ރާއްޖޭގައި ހަރަކާތްތެރިވާ އިންޓަރނޭޝަނަލް ބައިކަރ އެސޯސިއޭޝަން “މޯލްޑިވްސް ކަސްޓަމް ޗޮޕާސް”ގެ ހަަތަރު ބައިވެރިން، މޮޓޯ ބައިކްގައި 9 ދުވަހުން މުޅި ލަންކާ ވަށާ ބުރެއް ޖަހައިފިއެވެ.
މި ދަތުރަކީ 10 ދުވަހަށް ރާވައިގެން ފެށި ދަތުރެއް ކަމަށްވިޔަސް، ކާމިޔާބު ކަމާއެކީ 9 ދުވަހުން މުޅި ލަންކާ ވަށާ ދަތުރު ނިންމާލެވުނު ކަމީ މި ދަތުރުގެ ބައިވެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދަތުރުގެ އެއް ލީޑް އަލީ އަމީރު ވިދާޅުވިއެވެ.
ހަތަރު ބައިވެރިންނާ އެކު ދަތުރު ފެށީ މި މަހުގެ 11 ވަނަ ދުވަހު ކޮލޮމްބޯއިންނެވެ. ދަތުރު ނިންމާފައި ވަނީ 19 ވަނަ ދުވަހު ކޮލޮމްބޯގެ “ގޯލް ފޭސް” ސަރަހައްދަށެވެ.
މި ދަތުރު އެންމެ ކާމިޔާބު ދަތުރަކަށް ވެގެން ދިޔައީ ހަަތަރު ބައިވެރިންވެސް ހެޔޮހާލުގައި އެއްވެސް މީހަކު ބަލިނުވެ މި ދަތުރު ނިންމާލެވުމުން ކަމަށް ދަތުރު އެއް ލީޑް އަލީ އާމިރު ވިދާޅުވިއެވެ. ރާއްޖޭގެ ދެ ބައިވެރިންގެ ގޮތުގައި މި ރޭހުގައި ބައިވެރިވެފައި ވަނީ ކުބްރާން ރަޝީދު އަދި އަލީ އާމިރު އެވެ. މީގެ އިތުރުން ބައިވެރިވެފައި ވަނީ ލަންކާގެ ދެ ބައިވެރިންނެވެ.

ނުވަ ދުވަހުގެ ދަތުރު ތަފްސީލު
ފުރަތަމަ ދުވަސް: 255ކިލޯ މީޓަރ ކޮލޮމްބޯއިން ޕުއްތަލަމްއަށް.
ދެވަނަ ދުވަސް: 255 ކިލޯ މީޓަރ ޕުއްތަލަމް އިން މަންނާރަށް.

ތިންވަނަ ދުވަސް: 239ކިލޯ މީޓަރ މަންނާރު އިން ޖަފްނާއަށް.
ހަތަރުވަނަ ދުވަސް: 298ކިލޯ މީޓަރ ޖަފްނާއިން ޓްރިންކޮމަލީއަށް.

ފަސްވަނަ ދުވަސް: 275ކިލޯ މީޓަރ ޓްރިންކޮމަލީ އިން އަރުގަމް ބޭއަށް.
ހަވަނަ ދުވަސް: 200ކިލޯ މީޓަރ އަރުގަމް ބޭއިން އެއްލާއަށް.
ހަތްވަަނަ ދުވަސް: 115ކިލޯމީޓަރ އެއްލާއިން ޔާލައަށް.
އަށްވަނަ ދުވަސް: 177ކިލޯމީޓަރ ޔާލައިން ހިތްކަޑުވާއަށް.
ނުވަވަނަ ދުވަސް: 143ކިލޯ މީޓަރ ހިތްކަޑުވާއިން ކޮލޮމްބޯއަށް.

ކަސްޓަމް ޗޮޕާސްގެ ކާމިޔާބު ދަތުރަށް ފަހު ދެން މިކަހަލަ ދަތުރެއް އިންޑިޔާގައި ކުރިއަށް ގެންދަން ގަސްތުކުރާ ކަމަށް އަލީ އާމިރު ވިދާޅުވިއެވެ. އަދި އަބަދުވެސް ރޭސް ބާއްވާ، ތައިލޭންޑްގައި ވަރަށް އަވަހަށް ރޭސްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައި ވާ ވާހަކަވެސް ވިދާޅުވިއެވެ.

މޯލްޑިވިއަން ކަސްޓަމް ޗޮޕާރސް އަކީ ރާއްޖެ އަދި ތައިލޭންޑް ގައި ހަރަކާތްތެރިވާ ބައިކަރސް އެސޯސިއޭޝަން އެކެވެ. 2013 އިން ފެށިގެން “މޯލްޑިވިއަން ކަސްޓަމް ޗޮޕާރސް” އިން އަންނީ އެކި އިވެންޓްތަކުގައި ރާއްޖެ ތަމްސީލު ކުރަމުންނެވެ.

