ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ އަލަތު ޑްރާމާ ސިލްސިލާ “ސަންގީ މާހް” މިރޭ ދައްކަން ފަށާނެއެވެ.
ޕާކިސްތާނުގައި އެކި ޤަބީލާތަކަށް ނިސްބަތްވާ މީހުން ދިރިއުޅޭ ސަރަހައްދުގައި އުޅޭ ބައެއްގެ ގޯސް ޤަބޫލުކުރުންތަކާއި ފިކުރިއްޔާތުގެ ސަބަބުން އަމިއްލަ ނަފްސާއި ލޯބި ޤުރުބާންކުރާ ގޮތް ކިޔައިދޭ “ސަންގީ މާހް” ގައި އާތިފްގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ހާނިއާ އާމިރް، ސާނިއާ ސައީދު، ސާމިޔާ މުމްތާޒް، ކުބްރާ ޚާން، ނޫމާން އިޖާޒް އަދި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޒަވިޔާރް ނޫމާން އިޖާޒްއެވެ.
މުސްތަފާ އަފްރީދީ ލިޔެ، ސައިފީ ޙަސަން ޑައިރެކްޓްކޮށް ގެނެސްދޭ މި ޑްރާމާއަކީ 2016 ގައި އޭނާ ގެނެސްދިން “ސަންގީ މަރް މަރް” ޓްރިއޯލޮޖީގެ ދެވަނަ ބައެވެ. އަދި މި ބަޔަށްފަހު “ސަންގީ ސިޔާހް” ގެ ނަމުގައި މީގެ ތިންވަނަ ބައި ގެނެސްދޭނެކަމަށް ސައިފީ ބުނެފައިވެއެވެ.
މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ “ސަންގީ މާހް” މިރޭ ހަމް ޓީވީއިން ދައްކަން ފަށާއިރު، ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 8:00 ގައި ހަމް ޓީވީއިން މި ޑްރާމާގެ އާ އެޕިސޯޑެއް ގެނެސްދޭން ވަނީ ނިންމާފައެވެ. އޭގެ ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
