މީގެ 24 ވަރަކަށް އަހަރު ކުރިން ރިލީޒްކުރި “ފަތިސްހަނދުވަރު” ފިލްމާއި ގުޅުންހުރި ފަރާތްތަކުން އެ ފިލްމު އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން މުނިއަވަސް އިން ގެނެސްދިން ޓޯކް ޝޯވގެ ދެވަނަ އެޕިސޯޑެއް ގެނެސްދިނުމަށް މުނިއަވަސް އިން ތައްޔާރުވާން ފަށައިފިއެވެ.
“ފަތިސްހަނދުވަރު ސްޕެޝަލް – އެޕިސޯޑް 2″ގެ ނަމުގައި ގެނެސްދޭ ޝޯވގައި ފިލްމުގެ ލީޑް ރީކޯ މޫސާ މަނިކް، ނިޢުމާ މުޙައްމަދު، ފިލްމަށް ހިތްގައިމު ލަވަތަކެއް ކިޔައިދީފައިވާ ޢަބްދުލް ހަންނާންގެ އިތުރުން، ފިލްމުގެ ކާޓުންގެ މޭކަޕާއި އެހެނިހެން ބައެއް ޓެކްނިކަލް މަސައްކަތް ކޮށްފައިވާ ފީރޯޒް އައިސްތުގެ އިތުރުންވެސް އިތުރު ފަރާތްތަކެއް ބައްދަލުކުރާނެއެވެ. މި ޝޯވގައި ވެސް ފިލްމުގެ ޑައިރެކްޓަރު ޢީސާ ޝަރީފް ބައްދަލުކުރާނެއެވެ.
“ފަތިސްހަނދުވަރު ސްޕެޝަލް – އެޕިސޯޑް 2″ގައި ބައިވެރިވެލައްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ، ކުރީގެ އެންމެ މަޤްބޫލު އެކްޓަރު މޫސަ ދެއްވާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ކްއީން، ނިއުމާ އާއި ހަންނާންގެ އިތުރުން އައިސްތު ވެސް ވަނީ އެ ޝޯވގައި ބައިވެރިވާނެ ކަމުގެ ޔަޤީންކަން ދީފައެވެ
މިފަހަރުގެ އެޕިސޯޑްގައި ފިލްމުގެ ކާސްޓާއި ލަވަކިޔުންތެރިން އަދި ޓެކްނިކަލް ކްރޫއާ ސުވާލުކުރުމުގެ ފުރުޞަތު، ކުރީގެ ޝޯވއަށް ވުރެން ބޮޑަށް ހުޅުވައިލުމަށް ނިންމާފައިވެއެވެ.
“ފަތިސްހަނދުވަރު ސްޕެޝަލް – އެޕިސޯޑް 2” ދެއްކުމަށް މަސައްކަތްކުރަމުން ދަނީ މިމަހުގެ 18ވާ އާދީއްތަ ދުވަހުގެ ރޭ 22:00ގައި މުނިއަވަސް ޚަބަރު ގަޑީގެ ދެވަނަ ސެގްމެންޓެއްގެ ގޮތުންނެވެ.
