ބުރަކޮށް މަސައްކަތް ކުރުމަކީ ގިނަ ވަގުތު މަސައްކަތް ކުރުން ނޫން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރް ބުނެފިއެވެ. އަކްޝޭ މިހެން ބުނެފައި މިވަނީ ބޮލީވުޑްގައި މަސައްކަތް ކުރާ ވަގުތު 8 ގަޑިއިރުގެ ޝިފްޓަކަށް ކުރު ކުރުމަށް ބައެއް ތަރިން ޑިމާންޑްކޮށް އެކަން ބޮޑު ބަހުސަކަށް ވެފައިވާ ދަނޑިވަޅެއްގައެވެ.

”އަހަރެން މަސައްކަތް ކުރަނީ ކޮންމެ ދުވަހަކުވެސް 8 ގަޑިއިރު. އަހަންނަށް ޕާސަނަލީ އިހުސާސްވޭ އަހަރެން މި ހުންނަނީ ކެމެރާ ކުރިމަތީކަން. އެއިން އަހަރެންގެ ކޮންމެ އިމޯޝަނެއް ފެންނާނެ. 8 ގަޑިއިރުގެ މަސައްކަތަށްފަހު ހަށިގަނޑު ވަރުބަލިވާނެ. 24 ގަޑިއިރު މި އޮންނަނީ. 8 ގަޑިއިރުގެ ނިދިވެސް އެބަ ބޭނުންވޭ.“

ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ އަކްޝޭ ބުނެފައިވެއެވެ.

އިތުރަށް އަކްޝޭ ބުނެފައިވަނީ ދިގު ކެރިއަރަކަށްޓަކައި މިނެއް ނެތް މަސައްކަތް ކުރަން ނުޖެހޭނެ ކަމަށެވެ. މަސައްކަތުގެ 8 ގަޑިއިރަށްފަހު 8 ގަޑިއިރު ނިދާފައި ބާކީ ވަގުތު އޭނާ ހޭދަކުރަނީ ޖިމާއި އާއިލާއާ އެކުގައި ކަމަށްވެސް އޭނާ ބުންޏެވެ. އަދި ބުރަކޮށް މަސައްކަތް ކުރުމަކީ ގިނަ ވަގުތު ނުވަތަ 15، 16 ގަޑިއިރު މަސައްކަތް ކުރުން ނޫން ކަމަށާއި ބުރަކޮށް މަސައްކަތް ކުރުމަކީ މެދުކެނޑުމެއް ނެތި ދިގުދެމޭ ގޮތަށް މަސައްކަތް ކުރުންކަމަށް ވެސް ބޮލީވުޑްގައި ”ކިލާޅީ ކިންގް“ ގެ ނަމުން މަޝްހޫރު އަކްޝޭ ބުނެފައިވެއެވެ.

މަސައްކަތުގެ އަޚުލާޤު ވަރަށް ރަނގަޅު އެކްޓަރެއްގެ ގޮތުގައި ހުރިހާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންވެސް ފާހަގަކުރާ އަކްޝޭ ބުނާގޮތުން އޭނާއަކީ ސެޓުގައި އޭނާގެ މަންޒަރުތައް ނުނެގިޔަސް ވެނިޓީ ވޭނަށް ދާ މީހެއް ނޫނެވެ. ޑައިރެކްޓަރު ގޮވަންދެން ސެޓުގައި މަޑުކުރާ ކަމަށް ބުނަމުން އޭނާ ބުނެފައިވަނީ ފާޚާނާ ބްރޭކް ފިޔަވައި އިތުރު ބްރޭކްތައް އޭނާ ނުނަގާ ކަމަށެވެ.

1991 ގައި ފިލްމު ސައުގަންދު އިން ބޮލީވުޑަށް ނުކުތް އަކްޝޭއަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދިވެސް ކުޅެމުންދާ އެކްޓަރެކެވެ. ”ކިލާޅީ“ ފްރެންޗައިޒްގެ ފިލްމުތައް، ”މޮހްރާ“، ”ދަޅްކަން“، ”ހީރާ ފޭރީ“، ”ރައުޑީ ރާތޯރް“، ”ހައުސްފުލް“ ފްރެންޗައިޒްގެ ފިލްމުތައް އަދި ”ސޫރިޔަވަންޝީ“ ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރު ސިނަމާތަކަށް ގެންނަ ”ބޫތު ބަނގްލާ“ އަދި ”ވެލްކަމް ޓު ދަ ޖަންގަލް“ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.