މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރި ދިވެހި ފިލްމު ”ލިލީ“ މި މަހު 21ގައި އަނެއްކާވެސް އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާއިރު، ފިލްމުގެ ޕްރޮޑިއުސަރުގެ ފޭސްބްކް މެދުވެރިކޮށް މި ފިލްމުގެ އައު މަންޒަރުތަކަކާއެކު ތަފާތު މެސެޖެއް ހިއްސާކޮށްފިއެވެ.

ކްރިއޭޓިވް ނެޓްވޯކުން އާއްމުކޮށްފައިވާ މި ފިލްމުގެ އައު ޓްރެއިލާ ހިއްސާކުރަމުން ޕްރޮޑިއުސަރ އަރީހް ބުނެފައިވަނީ ޑައިރެކްޓަރުގެ ކަޓް ހިމެނޭ އައު މަންޒަރުތަކަކާއެކު ފިލްމު އަލުން އޮލިމްޕަހަށް ގެންނަން އުޅޭކަމަށެވެ.

އާއްމުކޮށްފައިވާ އައު ޓްރެއިލާއިން ރާއްްޖޭގެ އެންމެ މަޝްހޫރު އެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) ވެސް ފެނިގެންދެއެވެ.

”ހެޔޮނުވާނެ ކަލޭމެން ކައިރީ ތިބެން! އެހާވެސް ނުބައި ބައެއް ތީ!“ ޔޫއްޕެ ފެނިގެންދާ މަންޒަރުގައި ޔޫއްޕެ ބުނެލާ ޖުމްލައިން އިވެނީ މިހެން ކަމަށް ޤަބޫލުކުރެވެއެވެ.

”ބައެއް ވާހަކަތައް ނުނިމޭ… އެނބުރި އަންނަނީ ވަރުގަދަކޮށް!“ ފިލްމުގެ އައު ޓްރެއިލާ ހިއްސާކުރިއިރު ލިޔެލާފައިވެއެވެ.

’ޑައިރެކްޓަރ ކަޓް‘ އަކީ ޑައިރެކްޓަރުގެ އަސްލު ނިޔަތް ދައްކުވައިދޭ ފިލްމުގެ ވާޝަނެކެވެ. އަދި މިއީ ސިނަމާ ވާޝަނަށް ވުރެ ފަހުން ނެރޭ ވާޝަނެކެވެ. އާއްމުކޮށްފައިވާ ޓްރެއިލާއާ އެކު ލިޔެލާފައިވާ ލިޔުންކޮޅުން ވެސް މި ފަހަރު އޮލިމްޕަހަށް ގެންނަ ”ލިލީ“ގައި ބައެއް އައު މަންޒަރުތައް ހުންނާނެ ކަމަށް ދަލީލުލިބެއެވެ.

ލިލީގެ މަންޒަރެއްގައި ފިލްމުގެ ލީޑް އައިޝާ

މިމަހު 21 ގައި އަލުން އޮލިމްޕަސް ސިނަމާގައި ފިލްމު އަޅުވަން ތައްޔާރުވަމުން ދާއިރު މިހާރު ދަނީ ޓިކެޓުވެސް ވިއްކަމުންނެވެ. ޓިކެޓު ވިއްކަނީ ވެބްސައިޓު މެދުވެރިކޮށެވެ. އަދި ހޮޓްލައިން 7505079 ގެ ވައިބާ މެދުވެރިކޮށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.