ލޮނުފެނުން މަސްފިނިކުރާ ނިޒާމު ރާއްޖެ އެތެރެކުރުމަށް ނަގާ ޑިއުޓީ މާޢާފު ކުރެވޭނެ އިންތިޒާމު މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހަމަޖައްސައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރެފްރިޖަރޭޓެޑް ސީވޯޓަރ ސިސްޓަމް، ނުވަތަ އާރް.އެސް.ޑަބްލިއު ނިޒާމު އެތެރެކުރާ ފާރާތްތަކަށް ޑިއުޓީ މައާފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީ އަށް ޑިއުޓީ މާއާފު ކުރާ ފޯމާއެކު އިންވޮއިސް ހުށަހަޅެމުން ޑިއުޓީ މާއާފު ކޮށްދެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
އާރް.އެސް.ޑަބްލިއު ނިޒާމަކީ، ރާއްޖޭގެ މަސްވެރިން އައިސް ގަތުމަށް ކުރަން ޖެހޭ ޚަރަދުތައް ކުޑަކުރުމަށް މިފަހަކަށް އައިސް ދޯނި ތަކުގައި ހަރު ކުރަމުންދާ ނިޒާމެކެވެ. މިނިޒާމުން ޑިއުޓީ ކަނޑާލުމުން މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސިނާޢަތް ތަރައްޤީކުރުމަށް ލުޔެއް ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
