ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްރީލަންކާ މެޗުން ވެސް ދިވެހިރާއްޖެ ބަލިވެއްޖެ
ފޮޓޯ: ސައުތު އޭޝިއަން ފުޑްބޯލް ފެޑަރޭޝަން

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިފްގައި ދިވެހިރާއްޖެ ކުޅުނު ފަސްވަނަ މެޗުން މިއަދު ހަވީރު ބަލިވެއްޖެއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ކުރި ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭގޮތަށް ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ދިވެހިރާއްޖެ ދެން ކުޅޭނީ ފަހު މެޗެވެ.

އަވަށްޓެރި ސްރީލަންކާއާ ދިވެހިރާއްޖެ ބައްދަލުކުރި މެޗް ނިމުނީ 6-7 އިންނެވެ. ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ކުރީކޮޅު ސްރީލަންކާއިން 3 ލަނޑުގެ ލީޑެއް ނެގިނަމަވެސް، ދިވެހިރާއްޖެ ވަނީ ފަހަތުން އަރައި 3-3 އިން ހަމަހަމަކޮށްފައެވެ. މި މެޗްގައި ދިވެހިރާއްޖެއިން ޖެހި ފުރަތަމަ ލަނޑު ޖެހީ 11 ވަނަ މިނިޓްގައި އާމިނަތު ފަޒްލާއެވެ. އޭގެ ދެ މިނިޓެއްހާއިރު ފަހުން ދިވެހިރާއްޖެއަށް ލިބުނު ކޯނަރަކުން ވަނީ 2 ވަނަ ލަނޑު ޖަހާފައެވެ. ނޫރާ ނަގައިދިން ކޯނަރު ދިފާއުކުރަން މަސައްކަތްކުރި ސްރީލަންކާ ކީޕަރުގެ އަތުގައި ޖެހިފައި އެ ބޯޅަ ވަނީ ބައިކޮޅަށެވެ. ގާތްގާތުގައި ފުރުސަތުތައް ހޯދަމުންދިޔަ ދިވެހިރާއްޖެއިން ނަތީޖާ ހަމަހަމަކުރީ ކެޕްޓަން ޝާލިޔާގެ ގޯލުންނެވެ. ސްރީލަންކާގެ ޑިފެންޑަރަކާއި ކީޕަރު ކައިރިން ނައްޓާފައި ރާނިޔާ ބޯޅަ ދިންއިރު ޝާލިޔާ ހުރީ ހުސްކޮށެވެ. ދިވެހިރާއްޖެއިން ހަމަހަމަކުރިތާ މާގިނައިރެއް ނުވަނީސް ސްރީލަންކާއިން ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހައި 4-3 އަށް ނަތީޖާ ބަދަލުކޮށްފައެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޑްބޯލް ފެޑަރޭޝަން

ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާގިނައިރެއް ނުވެ އަނެއްކާ ވެސް ދިވެހިރާއްޖެއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ދިވެހިރާއްޖެއަށް ޖަހައިދިނީ އާމިނަތު ވަރުދާއެވެ. ރާއްޖެއިން ހަމަހަމަކުރި މިނިޓްގައި އަނެއްކާވެސް ސްރީލަންކާއިން ލަނޑެއް ޖަހައި އެޓީމު ކޮޅަށް ނަތީޖާ އަނބުރާލިއެވެ. 9 ވަނަ މިނިޓްގައި ޝާލިޔާ ނަގައިދިން ކޯނަރު ދިފާއުކުރަން މަސައްކަތްކުރި ސްރީލަންކާ ކީޕަރު އަތުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑާއެކު އަނެއްކާ ވެސް ދިވެހިރާއްޖެއިން ނަތީޖާ ހަމަހަމަކުރިއެވެ.

ގާތްގާތުގައި ސްރީލަންކާއިން ދެލަނޑު ޖަހައި ފަރަގު ބޮޑުކުރި ނަމަވެސް މެޗް ނިމުމުގެ ކުރިން ރާނިޔާ އިބްރާހީމް ވަނީ ދިވެހިރާއްޖެއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. ފަސް ފައުލް ހަމަވެގެން ދިވެހިރާއްޖެއަށް ލިބުނު ދެވަނަ ޕެނަލްޓީން ދިވެހިރާއްޖެއަށް ރާނިޔާ ޖަހައިދިން ލަނޑާއެކު މިމެޗް ނިމުނީ 6-7 އިން ދިވެހިރާއްޖެ ބަލިވެގެންނެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ފަހު މެޗްގައި މިމަހު 25 ވަނަ ދުވަހު ބައްދަލުކުރާނީ ބަނގުލަދޭޝްއާއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top