ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މުސްތަޤުބަލުގެ ތަޅުދަނޑި ބޭނުންތަ؟

ކޮންމެ އިންސާނަކީވެސް އުންމީދުތަކަކާއެކު ދިރިއުޅޭ މީހެކެވެ. ކުރިމަގު އުޖާލާކޮށް، ކާމިޔާބީގެ މަންޒިލަށް ވާސިލުވުމަކީ އެންމެންގެވެސް ހުވަފެނެކެވެ. ނަމަވެސް، މި ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ހުރަސްއަޅާ އެއްޗަކީ އަޅުގަނޑުމެންގެ “މާޒީ” އެވެ. ކުރިމަގުގެ ދޮރުތައް ހުޅުވައިލެވޭނީ މާޒީގެ ހިލިހިލާތަކުން މިންޖުވެ، މުސްތަޤުބަލުގެ ތަޅުދަނޑި ހޯދައިގެންނެވެ.

މާޒީއަކީ އިއްޔެއެވެ. އެއީ ހިނގައިދިޔަ ވަގުތުތަކާއި، އަޅުގަނޑުމެން ކޮށްފައިވާ ކަންތައްތަކާއި، ކުރިމަތިވި ހާދިސާތަކެވެ. މާޒީއަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ އުނގެނުމުގެ ވަރަށް މުހިންމު މަދަރުސާއެކެވެ. މާޒީގައި ދިމާވި ކަންކަމުން ރަނގަޅު ކަންކަން ނެގުމަށްޓަކައި، ކުރެވުނު ކުށްތަކަކީ އަގުބޮޑު ފިލާވަޅުތަކެއް ކަމުގައި ބަލަންޖެހެއެވެ. ކާމިޔާބީތަކުން ހިތްވަރު ލިބިގަނެ، ނާކާމިޔާބީތަކަކީ ކާމިޔާބީގެ ފުރަތަމަ ސިޑި ކަމުގައި ދެކެންވާނެއެވެ. މާޒީގެ ތަޖުރިބާތައް ދިރާސާކޮށް، ކުރެވުނު ރަނގަޅު ކަންކަން ތަކުރާރުކޮށް، ގޯސްކޮށް ކުރެވުނު ކަންކަމުން ދުރުހެލިވުމަކީ މާޒީގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.

މާޒީގެ ހިތި ހަނދާންތަކަކީ އަބަދުވެސް އިންސާނާ ފަހަތަށް ދަމާ ބާރެކެވެ. މި ހިތި ހަނދާންތަކާ ދުރަށް ދިއުމަށްޓަކައި އެންމެ މުހިންމު ކަމަކީ “މާފުކުރުމެވެ”. އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް މާފުކުރުމުން ހިތަށް ބޮޑު ތަސައްލީއެއް ލިބެއެވެ. މީގެ އިތުރުން، މާޒީގެ ހަނދާންތަކަށްވުރެ ބޮޑަށް، މިހާރު ތިމާ ހުރި ހާލަތާއި ކުރަން އޮތް މަސައްކަތަށް އިސްކަންދިނުމަކީ ނަފްސާނީ ގޮތުން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހިތާމަވެރި ހާދިސާތައް މަތިން ހަނދާންވާ ކޮންމެ ފަހަރަކު، އެކަމުން ލިބުނު ހިތްވަރުގެ މަތިން ހަނދާންކޮށް، އާ ޢަޒުމަކާއެކު ކުރިއަށް ދިއުމަށް އަމިއްލަ ނަފްސަށް ބާރުއަޅަންޖެހެއެވެ.

މާޒީ ދޫކޮށް ކުރިމަގު ބިނާކުރުމަކީ އާ ދިރިއުޅުމެއްގެ ފެށުމެވެ. މާޒީގައި ހިފަހައްޓައިގެން ތިބޭނަމަ، ކުރިމަގުގެ އުފާވެރިކަން އިހުސާސެއް ނުކުރެވޭނެއެވެ. ކުރިމަގު ބިނާކުރުމަށްޓަކައި ފުރަތަމަ ކަމަކީ ސާފު ލަނޑުދަނޑިތަކެއް ކަނޑައެޅުމެވެ. ދީނީ އަގީދާ ވަރުގަދަކޮށް، މާތްﷲ އަށް ފުރިހަމައަށް ވަކީލުކޮށް، ކެރުމާއެކު ކުރިއަށް ފިޔަވަޅު އެޅުމެވެ. ތިމާގެ ހުނަރުތައް ތަރައްޤީކޮށް، އާ ކަންތައްތައް ދަސްކުރުމަށް ވަގުތު ހުސްކުރަންޖެހެއެވެ. މީގެ އިތުރުން، ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ހިތްވަރު ހޯދުމާއި، ރަނގަޅު އަޚްލާޤާއި ސޫލޫކެއްގައި ހިފެހެއްޓުމަކީ ކުރިމަގު އުޖާލާވާނެ މަގުތަކެވެ.

މާޒީއަށް “ނޫނެކޭ” ބުނުމަކީ ކުރިމަގަށް “އާނއެކޭ” ބުނުމެވެ. މާޒީގެ ބަރުތައް ބޮލުގައި އަޅައިގެން ހުރެ، ކުރިމަގުގެ އުސްމިންތަކަށް ދިއުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން، މާޒީގެ ހިތާމަތަކާއި ނާކާމިޔާބީތައް ފަހަތަށް ދޫކޮށްލުމަކީ ނަފްސަށް ލިބޭ މިނިވަންކަމެކެވެ. މި މިނިވަންކަމާއެކު ނޫނީ ކުރިމަގުގެ ހަގީގީ ކުލަތައް ނުފެންނާނެއެވެ.

ކުރިމަގުގެ ދޮރު ހުޅުވައިދޭނެ “ތަޅުދަނޑިއަކީ” ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ކެތްތެރިކަމާއި، ސާބިތުކަމެވެ. މި ތަޅުދަނޑި ބޭނުންކޮށްގެން ދޮރު ހުޅުވާނެ ގޮތަކީ، ކޮންމެ ދުވަހަކީވެސް އާ ފެށުމެއް ކަމުގައި ބަލައި، އިއްޔެގެ ނާކާމިޔާބީއަށްވުރެ މިއަދުގެ މަސައްކަތް ވަރުގަދަ ކުރުމެވެ. ތިމާގެ ނަފްސު އިޞްލާޙުކޮށް، ދިރިއުޅުމުގެ ކޮންމެ ސިކުންތެއްގެ ބޭނުން ހެޔޮގޮތުގައި ހިފަން ފެށުމުން، ކުރިމަގުގެ ރަން ދޮރުތައް ހުޅުވެން ފަށާނެއެވެ.
މާޒީއަކީ ހަމައެކަނި ފިލާވަޅެއް ކަމުގައި ބަލާށެވެ. ކުރިމަގަކީ ތިމާ އަމިއްލައަށް ކަނޑައަޅާ މަންޒިލެކެވެ. މާޒީގެ ބަރުތަކުން ސަލާމަތްވެ، ކުރިމަގުގެ އުޖާލާ ތަޅުދަނޑި ބޭނުންކޮށްގެން ކާމިޔާބީގެ ދޮރުތައް ހުޅުވައިލާށެވެ. ހަގީގީ ކާމިޔާބީއަކީ މާޒީގެ ހިތިކަމުން އަރައިގަނެ، އުންމީދާއި ހިތްވަރާއެކު މުސްތަޤުބަލުގެ ބިންގާ އެޅުމެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top