ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ކާމިޔާބު ޑްރާމާ ސީރީޒަށް ވަރުގަދަ ޓްވިސްޓްތަކެއް އައިސްފައިވާއިރު، އަނޫޕަމާގެ އޯވަރީގައި ޓިއުމަރެއް ހުރިކަން މިހާރު މިވަނީ އެންމެނަށް އެނގިފައެވެ. ނަމަވެސް މިކަން ހަމަ އެކަނި ނޭނގި ވަނީ އަނޫޕަމާއަށެވެ. އަނޫޕަމާއަކީ މާ މޮޅަށް ނުކިޔަވާ ހުރި މީހެއް ނަމަވެސް ދުނިޔޭގެ އާޖުފާޖު ދަންނަ ގެވެހި އަންބެކެވެ. އެހެންކަމުން އަނޫޕަމާގެ ކޮންމެވެސް ކަމެއް އޭނާގެ އާއިލާއިން ފޮރުވާކަން ޝަސްކުކުރެވި އެކަން ސާފުކުރުމަށް ފިރިމީހާ ވަންރާޖް ޝާހް ކައިރީގައި އަނޫޕަމާ ސުވާލުކުރެއެވެ.
އަނޫޕަމާގެ ކުރިއަށް އޮތް އެޕިސޯޑަކީވެސް ޝައުޤުވެރި ޓްވިސްޓެއް އަންނާނެ އެޕިސޯޑެކެވެ. ކުރީގެ އެޕިސޯޑުން ފެނިފައިވާ ފަދައިން އަނޫޕަމާއަށް ޖެހިފައިވާ ބަލީގެ ޙަޤީޤަތް އަނޫޕަމާ އަށް ނުއެންގުމަށް ވަންރާޖް ޝާހް ނިންމައެވެ. އެކަމަށް އޭނާގެ އާއިލާ މެންބަރުންވެސް އެއްބަސްކުރުވައެވެ. އަނޫޕަމާ އުފަލުގައި ބެހެއްޓުމަށްޓަކައި އަނޫޕަމާ އާއި އާއިލާ ތިބި ރިޒޯޓްގައި އަނޫޕަމާއަށް ކެއްކޭނެ އިންތިޒާމު ހަމަޖައްސައިދެނީ އަނޫޕަމާ އެންމެ ލޯބިވާ ދަރިފުޅު ސަމަރް އެވެ. އަނޫޕަމާއާއި އެކު ކެއްކުމުގައި ވަންރާޖް ޝާހް ވެސް ބައިވެރިވެއެވެ.
ކުރިން ކަންކަން ވެފައި ނުވާ އެތައް ގޮތަކަށް ކަންކަން ވާން ފެށުމުން އަނޫޕަމާއަށް ޝައްކުކުރެވެއެވެ. އެހެންކަމުން، ހުރިހައި ކަމެއް ރަނގަޅުތޯ ވަންރާޖް ކުރެން އަނޫޕަމާ އަހައެވެ. އަނޫޕަމާ އާއި ވަންރާޖްގެ ގުޅުންވެސް ނިހާޔަތަށް ރަނގަޅުވެއެވެ. ވަންރާޖްގެ ފަރާތުން ފެންނަން ފެށި ބަދަލުގެ ސަބަބުން އަނޫޕަމާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެއެވެ.
ކުރިއަށް އޮތް އެޕިސޯޑްތަކުގައި ވެގެންދާނެ ގޮތް ބަލަން ތިބެމާ ހިނގާށެވެ.
