ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާމޯސް އަށް ރަތް ކާޑު ދެއްކިއިރު، ޕީއެސްޖީ އެއްވަރު ވެއްޖެ

ސާޖިއޯ ރާމޯސް ޕީއެސްޖީ އަށް ކުޅެދިން ތިންވަނަ މެޗުގައި އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއިރު، ޕީއެސްޖީ އެއްވަރު ވެއްޖެއެވެ.

ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ރަށުން ބޭރުގައި ލޯރިއެންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް ލޯރިއެންގެ ތޯމަސް މޮންކޯޑިއުން ޖެހި ހަމައެކަނި ލަނޑުން އެ ޓީމު މޮޅުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި އިކާޑީ ވަނީ އަޝްރަފް ހަކީމީ ހުރަސް ކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ޕީއެސްޖީއަށް ޕޮއިންޓެއް ހޯދައިދީފައެވެ.

ރޭގެ މެޗަކީ، ސްޕެއިންގެ ރެއާލް މެޑްރިޑުން ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއަށް ބަދަލުވި ޑިފެންޑަރު ސާޖިއޯ ރާމޯސް އެ ޓީމަށް ކުޅެދިން ތިން ވަނަ މެޗެވެ. ބަދަލު ކުޅުންތެރިއެއް ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ރާމޯސް އަށް ރަތްކާޑު ދެއްކީ މެޗުގެ ފަހު 10 މިނިޓުތެރޭ ގާތްގާތުގައި ދެއްކި ދެ ރީނދޫ ކާޑާ އެކުގައެވެ. މެޗުގެ 81 ވަނަ މިނިޓުގައި، ނުރައްކާތެރި ފައުލަކަށް ފުރަތަމަ ރީނދޫ ކާޑު ދެއްކިއިރު، އިތުރު ފައުލަކަށް އޭގެ ފަސް މިނިޓު ފަހުން ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފައެވެ.

މިއީ ރާމޯސްގެ ކެރިއަރުގައި އޭނާއަށް ދެއްކި 27 ވަނަ ރަތް ކާޑެވެ. ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން އޭނާ ރެއާލްގައި ހޭދަކުރި 16 ސީޒަނުގައި ވަނީ 26 ރަތްކާޑު ދައްކައިފައެވެ.

އެއްވަރުވި ނަމަވެސް ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 46 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ނީސް އާއި ތިންވަނައިގައި އޮތް މާސޭ އަށް ލިބިފައި ވަނީ 33 ޕޮއިންޓެވެ. އަދި ހަތަރު ވަނައިގައި އޮތް ރެނެސް އާއި ފަސް ވަނައިގައި އޮތް މޮންޓެޕިލިއޭ އަށް 31 ޕޮއިންޓް ލިބިފައިވާއިރު މޮނާކޯ ހަވަނައިގައި އޮތީ 29 ޕޮއިންޓް ހޯދައިގެންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top