ރާއްޖޭގެ ފިލްމީ މަސައްކަތުގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ފިލްމު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމެންޓުން މި އަހަރަށް އަލްވަދާޢު ކިޔުމަށްޓަކައި ވަރަށް ވަރުގަދަ ލޯބީގެ ފިލްމެއް ގެނެސްދިނުމަށް ނިންމާފައިވާކަމަށް މީގެ ދެތިން ދުވަހެއް ކުރިން އިއުލާނުކުރިއެވެ. އޭގެ ފަހުން ޑާާކް ރެއިންގެ މީޑިއާ ގްރޫޕްގައި އެމީހުންގެ ޕްރޮޖެކްޓް 39ގެ ނަން ހާމަކުރުމަށް ޚާއްޞަ އިވެންޓެއް 24 އޮކްޓޫބަރުގައި ބާއްވާނެ ކަމަށް އިޢުލާނުކުރިއެވެ.
ޑާކް ރެއިންއިން ޑިސެމްބަރު 1 ގައި ނެރޭ ފިލްމަށް ކިޔަނީ ކޮން ނަމެއްހޭ އަހައި، ޖަވާބު ދިމާކުރުމަށް ބުނާ ޕޯސްޓެއް މިރޭ ޑާކް ރެއިންގެ މީސްމީޑިއާ މަންސަތަކުގައި އާއްމުކޮށްފައިވެއެވެ. އިޚްތިޔާރީ ތިން ޖަވާބާއެކު އާއްމުކޮށްފައިވާ މި ޕޯސްޓްގައި ބުނެފައިވަނީ މި ފިލްމުގެ ނަން ދިމާކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް ޕްރިމިއާ ނައިޓްގެ ޓިކެޓް ހޯދުމުގެ ފުރުޞަތު ހުޅުވާލެފިވައިވާ ކަމަށެވެ. މި ކަމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ 24 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 19:59 ކަމަށެވެ.
ޑާކް ރެއިންއިން ޑިސެމްބަރު 1 ގައި ނެރޭ ފިލްމަށް ކިޔަނީ ކޮން ނަމެއް؟
1️⃣ އަލްވަދާޢު
2️⃣ އުމުރަށް ސަލާމް
3️⃣ ދެން ލަލަލާ
ޕްރޮޖެކްޓް 39ގެ ނަން ދިމާކުރަން ފަސޭހވާނެ ހިންޓެއް މި އާޓިކަލްގެ ފޮޓޯއަށް ތަންކޮޅެއް ފުންކޮށް ވިސްނައިލުމުން ލިބޭނެ އެވެ.
މި ފިލްމާބެހޭ އެހެން ސިއްރެއް ހިއްސާކޮށްލާނަމެވެ. މީގެ ދެތިން ދުވަހެއް ކުރިން، ޑާކް ރެއިންއަށް ޓެގްކޮށް، މަޝްހޫރު އެކްޓްރެސް މަރިޔަމް މަޖުދާ (މަޖޫ) އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ޑިސެމްބަރުގައި ރިލީޒްކުރާނެ ކަމަށެވެ. އެހެންކަމުން ޑާކްރެއިންގެ ޕްރޮޖެކްޓް 39ގެ ލީޑްގައި މަޖޫ ހިމެނޭނެކަން މިހާރު މިވަނީ ގައިމުވެ ކަށަވަރުވެފައެވެ.
