އައިފިލްމްސް، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ލައިޓްސް އައުޓް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމު “ލޯބިން…؟”ގެ ޓްރެއިލާ އަދި ރަސްމީ ޕޯސްޓަރު ރިލީޒްކުރުމާއެކު ބެލުންތެރިންގެ ހިތުގައި ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. “ލޯބިން…؟” ހަމަ މިވެސް، އެވެސް ކޮށްފާނެ ކަމެއްބާއޭ ސުވާލު އުފެދޭ ފަދަ އެތައްކަމެއް ޓްރެއިލާއިން ފެނިގެންދެއެވެ.
ފިލްމު “ލޯބިން…؟” އަކީ ދިވެހި މުޖުތަމަޢަށް އެތަކެއް ފައިދާހުރި މެސެޖްތަކެއް ލިބިގެންދާނެ ފިލްމެއްކަން ޓްރެއިލާއިން ފެނުނު މަދު މަންޒަރުތަކުން ހެދިކޮށްދެއެވެ.
2025 އޯގަސްޓް 06 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރަން އަމާޒުހިފާފައިވާ މި ފިލްމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތް ވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
އައިފިލްމްސްގެ “ލޯބިން…؟” ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އާދަމް އާއި އަހްމަދު ޝާކިރާއި އަހުމަދު ޝާރިފެވެ. މީގެ އިތުރުން ޢާއިޝަތު ގުލްފާ (އައިޝާ)ގެ ވަރަށް ތަފާތު ރޯލެއް މި ފިލްމުން ފެނިގެންދާނެއެވެ. ޓްރެއިލާއިން އައިޝާގެ މޫނު ނުފެނުނަސް އަޑު އިވިގެންދާ މަންޒަރަށް ވިސްނައިލުމުން އޭނާ މި ފިލްމުން ފެނިގެންދާނެ ތަފާތު ރޯލާއިމެދު ކޮންމެވެސް ވަރެއްގެ އަންދާޒާއެއް ކޮށްލެވޭނެއެވެ.
މި ފިލްމުގެ ލަވައެއް ކަމަށްވާ “ލޮލުގެ ޖަޒުބާތުން” ނުހަނު ލޯބިން ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މި ލަވައަށްވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ސުހައިލް މީގެކުރީން ކިޔާފައިވާ ލަވައެއްގެ ރީމޭކެކެވެ. ތާތި އާދަމް އާއި އަހްމަދު ޝާރިފްގެ ލޯބި މަންޒަރުތަކެއް ދައްކުވައިދޭ މި ލަވަ ވެސް ޑައިރެކްޓުކޮށްފައިވަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. އިފްނާޒް ކިޔާފައިވާ މި ލަވައިގެ މިއުޒިކު ހެދީ އަހްމަދު ފުރުގާންއެވެ. މޭކަޕްކޮށްފައިވަނީ ރާއްޖޭގައި މިވަގުތު ހުރި މިކަމަށް އެންމެގާބިލު ރުތުބާ އަހްމަދެވެ.
ފިލްމު “ލޯބިން…؟”ގައި އިއްލެއާއެކު މަސައްކަތް ކުރާނީ އިފްނާޒްއެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އިއްލެގެ އެންމެ ފުރަތަމަ ފިލްމު “ބަވަތި”ގެ ލީޑު ރޯލުން ވެސް ފެނުނީ އިފްނާޒެވެ. އޭގެ އިތުރުން، އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑައިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ.
