އެވަން ޖޯގިއާ އަދި ޑަވް ކެމަރަން ލީޑް ރޯލުން ފެންނަ ޕްރައިމް ވީޑިއޯގެ އިޝްގީ ތުރިލާ ސިލްސިލާ “56 ޑޭސް” ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.
ލޯބީގެ ގުޅުމެއް އަލަށް ފެށިގެންދާއިރު ކޮންމެ ކަމެއްވެސް ފެނިގެންދާނީ ވަރަށް ފުރިހަމަކޮށް ހުވަފެނީ ގޮތަކަށެވެ. އެކަމަކު ވަގުތު ފާއިތުވެ ކަންތައްތައް ސީރިއަސް ވާން ފެށުމުން ހަގީގަތާ ކުރިމަތިލާން ޖެހޭނެއެވެ.
މިފެށިގެންދާ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެމޭޒަން ޕްރައިމް ވީޑިއޯގައި ނެރެން ހަމަޖެހިފައިވާ “56 ޑޭސް”ގެ ފުރަތަމަ ޓްރެއިލާ 21 ޖަނަވަރީގައި ދައްކާލައިފިއެވެ.
މިއީ “56 ޑޭސް” ގެ ނަމުން ވިކިގެންދިޔަ ކެތަރިން ރަޔަންގެ ނޮވެލްއަށް ބިނާކޮށްފައިވާ ސީރީޒްއެކެވެ. މިއީ ހަލަބޮލި މާހައުލެއްގައި އުފެދިގެންދާ ލޯބީގެ ވާހަކައަށް ބިނާކޮށްފައިވާ ސީރީޒްއެކެވެ. މީގައި އޮލިވަރ އަދި ސިއަރާގެ ރޯލުން ފެނިގެންދާނީ އެވަން ޖޯގިއާ އަދި ޑަވް ކެމެރަންއެވެ.
މި ސިލްސިލާގެ ވާހަކަގައި ވަރަށް ސަސްޕެންސް ގިނައެވެ. އެމީހުނގެ ގުޅުމަށް 56 ދުވަސް ވީތަނާ އޮލިވިއާގެ އެޕާޓްމަންޓުން ފެނިގެންގަނީ ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮތް އަދި ގަސްތުގައި ކުނިކޮށްލާފައިވާ މީހެއްގެ ހަށިގަނޑެވެ. މީގެ އެންމެ މުހިއްމު ސުވާލަކީ އެ ހަށިގަނޑު މަރާލައިފާ ވަނީ އޮލިވަރ ހެއްޔެވެ؟ ނޫނީ އޭގެ އިދިކޮޅުހެއްޔެެވެ؟
މި ޝޯ ބިނާކޮށްފައިވަނީ ތަހުގީގު ހިނގާ ދުވަހާއި އެމީހުންގެ މާޒީގައި ހިނގި ކަންތައްތައް އެކި ފަހަރު މަތިން ދައްކާ ގޮތަށެވެ. މިއީ ސިކުނޑި ބޭނުންކޮށްލަން ޖެހޭ ކަހަލަ ކްރައިމް ޕަޒްލެއްގެ އިތުރުން ސައިކޮލޮޖީ ތުރިލާއެކެވެ. މެއިން ކާސްޓުންގެ އިތުރަށް ކާލާ ސޫޒާ އަދި ޑޯރިއަން މިސިކް ވެސް ފެނިގެންދާނެއެވެ.
މި ސިލްސިލާ އަކީ އެޓޮމިކް މޮންސްޓާ އާއި އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް ގުޅިގެން އުފައްދާ ސީރީޒްއެކެވެ. ލީސާ ޒްވާލިންގް އާއި ކަރީން އަޝާ މި ޝޯ ލިޔެ ޕްރޮޑިއުސް ކުރާއިރު މަޝްހޫރު ޖޭމްސް ވާން ވެސް މި ޕްރޮޖެކްޓްގައި އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވއެވެ.
މި ޝޯގެ އެންމެ ޝައުގުވެރި ކަމަކީ އޭގެ ނަމުން އެނގޭ ގޮތަށް ދުވަސްތައް ގުނަމުންދާ ދިއުމެވެ. ލޯބީގެ ގުޅުމެއް ދުވަސްތަކުން ގުނާއިރު އުފެދިގެންދާ ގާތްކަމަކީ ކުށެއް ކުރަން ދިމާވި މައިގަނޑު ސަބަބަށް ވެގެންދާ ގޮތްވެސް މި ސިލްސިލާއިން ފެންނާނެއެވެ.
