުތުން އެންޖިއޮގްރަފީއެއް ހެދި. އޭނާ އޮތީ އައިސީޔޫގަ. އެންމެން ދުއާކޮށްދީ. ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް މުހިންމު.”
ރޭމޯ އަކީ ސުޕަހިޓްވި ފިލްމުތައް ކަމަށްވާ “އޭބީސީޑީ” އާއި “އޭބީސީޑީ 2” އަދި “ސްޓްރީޓް ޑާންސަރ 3ޑީ” އުފެއްދި ހުނަރުވެރި ނެށުންތެރިއެވެ.
