ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވެބް ސީރީޒް “ގިރިޓީ ލޯބި” އަދި ބައިސްކޯފުގެ ޑްރާމާ ސީރީޒް “ނޫންތަ؟” ރިލީޒްކުރުން ފަސްކޮށްފިއެވެ. މި ދެ ސީރީޒް ރިލީޒްކުރާނެ ތާރީޚެއް ވަރަށް އަވަހަށް އިޢުލާނުކުރާނު ކަމަށް ބައިސްކޯފުން މިމަހުގެ 21 ވަނަ ދުވަހު އާއްމުކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
20 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ “ގިރިޓީ ލޯބި” ވެބް ސީރީޒް ބައިސްކޯފުން ދައްކަން ކުރިން ހަމަޖެހިފައި އޮތީ މިމަހު 20 ވަނަ ދުވަހުއެވެ.
މަޖާ ކަންތައްތަކެއް ފެނިގެންދާނެ “ގިރިޓީ ލޯބި” ވެބް ސީރީޒްގައި ހަރަކާތްތެރިވާ މުހިންމު ތަރިންގެ ތެރޭގައި މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން މުޙައްމަދު މަނިކު، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް)ގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެއެވެ.
މިއީ ޢާއިޝަތު ފުއާދު ތައުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަހްމަދު ޒަރީރުއެވެ.
PSA!!!
We regret to inform that the premiere of #GiriteeLoabi and #Noontha? has been delayed. New premiere dates will be announced soon.Thank you all for the continued support.
— Baiskoafu (@baiskoafu) November 21, 2021
“ނޫންތަ؟” އަކީ ތަފާތު ހަ ވާހަކައެއް ގެނެސްދިނުމަށް ބައިސްކޯފުން ހަދާ ހަ އެޕިސޯޑްގެ ސީރީޒެކެވެ. ”ނޫންތަ؟“ގެ ފުރަތަމަ އެޕިސޯޑުގެ ލީޑުން ފެންނާނީ ހުނަރުވެރި ތަރިން ކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަޙްމަދު އާސިމްގެ އިތުރުން، މީގެ ކުރިން ވީޑިއޯ ލަވަ އަކުން ފެނިގެން ގޮސްފައިވާ އަދުހަމް އެވެ.
”ނޫންތަ؟“ގެ ތިން އެޕިސޯޑެއް ޑައިރެކްޓްކުރާނީ އިޤްބާލް އެވެ. އަނެއް ތިން އެޕިސޯޑް ޑައިރެކްޓްކުރާނީ ނާއިޝާ އެވެ.
”ނޫންތަ؟“ގެ ހަ އެޕިސޯޑުގެ ތެރެއިން ކޮންމެ އެޕިސޯޑެއްގައި ވެސް ފެންނާނީ ތަފާތު ތަރިންނެވެ.
