ޑައިރެކްޓަރު ރާޖްކުމާރް ހިރާނީގެ އާ ފިލްމުގެ ރޯލަކަށް ޒުވާން ބަތަލު ވިކީ ކޯޝާލް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
ޚަބަރުތައް ބުނާގޮތުގައި ރާޖްކުމާރްގެ މި ފިލްމުގެ ވަރަށް މުހިންމު ރޯލަކަށް ވިކީ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭނާގެ ކުރީގެ ފިލްމުތަކުގައިވެސް މަޝްހޫރު ތަރިންގެ ޚާއްސަ ރޯލުތަކެއް ހިމަނާފައިވެއެވެ. އެގޮތުން “މުންނާބާއީ” ފިލްމު ސީރީޒްގައި ޖިމީ ޝޭރްގިލް، “ޕީކޭ” ގައި ސަންޖޭ ދަތާއި ސުޝާންތު ސިންގ ރާޖްޕުތު އަދި “ސަންޖޫ” ގައި ވިކީ ކޯޝާލް ޚާއްސަ ރޯލުތަކެއް ކުޅެފައިވެއެވެ.
“ސަންޖޫ” ގެ ސެޓުގައި ރާޖްކުމާރް އާއި ވިކީގެ ގުޅުން ވަރަށް ރަނގަޅުވުމުގެ ސަބަބުން އޭނާގެ އިތުރު ފިލްމަކަށް ވިކީ ނަގައިފާނެކަމަށް ކުރިންވެސް އޮތީ ޤަބޫލު ކުރެވިފައިކަމަށް ފިލްމާއި ގާތް މަސްދަރަކުން ބުނެފައިވެއެވެ.
ރާޖްކުމާރް ހިރާނީ އާއި ޝާހް ރުކް އެކުގައި މަސައްކަތް ކުރާ މި ފިލްމަށް އަދި ނަމެއް ހަމަޖައްސާފައި ނުވާއިރު، މިއީ ސޯޝަލް ކޮމެޑީއެއް ކަމަށްވެއެވެ. އަދި ފިލްމުގެ ލީޑް ބަތަލާއަކަށް ތާޕްސީ ޕަންނޫ ހަމަޖައްސާފައިވާ ކަމަށާއި ބަމަން އިރާނީވެސް ފިލްމުން ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
މި އަހަރުގެ މެދުތެރޭ ޝޫޓިންގ ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.
