މުނިއަވަސް އޮންލައިން ރަސްމީކޮށް ވުޖޫދަށް އައީ 17 ޑިސެމްބަރު 2018 ގައެވެ. އޭގެ އެއް ދުވަސް ފަހުން، 18 ޑިސެމްބަރު 2018ގައި ވުޖޫދަށް އައި ”އައި ފިލްމްސް“ގެ އަހަރީ ދުވަހަކީ މިއަދެވެ. އަދުގެ މުނާސަބަތުގައި އައި ފިލްމްސްއަށް ނިސްބަތްވާ އެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

އައި ފިލްމްސްގެ ހަތްވަނަ އަހަރީ ދުވަހު، އެ ޕްރޮޑަކްޝަންގެ މީސްމީޑިއާ މަންސަތަކުން އާއްމުކޮށްފައިވާ ’ހަތަކުން‘ އައި ފިލްމްސްގެ ދަތުރު ވަރަށް ހިތްގައިމުކޮށް، ކުރުކޮށް ފޮނިކޮށް ސިފަކޮށްފައިވެއެވެ. ހަތޭއްގެ ތިރީކޮޅުން ފެނިގެންދަނީ އެ ސްޓޫޑިއޯގެ ފުރަތަމަ އުފެއްދުން ”ބަވަތި“ގެ ކުލަވަރު ތަކާއި މަންޒަރެވެ. އޭގެ ފަހުން ”ނީނާ“ގެ މަންޒަރުތަކާއި ”ބިރުވެރި ވާހަކަ“ ސީރީޒްގެ މަންޒަރުތަކެވެ. ހަމަ އެހެންމެ ފިލްމު ”ކަންބަޅި“ ސިފަކޮށްދީފައިވާއިރު ހަތޭއްގެ ތަންކޮޅެއް މަތިން ފެންނަނީ އައިފިލްމްސް އިން އެންމެ ފަހުން އުފެއްދި ލޯބީގެ ފިލްމު ”ލޯބިން…؟“ގެ މަންޒަރުތަކެވެ.

މި ލިޔުން ފަށްޓަމުން، މުނިއަވަސް ވުޖޫދަށް އައި ތާރީޚާއި އައިފިލްމްސްއާ ގުޅުވައިލީ މުނިއަވަސްއަށް ވަަރަށް މުހިންމު ސަބަބެއް އޮތަތީވެ އެވެ.

18 ޑިސެމްބަރު 2018ގައި ފިލްމީ މަސައްކަތަށް ނުކުތް އައިފިލްމްސް އިން މިހައިތަނަށް އައިއިރު ވަނީ ކާމިޔާބު ފީޗާ ފިލްމުތަކެއް އުފައްދާފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދި ދެ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރުމުގެ މަތިވެރި ޝަރަފު އައިފިލްމްސް އިން ދިނީ މުނިއަވަސް އަށެވެ.

ބަވަތި

”އައިފިލްމްސް“ގެ ފުރަތަމަ ފީޗާ ފިލްމަކީ ”ބަވަތި“ އެވެ. ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި“ އޮލިމްޕަހުގައި ރިލީޒްކުރީ 02 ސެޕްޓެމްބަރު 2019ގައެވެ.

ސައިކޮލޮޖިކަލް ތުރިލާ ”ބަވަތި”ގެ ލީޑް ކުޅެފައިވަނީ ކުރިއަރަމުން އަންނަ ހުނަރުވެރި ތަރި ނުޒުހަތު ޝުއައިބް އާއި އަލަށް ފީޗާ ފިލްމަކުން ފެނިގެންދާ އަހްމަދު އިފްނާޒް ފިރާގެވެ. ރާއްޖޭގައި ފިލްމު ރޭންކް ކުރާ ރަނގަޅު އޮނިގަނޑެއް އޮންނަ ނަމަ މި ފިލްމު ވެގެންދާނީ ހަމަ ގައިމުވެސް މެގަހިޓް ފިލްމަކަށްކަން ފާހަގަކޮށްލެވެއެވެ.

ފިލްމު ”ބަވަތި”ން ތަފާތުތަކެއް ދެއްކިއެެވެ. ޕޯސްޓް ޕްރޮޑަކްޝަން ހެދި އޯކޭޒް އިންކް އިން ގެނެސްދިނީ މީގެ ކުރިން ދިވެހި ފިލްމަކުން ދައްކާފައި ނުވާފަދަ އަމިއްލަ، އުފެއްދުންތެރި މަސައްކަތްތަކެއްކަން ފިލްމު ބެލި ފަރާތްތަކުން ފާހަގަކުރެއެވެ.

ފިލްމު ”ބަވަތި”ގެ ސިނެމޮޓޯގްރަފީގެ މަސައްކަތްތައް ކޮށްފައިވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ.

ބިރުވެރި ވާހަކަ ސީރީޒް

”ބިރުވެރި ވާހަކަ“ ސީރީޒަކީ ދިރާގުން އޯޓީޓީ ޕްލެޓްފޯމް ހިންގި ދުވަސްވަރު ގެނެސްދިން ސީރީޒެކެވެ. ޓެކްނިކަލް ގޮތުން ފެންވަރު ރަނގަޅު، އައު ކަންތައްތަކެއް ގެނެސްދިން މި ސީރީޒުންވެސް އައިފިލްމްސް އިން ދެއްކީ ދިވެހި ފިލްމު އުފެއްދުމުގެ އެހެން ލެވަލްއެކެވެ. މީގެ ކުރިން ވަރަށް އާދައިގެ ރޯލު ކުޅެފައިވާ ބައެއް އެކްޓަރުން އެހެން ލެވަލްއަކަށް ގެނެސްދިނުމުގެ މެދުވެރިއަކަށް އައިފިލްމްސް ވެގެން ދިޔައީ މި ސީރީޒް މެދުވެރިކޮށެވެ.

ބިރުވެރި ވާހަކަ ސީރީޒަކީވެސް އިލްޔާސް ވަހީދު (އިއްލެ)ގެ ގިނަ މަސައްކަތްތަކެއް ފެނިގެންދާ ކޮލިޓީ އުފެއްދުމެކެވެ.

ނީނާ

ލޯބި އަދި އެކްޝަންވެސް ހިމެނޭ ވަރުގަދަ ފިލްމު “ނީނާ” އަކީ އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމެކެވެ. ހުރިހައި ގޮތަކުންވެސް ތަފާތުތަކެއް ދެއްކި މޮޅު ފިލްމެކެވެ. މިއީ ރާއްޖޭގައި މިހައިތަނަށް އުފެއްދި އެންމެ ވަރުގަދަ އެކްޝަން ފިލްމެވެ. މި ފިލްމުން ފެންނަ ވަރުގަދަ ފައިޓް ސީންތައް ނަގާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓްރެއިނިންތަކެއް ހޯދާފައިވާ ފިލްމުގެ ލީޑް ނުޒްހަތު ޝުޢައިބް އަދި ފިލްމުގެ ވިލަން ހަމްދާން ފާރޫޤް (އައްކި)އަށް ލިބިފައިވާ ހުނަރާއި އެކުގައެވެ. މި ފިލްމަށް ފައިޓް ދަސްކޮށްދިނީ

ދިވެހި ފިލްމު “ނީނާާ”ގެ ސްކްރީންޕްލޭ، އެކްޓިން، ޑައިރެކްޝަން، ޑައިލޮގްތައް، ފައިޓް ސީންތައް، ކެމެރާކުރުން، ޓެކްނިކަލް މަސައްކަތްތައް – މިހެން ގޮސް ހުރިހައިކަމަށްވެސް ‘އޭ ސްޓަރއެއް’ ދެމުން ގިނަ ަބަޔަކު އިއްތިފާގުވެފައިވަނީ މިއީ މާސްޓަރޕީސް ދިވެހި ފިލްމެއް ކަމަށެވެ. މިވަރުގެ ދިވެހި ފިލްމެއް އަދި މިހައިތަނަށް ބެލިފައި ނެތް ކަަމަށެވެ.

ފިލްމު “ނީނާާ”ގެ ސިނެމޮޓޯގްރަފީގެ މަސައްކަތްތައް ކޮށްފައިވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަށް ކޮށްފައިވަނީ “ބަވަތި” ގައިވެސް އެ މަސައްކަތްތައް ކުރި ޓީމުކަމަށްވާ “އޯކޭޒް އިންކް” އިނެވެ.

ފިލްމުގެ ތަރިންނަށް މާޝަލް އާޓްސް ޓްރެއިނިން ހަދައިދިނީ ’ޝިން އެޓަމީ މޯލްޑިވްސް‘ އިންނެވެ. ބޮޑީ ޓްރާންސްފޮމޭޝަން ޖައްސައިދިނީ ’ބަރ ކޮންސެޕްޓް‘ އިންނެވެ.

ތިންވަނަ ފީޗާ ފިލްމު ”ކަންބަޅި

01 ފެބްރުއަރީ 2024ގައި ރިލީޒްކުރި ބިރުވެރި ފިލްމު “ކަންބަޅި” ވެސް ލިޔެ ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު (އިއްލެ)އެވެ. އިއްލެގެ އިތުރުން އަޙްމަދު އިފްނާޒް ވެސް މި ފިލްމުގެ ޑައިރެކްޓްކުރުމުގައި ހަރަކާތްތެރިވެއެވެ.

ބިރުވެރި ފިލްމު “ކަންބަޅި” ކާސްޓްގައި ހިމެނޭ މުހިންމު ތަރިންގެ ތެރޭގައި ނުޒުހަތު ޝުއައިބް، ވާޝިޔާ މުޙައްމަދު، ޝަރަފުއްދީން އަބްދުﷲ، ރަވީ ފާރޫޤް އަދި އަޙްމަދު އިފްނާޒް ފިރާޤް ހިމެނެއެވެ. މީގެ އިތުރުން އަލަށް ތައާރަފުވާ ތުއްތު އާޓިސްޓް، އުމުރުން 6 އަހަރުގެ ސާރާ ބިންތު މުހައްމަދު ފާރިޤްގެ މުހިންމު ރޯލެއްވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ކަންބަޅި“ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކުރަނީ އިއްލެގެ “ބަވަތި” އަދި “ނީނާ”ގެ ވެސް އެ މަސައްކަތްތައްކުރި އޯކޭޒް އިންކް އެވެ. މި ފިލްމު ކެމެރާކުރީ ފިލްމު ”ފްރީ ޑެލިވަރީ“ އަދި ”ލޯބިން…؟“ ވެސް ކެމެރާކުރި ސަމާހް އިބްރާހީމް އެވެ.

އައިފިލްމްސްގެ މި ހުރިހާ މަސައްކަތެއް އުފެއްދުމުގައި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ކަޒްމިކް އިންޓަނޭޝަނަލްގެ ވެރިޔާ އާސިމް ޢަލީ ހިމެނެއެވެ. ފިލްމުތައް ޕްރޮޑިއުސްކުރުމުގައި އިލްޔާސް ވަހީދު އަދި އަޙްމަދު ވަޙީދުވެސް ހިމެނެއެވެ.

ހަތަރުވަނަ ފީޗާ ފިލްމު ”ލޯބިން…؟

ފިލްމު “ލޯބިން…؟” އަކީ ދިވެހި މުޖުތަމަޢަށް އެތަކެއް ފައިދާހުރި މެސެޖްތަކެއް ލިބިގެން ދިޔަ ފިލްމެކެވެ.

ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އިއްލެ ލިޔެ، ޑައިރެކްޓްކޮށްފައިވާ “ލޯބިން”ގެ ލީޑް ކާސްޓްގައި ހިމެނެނީ އިފްނާޒް ފިރާޤް، ތާތި އާދަމް، އަހުމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާ ހިމެނެ އެވެ.

މިއީ ‘އައިފިލްމްސް’، ‘އިންޖީނިއަސް ވިޝުއަލް ފެކްޓްރީ’ އަދި ‘ލައިޓްސް އައުޓް ޕްރޮޑަކްޝަން’ ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

އައި ފިލްމްސްގެ އިސް މޭސްތިރިއަކީ އަދި ޑައިރެކްޓަރަކީ ”އިލްޔާސް ވަހީދު

އިއްލެގެ މޭސްތިރިކަމުގެ ދަށުން އައިފިލްމްސް އިން މި ހޭދަވީ ކުރު މުއްދަތުގައި ގިނަ ފީޗާ ފިލްމުތަކެއް އުފައްދައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ފީޗާ ފިލްމުގެ އިތުރުން ވެބް ސީރީޒްތައް އުފައްދާފައިވާއިރު، ކަޒްމިކް އިންޓަނޭޝަނަލްގެ އުފެއްދުންތަކުގެވެސް މައިގަނޑު މަސައްކަތްތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ އިއްލެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.