ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުރިއަށް ގިނަ މެޗުތަކެއް ކުޅެން އޮއްވައި އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައިވެއްޖެއެވެ.
ރޭ އަމިއްލަ ގައުމުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗު 0-1 ނަތީޖާއަކުން ކާމިޔާބުކޮށް ބްރެޒިލް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރިއިރު، އެ މެޗުގެ ހަމައެކަނި ގޯލު 72 ވަނަ މިނެޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޕަކޭޓާ އެވެ.
ކޮލިފައިންގައި ބްރެޒިލުން ވަނީ މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެ 34 ޕޮއިންޓް ހޯދައިފައެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ވާދަކުރާ 10 ގައުމުގެ ތެރެއިން ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭނީ އެންމެ ކުރީގައި ނިންމާލާ ހަތަރު ގައުމަށެވެ. ބްރެޒިލްގެ ފަހަތުން ދެ ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓް ހޯދާފައިވާ އާޖެންޓީނާއެވެ. ތިން ވަނައިގައި އޮތް އިކުއެޑޯ އަށް 13 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ޗިލީ އާއި ފަސް ވަނައިގައި އޮތް ކޮލަމްބިއާ އަށް 13 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. މަޝްހޫރު އުރުގުއޭ އޮތީ 12 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު އެހެން މެޗުތަކުގައި ނެރެފައިވާ ނަތީޖާގެ ތަފާތުން ހަ ވަނައިގައެވެ.
ދެކުނު އެމެރިކާ ކޮލިފައިންގައި ބްރެޒިލަށް ދެން އޮތީ މި މަހުގެ 17 ވަނަ ދުވަހު ރަށުން ބޭރުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ މެޗެވެ. ބްރެޒިލް މެޗުގެ ކުރިން އާޖެންޓީނާ އިން މިރޭ ފަތިހު ރަށުން ބޭރުގައި އުރުގުއޭއާ ވާދަކުރާނެއެވެ.
